18 ފެބުރުއަރީ 2022 - 00:06

ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ކާމިޔާބުކުރި ދެ ލަނޑުން ފަހަތުން އަރައި 2-1 އިން އީގަލްސް މެޗު ކާމިޔާބު ކޮށްފި އެވެ.

ޓީސީ އިން ވަނީ ގިނަ ދުވަސްތަކެއް ވަންދެން އީގަލްސްގެ ގޯލު ބެލެހެއްޓި ސްރީ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ އެޓީމަށް ގެންގޮސްފަ އެވެ. ސުޖަންގެ އިތުރުން ކުރިން ޓީސީ އަށް ކުޅެ، ވޭތުވެދިޔަ ދެ އަހަރު ބަންގްލަދޭޝް ލީގުގައި ކުޅުނު މިސްރު ޑިފެންޑަރު އަލާ ނާސިރާއި، ޕްރެޒިޑެންޓްސް ކަޕަށް ފަހު އީގަލްސް ދޫކޮށްލި މިޑްފީލްޑަރު ހުސެއިން އަހުސަމް މޫސާ (ތިއްތޭ) ވެސް ވަނީ ޓީސީގެ ފުރަތަމަ 11 ގައި ހިމެނިފަ އެވެ.

އީގަލްސް އިން ވަނީ އެ ޓީމާ އަލަށް ގުޅުނު އިޓަލީގެ މިޑްފީލްޑަރު ޖިއަކޯމޯ ފަވޭރޯ ފުރަތަމަ 11 ގައި ހިމަނައިފަ އެވެ. ފަވޭރޯ ވަނީ މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަނުގައި ކުލަބް އޮންލީ ވަން އޮޕޮޗޫނިޓީ (އޯވަންއޯ) އަށް ކުޅެފަ އެވެ.
އީގަލްސް އިން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް ފުރަތަމަ ކޮޅު އެޓީމަށް ގޯލު ޖަހަން މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވޭ ގޮތެއް ނުވި އެވެ. އެޓީމުން ފުރަތަމަ ހާފުގައި ފޮނުވާލި އެންމެ ހުސް ފުރުސަތުގައި ހިސާމް ސަލީމް ބޯޅަ ފޮނުވާލުމުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިަށެވެ.
ޓީސީ އިން ވަނީ އެ ޓީމަށް ލިބުނު މަދު ފުރުސަތުތަކުގައި އީގަލްސްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފަ އެވެ. މުސްލިހް އީގަލްސް ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އީގަލްސްގެ ކީޕަރު ދިފާއު ކުރިއިރު، ރީބައުންސް ވެފައި އައި ބޯޅަ ހުސްކޮށް ހުރި ސާމީ އެއްފަހަރުން ފޮނުވާލުމުން ދިޔައީ ގޯލު މަތިން ބޭރަަށެވެ.
ޓީސީ އިން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި މުހައްމަދު މުސްލިހު ތަނަވަސްކުރި ފުރުސަތަކުން އަހުމަދު ސާމީ އެވެ. މުސްލިހު ހުސްކޮށްލާފައި ދިން ބޯޅަ ހޯދައި ސާމީ ވަނީ އެއްފަހަރުން ޖަހައި ކީޕަރު މުހައްމަދު ތާހާގެ ބޯ މަތިން ގޯލުތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
އީގަލްސް އިން އެއްވަރުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ޓީސީގެ ޑިފެންޑަރެއް އަތުން ބޯޅަ ހޯދައިގެން ހަސަން ރާއިފް (ހަންނަ) ހުސް ކޮށްލާފައި ދިން ބޯޅަ ރިޒޭ ވަނީ ހުސްކޮށް ހުރެ ގޯލަށް ފޮނުވާލައިފަ އެވެ.
އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި އީގަލްސް މޮޅުކޮށްދިން ލަނޑު ޖަހައިދިނީ މިރޭ މޮޅު ކުޅުމެއް ދެއްކައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި ހަންނަ އެވެ. އޭނާ މި ލަނޑު ޖެހީ އަބްދުﷲ ސަމީހު މޫސާ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލަށް ފޮނުވާލައިގެންނެވެ.
އެއްވަރުކުރުމުގެ ފަސް މިނިޓު ކުރިން ވެސް ރިޒޭއަށް ވަނީ ލަނޑުޖަހަން ހުސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ހަންނަ އޭރިއާ ތެރެއިން ހުސްކޮށްލާފައި ދިން ބޯޅަ ފޮނުވާލުމުން ކީޕަރު ސުޖަން ވަނީ ދިފާއުކޮށް ކޯނަރަކަށް ބޯޅަ ބޭރު ކޮށްލައިފަ އެވެ. ކޯނަރުން ހުރަސްވި ބޯޅަ ފޮނުވާލަން އޭރިއާ ތެރޭ ހުސްކޮށް ހުރި ސޮލާހް އަލީ އަށް ފުރުސަތު ލިބުނު ނަމަވެސް އޭނާ އަށް މާ ރަނގަޅަށް ބޯޅަ ފޮނުވާލެވެ ގޮތެއް ނުވި އެވެ.
މި މެޗާ އެކު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ހަފްތާގެ ކުޅުން މިވަނީ ނިމިފަ އެވެ. އީގަލްސްގެ އިތުރުން މާޒިޔާ އާއި ވެލެންސިއާ ވެސް ފުރަތަމަ މެޗުން މޮޅުވެފައި ވާއިރު، ލީގު ފަށަން ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
ލީގުގައި އަންނަ ހޯމަ ދުވަހުގެ ހަވީރު ޓީސީ އިން ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށެވެ. އަދި އެރޭ އީގަލްސް ކުޅޭނީ މާޒިޔާއާ ދެކޮޅަށެވެ.