ޔޫއޭއީގެ އެންމެ ޒަމާންވީ އިމާރާތް ފެނިއްޖެ، 8،500 އަހަރު ފަހަތަށް
ޔޫއޭއީގެ އެންމެ ޒަމާންވީ އިމާރާތް ފެނިއްޖެ، 8،500 އަހަރު ފަހަތަށް

ޔޫއޭއީގެ އެންމެ ޒަމާންވީ އިމާރާތް އެ ގައުމުގެ އާކިއޮލޮޖިންޓުންތަކެއް ހޯދައިފި އެވެ. އެމީހުން ލަފާކުރާ ގޮތުގައި އެ އިމާރާތަށް 8،500 އަހަރު ވެދާނެ އެވެ.

ޔޫއޭއީގެ އެންމެ ޒަމާންވީ އިމާރާތް ފެނިއްޖެ، 8،500 އަހަރު ފަހަތަށް
ޔޫއޭއީގެ އެންމެ ޒަމާންވީ އިމާރާތް ފެނިއްޖެ، 8،500 އަހަރު ފަހަތަށް

އެ ގައުމުގެ ވެރިރަށް އަބޫ ދާބީގެ ޑިޕާޓްމަންޓް އޮފް ކަލްޗާ އެންޑް ޓޫރިޒަމުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އިމާރާތާއި، ކުރިން އެ ގައުމުން ފެނުނު އެންމެ ޒަމާންވީ އިމާރާތާ ހުންނާނެ ކަމަށް ބެލެވެނީ 500 އަހަރުގެ ތަފާތެކެވެ.

އެ އިމާރާތް ފެނިފައި ވަނީ އެ ޑިޕާޓްމަންޓުން ކުރިއަށް ގެންނާ އާކިއޮލޮޖިކަލް ޕްރޮގްރާމެއްގެ ތެރެއިން ދިރާސާތަކެއް ކުރަމުން އަންނަނިކޮށެވެ. އެ އިމާރާތް ފެނިފައި ވަނީ އަބޫ ދާބީގެ ހުޅަނގަށް އޮންނަ ރަށެއް ކަމަށްވާ ގަހާ އިންނެވެ.

އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވަރަށް ތިރިކޮށް ހަދާފައިވާ އެ އިމާރާތުގައި ހުންނަނީ ވައްކޮށް ހަދާފައިވާ ކޮޓަރިތަކެކެވެ. އެ ކޮޓަރިތަކުގެ ވަށާފާރު ހިލައިން ހަދާފައިވާއިރު، އުސްމިނުގައި ގާތްގަނޑަކަށް ތިން ފޫޓް ހުރެ އެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި އެ އިމާރާތަކީ ވަރަށް ކުޑަކުޑަ ކޮމިނިއުޓީއެއް ދިރިއުޅުނު ތަނެއް ކަމަށް ބެލެވެ އެވެ. އަދި އެތަނުން ވަރަށް ގިނަ ގަދީމީ ސަމާނުތައް ވެސް ފެނިފައިވެ އެވެ. އޭގެ ތެރޭގައި އެ މީހުން ޝިކާރަ ކުރަން ގެންގުޅު ކަމަށް ބެލެވޭ ހިލައިން ހަދާފައިވާ ތީރުތަކެއް ވެސް ހިމެނެ އެވެ.

ޔޫއޭއީގެ އެންމެ ޒަމާންވީ އިމާރާތުގެ ރިކޯޑް ކުރިން ދެމެހެއްޓީ އަބޫ ދާބީ ކައިރީގައި އޮންނަ މަރަވާ ކިޔާ ރަށަކުން ފެނުނު އިމާރާތެކެވެ. އެ އިމާރާތަކީ 2017 ވަނަ އަހަރު ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އިތާމުތް ވެސް ފެނުނު ތަނެވެ.