18 ފެބުރުއަރީ 2022 - 16:31

ޅ. އަތޮޅުގެ ހަ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފުރައިވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި މަޑިވަރާއި ހިންނަވަރާއި ފެލިވަރާއި ނައިފަރާއި އޮޅުވެލިފުށި އަދި ކުރެންދުއަށް ރައީސް ވަޑައިގަންނަވާނެ ކަމަށެވެ. އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މަޑިވަރަށް ވަޑައިގެން އެ ރަށުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ރައީސް ދެންމެ ވަނީ ހުޅުއްވައިދެއްވައިފަ އެވެ.
އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާނެ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުންފުނި ކުރެއްދޫ ހޯލްޑިންގްސް އިން ހެދި މަޑިވަރު އެއާޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައި ވަނީ މިދިޔަ މަހު އެވެ. އެއާޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ. ކުރެއްދޫ ހޯލްޑިންގްސް އިން 11 މިލިއަން ޑޮލަރު ހަރަދުކުރި މަޑިވަރު އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރީ ޗައިނާގެ ބީޔޫސީޖީންނެވެ.