18 ފެބުރުއަރީ 2022 - 19:20

ހުޅުޖަހައި އުނދަގޫތައް ކުރި ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކުރާ މަސައްކަތް ފުލުހުން ހުއްޓާނުލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނ. މިލަދޫގައި ޑްރަގްގެ ވިޔަފާރިކުރަން އުޅުނު ކަމަށް ތުހުމަތުކުރާ މީހަކު އެ ރަށު ޕޮލިސް ޑެސްކްގެ އިންޗާޖު، ސާޖަންޓް މުހައްމަދު އަރީޝް ހުއްޓުވުމުން، އޭނާގެ ސައިކަލްގައި ރޭ ދަންވަރު ރޯކޮށްލި ހާދިސާއާ ގުޅިގެން ސީޕީ ކުރެއްވި ޓްވީޓުގައި ވަނީ އަރީޝްގެ މަސައްކަތަށް ތައުރީފު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ މިލަދޫގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަރީޝް ކުރި މަސައްކަތާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
ގޭގެ ގޯތިތެރޭގައި ޕާކްކޮށްފައި އޮއްވައި ސައިކަލްގައި ރޯކޮށްލި މައްސަލަ ތަހުގީގުކުރަން އިސް އިންވެސްޓިގޭޓަރަކު އެ ރަށަށް ފޮނުވަން ވަނީ ނިންމައިފަ އެވެ. އަދި އެ ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
"މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ރާއްޖެއާއި ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތް ކުރިއަށްދާނެ. [މިފަދަ ހަމަލާތަކުން] ފަހަތަކަށް ނުޖެހޭނަން،" ސީޕީ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސީސީޓީވީ ފުޓޭޖުން ފެންނަނީ މޫނު ނިވާކޮށްގެން ހުރި ފިރިހެނަކު އެ ގޭގެ ގޯތި ތެރެއަށް ރޭ 3:37 ހާއިރު ވަދެ، ޕާކްކޮށްފައި ހުރި ސައިކަލަށް އެއްޗެއް އަޅާ ތަނެވެ.
އެ މީހާ އެ ތަނުން ދިއުމާ އެކު، ދޮރުމަތީގައި ހުރި އެހެން ފިރިހެނަކު ސައިކަލުގައި ވަގުތުން ރޯކޮށްލައި ދުއްވައިގަނެ އެވެ.