18 ފެބުރުއަރީ 2022 - 07:36

އިންޑިއާގެ ގުޖުރާތަށް އުފަން "ގަންގޫބާއީ"ގެ ރޯލުން އާލިއާ ބަޓް ފެންނާނެއިރު، އެ ފިލްމަށް ގަންގޫބާއީގެ ރޯލު ކުޅުނު ފަހުން ގޭގައި ވެސް އާލިއާ އަށް ވާހަކަ ދެއްކެނީ ގަންގޫބާއީ ވާހަކަ ދައްކާ ގޮތަށް ކަމަށް އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރް ބުނެފި އެވެ.
ގަންގޫބާއީ ހަރްޖިވަންދާސް އަކީ ކުރިން އާދައިގެ ދިރިއުޅުމެއް އުޅުނު އަންހެނެކެވެ. އޭނާ އެންމެ ބޭނުންވީ ބޮލީވުޑްގެ ތަރިއަކަށް ވާށެވެ. އެ ހުވަފެން ހަގީގަތަކަށް ހަދަން، އޭނާގެ އުމުރުން އެންމެ 16 އަހަރުގެ، އާއިލާގެ ނުރުހުމުގައި އޭނާ ހިތާވެގެން އުޅުނު ލޯބިވެރިޔާއާ އެކު ފިލައިގެން ދިޔައީ އިންޑިއާގެ ފިލްމު ސިޓީ މުމްބާއީ އަށެވެ.
އެކަމަކު އޭނާގެ ދިރިއުޅުން ހީކުރި ގޮތާ ހިލާފަށް ބަދަލުވިއިރު އޭނާގެ ހަޔާތަށް ހަދާ ފިލްމު "ގަންގޫބާއީ ކަތިއަވާޑި" މިމަހު ރިލީޒްކުރާނެ އެވެ.
ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރާ އެ ފިލްމުގެ ސޫޓިން ކުރިއަށް ދިޔައިރު ވެސް އާލިއާ އުޅޭ ގޮތުން އެންމެނަށް ވެސް އިހުސާސްވީ ގަންގޫބާއީ ކަމަށް ސަންޖޭ ވެސް ބުންޏެވެ. އެހާ ބޮޑަށް އޭނާ އެ ރޯލުގެ ތެރެއަށް ވަދެގެން މޮޅަށް އެކްޓުކުރި ކަމަށެވެ.
އެކަމަށް ރަންބީރު ވެސް އެއްބަސްވެ އެވެ. އޭނާ ބުނީ މިހާރު ގޭތެރޭގައި އުޅޭއިރު ވެސް އާލިއާ ވާހަކަ ދައްކަނީ ގަންގޫބާއީ ވާހަކަ ދައްކާ އުޅޭ ގޮތަށް ކަމަށާއި ހިނގަނީ ވެސް އެގޮތަށް ކަމަށެވެ.
ގަންގޫބާއީ ސިނަމާތަކުގައި ދައްކަން ފަށަނީ ފެބްރުއަރީ، 25 ގަ އެވެ.