17 ފެބުރުއަރީ 2022 - 18:56

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް 1-0 ން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ މޮޅަކުން ފަށައިފި އެވެ.

އިއްޔެ ފެށި ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުގެ ލަނޑު ޖެހީ ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ.
ސީޒަންގެ ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް ކާމިޔާބު ކުރި ނަމަވެސް، މިދިޔަ މަހު ނިމިގެން ދިޔަ ޕްރެޒިޑެންޓްސް ކަޕްގައި ކުރިމަތިވި ނާކާމިޔާބާއެކު ކޯޗް ކަމުގައި ހުރި މުހައްމަދު ޝިޔާޒު (މޯހަން) މަގާމުން ވަކި ކުރުމަށް ފަހު މާޒިޔާގެ ކޯޗްކަން އެ ކްލަބުން ހަވާލު ކުރީ ސާބިއާގެ މިއޯޑްރާގް ޖެސިޗް އާއެވެ.
އޭނާގެ ކޯޗް ކަމުގައި މާޒިޔާ ކުރިމަތިލި ފުރަތަމަ މެޗުވީ މާޒިޔާ އަށް އުނދަގޫ މެޗަކަށެވެ. ސަސްގެ ކޯޗް އިސްމާއީލް މަހްފޫޒް (އިންމަ) އޭނާގެ ޓީމު އަތުރާލީ ފަސް ޑިފެންޑަރުން ހިމެނޭ ގޮތަށެވެ. އެކަމަކު މިދިޔަ ޕްރެޒިޑެންޓްސް ކަޕްގައި ޓީމުން ފާހަގަ ކުރެވުނު މުހިންމު ބައެއް ކުޅުންތެރިން ފުރަތަމަ ކޮޅު އޭނާ ބޭތިއްބީ ބެންޗުގަ އެވެ.
ޔަޝްފާދު ހަބީބު (މުލަކޭ) އާއި އިބްރާހިމް އަތީގް ހަސަން (އިއްބެ) އަދި އަހްމަދު އައިހަމް ފެށީ ބެންޗުންނެވެ. އެކަމަކު ބިދޭސީ އެއް ވެސް ކުޅުންތެރިޔެއްގެ އެހީއާ ނުލައި ފުރަތަމަ ހާފުގައި ސަސް އިން ވަނީ މާޒިޔާ ހިފަހައްޓައިލައިފަ އެވެ.
މާޒިޔާގެ ލަނޑު ކޯނޭ ޖެހީ ސަސްގެ ޑިފެންޑަރުންނަށް ޓީމުގެ ފަހްތް ރަނގަޅަށް ކަވާ ނުކުރެވި ވަނިކޮށެވެ. މެޗުގެ 78 ވަނަ މިނެޓްގައި ހަމްޒާ މުހައްމަދު (ހަމްޕް) ދިން ބޯޅަ ކޯނޭ އަށް ލިބުނީ އޭރިއާގެ ބޭރުންނެވެ. އެވަގުތު އޭނާ އަށް ހުރަސް އަޅާނެ އެއްވެސް ޑިފެންޑަރެއް ސަސްގެ ޑިފެންސްލައިނަކުން ނުވި އެވެ. ކޯނޭގެ ބޯޅަ ހުއްޓުވަން ކުރިއަށް ނުކުތީ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ.
ޝަފީއު ބޯޅަ އަށް ޓެކްލްކޮށްކޮށް އޮއްވައި ކޯނޭ ވަނީ ޝަފީއު ގައިމަތިން ބޯޅަ ފޮނުވައިލައި ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ. މާޒިޔާއިން އަގުބޮޑުކޮށް ގެނައި ސްޕެއިންގެ ޕެޑްރޯ ޑޮމިނިގޭޒް (ޓާނާ) މެޗު ފެށީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ސްޕެއިންގެ ލަސްޕަލަމްސް އަށް ކުޅެ މަޝްހޫރު ރެއާލް މެޑްރިޑް ކޮޅަށް ލަނޑު ޖެހި ފޯވާޑް ކުޅެން ނުކުތީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބަދަލުގަ އެވެ.
މިރޭ ކުޅޭ މެޗުގައި ވާދަ ކުރާނީ ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބެވެ. މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.