17 ފެބުރުއަރީ 2022 - 19:55

އައިޖީއެމްއެޗްގެ ނަރުހަކަށް އުޅުނު ފިލިޕީންސްގެ މީހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލި މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށް، އެ މައްސަލާގައި ދައުވާލިބޭ މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ ބަންދަށް ހަތަރު ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.
މިދިޔަ އޮކްޓޫބަރު މަހު މޭރީއަށް ހަމަލާދީ މަރާލި މައްސަލާގައި، އެނގިހުރެ މީހަކު މެރުމުގެ ދައުވާ މާވިންގެ މައްޗަށް ކުރާއިރު، ޅ. ހިންނަވަރު މާފިނި، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
އެ ދެ މީހުންގެ ބަންދަށް ކޯޓުން އެންމެ ފަހުން އިތުރުކުރީ 30 ދުވަހުގެ މުއްދަތު ހަމަވާތީ މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން އެ މީހުން ބަންދު ކުރުމަށެވެ. އެހެންވެ، މާވިން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި އެވެ. އެކަމަކު ލަމްހާ ބަންދުކުރަން އެދުމާ ގުޅިގެން ޖަވާބުދާރީވާން އިތުރު ވަގުތު ބޭނުންވާ ކަމަށް ލަމްހާގެ ވަކީލުން ބުނުމުން އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ އަންނަ ހޯމަ ދުވަހާ ހަމައަށް އެ ފުރުސަތު ދެއްވައިފަ އެވެ.
ހޯމަ ދުވަހާ ހަމައަށް އެ ފުރުސަތު ދިނުމަށް ފަހު ގާޒީ ނިންމެވީ ހަތަރު ދުވަހަށް ލަމްހާ ބަންދު ކުރުމަށެވެ. އަދި މާވިން މިހާރު ފުލުހުންގެ ބަންދުގައި ހުރުމުން އޭނާ ރިމާންޑް ޖަލަށް ބަދަލު ކުރަން ވެސް ގާޒީ އެންގެވި އެވެ.
މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ހޮސްޕިޓަލްތަކުގައި ނޫނީ ނުގެންގުޅެވޭނެ ފަދަ އިންޖެކްޝަންތަކެއް ގެންގުޅެފައިވާތީ ހުއްދަ ނަގައިގެން ކުރަންޖެހޭ ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ.
އައިޖީއެމްއެޗްގެ ޑައިލިސިސް ޔުނިޓްގައި މަސައްކަތްކުރާ މޭރީ ދަންޖެހިގެން މަރުވީ ޑިއުޓީގައި ހުރެފައި ގެޔަށް ދިއުމަށް ފަހު ކަމަށް މާވިން ވަނީ ބުނެފަ އެވެ. ނަމަވެސް ދަންޖެހިގެން މަރުވެފައި އޮންނަ މީހެއްގެ ހަށިގަނޑުން ފެންނަ ފަދަ ނިޝާންތަކެއް މޭރީގެ ހަށިގަނޑުގައި ނެތުމުން ތަހުގީގު ފުޅާކޮށް ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމުން، މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުންކަން ފަހުން އެނގުނެވެ.