18 ފެބުރުއަރީ 2022 - 12:12

ނ. މިލަދޫގައި ޑްރަގުގެ ވިޔަފާރިކުރަން އުޅުނު ކަމަށް ތުހުމަތުކުރާ މީހަކު ފުލުހަކު ހުއްޓުވުމުން، އެ ފުލުސް މީހާގެ ސައިކަލުގައި ރޭ ދަންވަރު ރޯކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިންޒާރުދީ ސައިކަލްގައި ރޯކޮށްލި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އެކަމަކު އެކަން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ ފުލުހަކީ މިލަދޫ ޕޮލިސް ޑެސްކްގައި އެންމެ އިސްކޮށް މަސައްކަތްކުރާ، އެ ރަށު މީހެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސީސީޓީވީ ފުޓޭޖުން ފެންނަނީ 3:37 ހާއިރު މޫނު ނިވާކޮށްގެން ހުރި ފިރިހެނެއް އެ ގޭގެ ގޯތި ތެރެއަށް ވަދެ، ޕާކްކޮށްފައި ހުރި ސައިކަލަށް އެއްޗެއް އަޅާ ތަނެވެ.
އެ މީހާ އެ ތަނުން ދިއުމާ އެކު، ދޮރުމަތީގައި ހުރި އެހެން ފިރިހެނެއް ސައިކަލުގައި ވަގުތުން ރޯކޮށްލައި ދުއްވައިގަނެ އެވެ.
މިލަދޫ ކައުންސިލްގެ ރައީސް އަބްދުލް މަޖީދު މުހައްމަދު ވިދާޅުވީ އެކި މަސައްކަތްތަކާ ގުޅިގެން އެ ފުލުހުގެ ސައިކަލަށް މީގެ ކުރިން ވެސް އެކި ވަރުގެ ގެއްލުން ދީފައިވާ ކަމަށެވެ.
"ސައިކަލު ހަން ފަޅާލައި އެކި ކަހަލަ ގެއްލުންތައް ކުރިން ދިނުމަށް ފަހު އެ ރޯކޮށްލީ،" މަޖީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އަތޮޅުގެ އެކި ރަށްތަކުން އެ ރަށަށް މަސްތުވާތަކެތީގެ ވިޔަފާރިކުރަން ވެސް ދަތުރުކުރާ ކަމަށެވެ.