17 ފެބުރުއަރީ 2022 - 17:07

އެމްޕީއެލް އާއި ޔޫތު މިނިސްޓްރީއާ ގުޅިގެން އެމްޕީއެލްގައި ޒުވާނުންނަށް ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދިނުމަށް "ކެރިއާ އެކްސްޕްލޮރޭޝަން" ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓވައިދެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.
މި ޕްރޮގްރާމުގެ ދަށުން، އެމްޕީއެލްގައި ހުރި ފުރުސަތުތަކުގެ މައުލޫމާތުގެ އިތުރުން އެމްޕީއެލްގައި ހުރި ތައުލީމީ ފުރުސަތުތަކާއި ވަޒީފާގެ މާހައުލުގެ ތަޖުރިބާ ވެސް ބައިވެރިންނަށް ލިބޭނެ އެވެ. މި ޕްރޮގްރާމުގައި 20 ޒުވާނަކު ބައިވެރިވެ އެވެ.
ޔޫތު މިނިސްޓަރު މަހުލޫފު ވަނީ މިފަދަ ޕްރޮގްރާމްތައް ހިންގުމުގައި އެމްޕީއެލްގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މިއީ ޒުވާނުންނަށް ހުޅުވިގެންދާ ވަރަށް މުހިންމު ފުރުސަތެއް ކަމަށާއި މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އޭނާ އެދިވަޑައިގަތެވެ.
"އަޅުގަނޑު އަމިއްލަ ތަޖުރިބާގައި މިބުނަނީ މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފާށޭ. މިއީ ވަޒީފާގެ މާހައުލަށް ނުކުންނައިރު މުހިންމު ފުރުސަތުތެކެއް،" މަހުލޫފު ވިދާޅުވި އެވެ.
މި ޕްރޮގްރާމް ނިންމާ ޒުވާނުންގެ ތެރެއިން ރަނގަޅު މީހުންނަށް ވަޒީފާގެ ފުރުސަތު ވެސް އެމްޕީއެލުން ވަނީ ހުޅުވާލާފަ އެވެ.