18 ފެބުރުއަރީ 2022 - 17:35

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މިހާރުގެ ލީޑަރު އަލީ އާޒިމް، 15 ވޯޓުގެ ތަފާތުން ބަލިކޮށް، އެ ގުރޫޕްގެ އާ ލީޑަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު އިންތިހާބުކޮށްފި އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު މެންދުރުން ފެށިގެން ކުރިއަށް ގެންދިޔަ އިންތިހާބުގައި އަސްލަމަށް 40 ވޯޓު ލިބުނުއިރު، އާޒިމަށް ހޯއްދެވުނީ 65 މެމްބަރުން ތިއްބަވާ ޕާލަމެންޓްރީ ގުރޫޕްގެ 25 ވޯޓެވެ.
އަސްލަމަކީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރުންގެ ތެރެއިން މެދުނުކެނޑި އެންމެ ގިނަ ދުވަސް ވަންދެން މެމްބަރުކަން ކުރައްވާ ދެވަނަ ބޭފުޅާ އެވެ. އޭނާ ގެންދަވަނީ 2005 އިން ފެށިގެން މަޖިލީހުގެ މެމްބަރުކަން ކުރައްވަމުންނެވެ. މިދިޔަ 17 އަހަރުގެ ތެރޭގައި އަސްލަމް ވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރުކަން ދުވަސްކޮޅަކަށް ކުރައްވައިފަ އެވެ. އެއީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ގައި ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ނިންމެވުމާ ގުޅިގެންނެވެ. އޭރު ޕީޖީ ލީޑަރަކަށް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޕީޖީ ލީޑަރުކަމުގެ އިތުރުން ޑެޕިއުޓީ ލީޑަރުކަން އަސްލަމް ކުރެއްވި އެވެ.
ޕީޖީ ގުރޫޕްގެ ލީޑަރުގެ ނައިބުގެ ދެ މަގާމަށް މި ފަހަރު ތިން ބޭފުޅަކު ވާދަކުރެއްވިއިރު، 49 ވޯޓުން ކާމިޔާބު ކުރެއްވި އެއް ބޭފުޅަކީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ހެންވޭރު އުތުރު ދެކުނު މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ވެސް ލިބުނީ 34 ވޯޓު ކަމަށް ވުމުން ޕީޖީ ގުރޫޕްގެ ދެވަނަ ނައިބުގެ މަގާމަށް ބޭފުޅަކު ކަނޑައެޅުމުގެ އިންތިހާބު ޖެހެނީ އަލުން ބާއްވާށެވެ.
އަމީން އާންމުގެ މަގާމަށް ވާދަކުރެއްވި ހަމައެކަނި މެމްބަރު ފުވައްމުލަކު މެދު ދާއިރާގެ ހުސައިން މުހައްމަދު ދީދީ އަށް 63 ވޯޓު ލިބުނެވެ. އަމީން އާންމުގެ ނައިބަކަށް 35 ވޯޓުން ހޮވީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ. އެ މަގާމަށް ދެން ވާދަކުރެއްވި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒަށް ހޯއްދެވުނީ 29 ވޯޓެވެ.
ޗީފް ވިޕަކަށް 34 ވޯޓުން އިންތިހާބުކުރީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އެވެ. އޭނާއާ ވާދަކުރެއްވި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އަށް ލިބުނީ 31 ވޯޓެވެ.
ޕީޖީ ގުރޫޕްގައި ހަ ވިޕުން ތިއްބަވަން ޖެހޭއިރު، އެ މަގާމަށް ކުރިމަތިލެއްވީ ފަސް ބޭފުޅެކެވެ. އެ ހުރިހާ ބޭފުޅުން ވެސް ވަނީ މިއަދުގެ އިންތިހާބުގައި ވިޕުންގެ މަގާމަށް އިންތިހާބު ކޮށްފަ އެވެ.
އެއީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު (61 ވޯޓް) އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (58 ވޯޓް) އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު (54 ވޯޓް) އާއި މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި މުހައްމަދު ރާޝިދު (51 ވޯޓް) އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް (51 ވޯޓް) އެވެ.
މި އިންތިހާބުގެ ނަތީޖާ އަށް ބަލާއިރު، ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގާތްބޭފުޅުންނެވެ. އާ ޕީޖީ ލީޑަރު އަސްލަމާއި ބިގޭ އަކީ ވެސް އެ މަނިކުފާނުގެ ފިކުރުގެ ދެ ބޭފުޅުންނެވެ.