19 ފެބުރުއަރީ 2022 - 06:57

ބޮލީވުޑްގެ ޒުވާން ތަރި އަނަންޔާ ޕާންޑޭ، އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންގައި އުޅެނިކޮށް މުމްބާއީ ފުލުހުން އޭނާގެ ކާރު ލޮކްކޮށްފި އެވެ.
ޝޫޓިންނަކަށް މުމްބާއީގެ ސްޓޫޑިއޯއަކަށް ގޮސް، އޭނާގެ ކާރު ޕާކްކޮށްފައި އޮތީ އެތަނުގެ ބޭރުގަ އެވެ. އެއީ ކާރު ޕާކްކުރުން މަނާ ތަނެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އަނަންޔާގެ ކާރު ޕާކްކުރި ތަނަކީ އެ ސްޓޫޑިއޯގެ ބައެއް ސާމަނު ބެހެއްޓުމަށް ބުކްކޮށްފައި އޮތް ތަނެކެވެ. އެހެންވެ، އަނަންޔާގެ ކާރު ލޮކްކުރުމުން ފަހުން، އޭނާގެ ސެކިއުރިޓީ އޮފިސަރުން ވަނީ ފުލުހުންނާ ވާހަކަ ދައްކައިގެން އެތަނުން އެ ނަގައިފަ އެވެ.
މިފަހަރު އަންނަޔާއާ މެދު ފިޔަވަޅެއް ނޭޅިތަވެސް އޭނާ އަށް ފުލުހުން އިންޒާރު ދީފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އަނަންޔާ އެންމެ ފަހުން ފެނުނީ ދީޕިކާ ޕަޑުކޯން އާއި ސިދާންތު ޗަތުރަވެދީއާ އެކު މި މަހު ކުޅުނު "ގެހެރިޔާން" އިންނެވެ. "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ނިކުތް އަނަންޔާގެ ކުރިއަށް ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ.