އަފްޣާނިސްތާނުގައި ފަސް އަހަރުގެ ކުޑަ ކުއްޖަކު ވަޅަކަށް ވެއްޓި ތާށިވިތާ ދެ ދުވަސް
އަފްޣާނިސްތާނުގައި ފަސް އަހަރުގެ ކުޑަ ކުއްޖަކު ވަޅަކަށް ވެއްޓި ތާށިވިތާ ދެ ދުވަސް

ކާބުލް (ފެބްރުއަރީ 18) - އަފްޣާނިސްތާނުގައި ފަސް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވަޅަކަށް ވެއްޓި ތާށިވިތާ ދެ ދުވަސްވީ އިރު އެ ކުއްޖާ ސަލާމަތް ކުރުމަށް ބޮޑު އޮޕަރޭޝަނެއް ހިންގަން ފަށައިފި އެވެ.

އަފްޣާނިސްތާނުގައި ފަސް އަހަރުގެ ކުޑަ ކުއްޖަކު ވަޅަކަށް ވެއްޓި ތާށިވިތާ ދެ ދުވަސް
އަފްޣާނިސްތާނުގައި ފަސް އަހަރުގެ ކުޑަ ކުއްޖަކު ވަޅަކަށް ވެއްޓި ތާށިވިތާ ދެ ދުވަސް

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި ހައިދަރު ނަމަކަށް ކިޔާ ކުޑަ ފިރިހެން ކުއްޖާ ވެއްޓިފައި ވަނީ އަފްޣާނިސްތާނުގެ ދެކުނުގެ ޒަބުލް ޕްރޮވިންސްގައި ހުރި ވަޅަކަށެވެ. އެ ކުއްޖާ ތާށިވެފައި ހުރީ ވަޅުގެ 10 މީޓަރު (33 ފޫޓު) އަޑީގަ އެވެ. ވަޅުގެ ފުންމިނުގައި 25 މީޓަރު (82 ފޫޓު) ހުރި ކަމަށްވެ އެވެ.

އެ ކުއްޖާ ވަޅަށް ވެއްޓި ތާށިވީ އަންގާރަ ދުވަހު އެވެ. އެ ކުއްޖާގެ ހާލަތު ގޯސްވަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ކުއްޖާ ސަލާމަތްކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ވަޅާ ކައިރިން އެހެން ވަޅެއް ކޮނެ ޓަނަލެއް ހަދައި ކުއްޖާ ތާށިވެފައި ހުރި ހިސާބަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ.

ކުއްޖާ ވަޅުގައި ތާށިވެފައި ހުރި މަންޒަރު ވީޑިއޯ އިން ފެނެ އެވެ. ވަޅުގައި ތާށިވެފައި ހުރި ނަމަވެސް ކުއްޖާގެ އަތާއި ހަށިގަނޑުގެ މަތީ ބައިތައް ހަރަކާތް ކުރެވެ އެވެ. ވީޑިއޯ ނަގާފައި ވަނީ ވަޅަށް ލައިޓަކާއި ކެމެރާއެއް ތިރިކޮށްގެންނެވެ.

"ދަރިފުޅު އޯކޭތަ؟" ކުއްޖާގެ ބައްޕަ 50 އަހަރުގެ ހާޖީ އަބްދުލް ހާދީ ގޮވާލާ އަޑު އިވެ އެވެ. "ބައްޕައާ ވާހަކަ ދައްކާ. ބިރު ނުގަންނާތި. ނުރޯތި. ދަރިފުޅު ސަލާމަތް ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން."

"އޯކޭ. އަހަރެން ވާހަކަ ދައްކަމުން ގެންދާނަން،" ޖަވާބުގައި އެ ކުއްޖާ ބުނެ އެވެ.

ހާދީ ބުނީ ހައިދަރު ވަޅަށް ވެއްޓުނީ އެ ހިސާބުގަނޑުގައި ވަޅެއް ކޮންނަން އުޅުނު މީހުންނަށް އެ ކުއްޖާ އެހީވާން އުޅެނިކޮށް ކަމަށެވެ.

ހާދީ ބުނީ ބާލިދީ އަކަށް ކާތަކެއްޗާއި ފެން އެޅުމަށް ފަހު އެ ކުއްޖާ ހުރި ހިސާބަކަށް ތިރިކޮށްފައިވާ ކަމަށެވެ. އަދި ބާލިދީގައި ހުރި ކޭކު ހައިދަރު ކޭ ކަމަށް ހާދީ ބުންޏެވެ.

ހައިދަރު ވެއްޓިފައި ހުރީ ޝޮކަކު އަވަށުގައި ހުރި ވަޅަކަށެވެ. އެ ކުއްޖާ ވަޅުން ނެގުމުގެ މަސައްކަތް އަންގާރަ ދުވަހުގެ ރޭ ވެސް ވަނީ ކޮށްފަ އެވެ. ރެސްކިއު އޮޕަރޭޝަނުގައި ހައިދަރު 10 މީޓަރަށް މައްޗަށް ނެގި ތަނުން އެ ކުއްޖާ އަނެއްކާވެސް ވަނީ ވަޅުގައި ތާށިވެފަ އެވެ.

މި ހާދިސާ ހިނގާފައި ވަނީ މޮރޮކޯގައި ވެސް ކުޑަ ކުއްޖަކު ވަޅަކަށް ވެއްޓި އެ ކުއްޖާ ސަލާމަތް ކުރަން ބޮޑު އޮޕަރޭޝަނެއް ހިންގިތާ ދެ ހަފުތާ ވެސް ނުވަނީހެވެ. ހަތަރު ދުވަސް ފަހުން އެ ކުއްޖާ ވަޅުން ނެގިއިރު އޮތީ މަރުވެފަ އެވެ.