17 ފެބުރުއަރީ 2022 - 17:24

އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ވައިބައިން ފައިސާ ފޮނުވޭ ހިދުމަތެއް މިއަދު ތައާރަފުކޮށްފި އެވެ.

މި ހިދުމަތް ތައާރަފު ކޮށްދެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު ހަސަން އަލް ހަމާދީ އާއި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމެވެ. މި ރަސްމިއްޔާތުގައި ވައިބާގެ ސީނިއާ ޑިރެކްޓަރު ޑީވިޑް ސޫ ވެސް ވާޗުއަލްކޮށް ބައިވެރިވެވަޑައިގަތެވެ.

އުރީދޫން ބުނި ގޮތުގައި އެ ކުންފުނިން މި ހިދުމަތް ތައާރަފުކުރީ ވަކިވަކި ކަސްޓަމަރުންނަށާއި އޮންލައިން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓް އަދި ކަންމަތީ ފިހާރަތަކަށް އިތުބާރާއި ފަސޭހަ ކަމާއެކު ފައިސާ ޓްރާންސްފާ ކުރެވޭނެ ގޮތް ހަދައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ވައިބަ މެދުވެރިކޮށް މި ހިދުމަތް ދޭން ނިންމީ ވައިބާ އަކީ ދިވެހިން އެންމެ ގިނައިން ބޭނުންކުރާ އެޕް ކަމަށްވާތީ ކަމަށެވެ. އަދި މި ހިދުމަތަކީ ދުނިިޔޭގައި ވެސް މަދު ގައުމެއްގައި ލިބޭ ހިދުމަތެއް ކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ފައިސާ ދައްކަން ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މި ޖެހެނީ ފައިސާ ޓްރާންސްފާ ކޮށްފައި ސްލިޕް ވައިބާ މެދުވެރިކޮށް ފޮނުވަން. އެކަމަކު މި ހިދުމަތާއެކު އެ ހުރިހާ ކަމެއް ކުރަން ނުޖެހޭނެ. ވައިބާ މެދުވެރިކޮށް އެމްފައިސާއިން ފައިސާ ދެއްކުމުން ކަސްޓަމަރަށާއި ވިޔަފާރި ކުރާ މީހާއަށް އެ މައުލޫމާތު މެސެުގެ ޒަރީއާއިން ލިބޭނެ،" ނިޔާޒު ވިދާޅުވި އެވެ.
ވައިބަ މެދުވެރިކޮށް، އެމްފައިސާގެ ސިލްވާ ނުވަތަ ގޯލްޑް ވޮލެޓު ގެންގުޅޭ ކަސްޓަމަރުން ގެ ތެރެއިން ފައިސާ ފޮނުވާ ފުރަތަމަ 1000 ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ވެސް އުރީދޫން ވަނީ ހުޅުވާލައިފަ އެވެ. މި އޮފާގެ ދަށުން އެމްފައިސާ ވޮލެޓަށް 25ރ. ގެ ކޭޝްބެކެއް ލިބޭނެއެވެ. މި އޮފާ ލިބޭނީ މި މަހުގެ ތެރޭގައި އެންމެ މަދުވެގެން 500ރ. ކޭޝް އިން ކުރާ ކަސްޓަމަރުންނަށެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ ވައިބާއާ ގުޅިގެން ރައްކާތެރިކަމާ އެކު ފައިސާގެ މުއާމަލާތް ކުރެވޭ ގޮތް ހެދުމުން ޑިޖިޓަލް ޕްލެޓްފޯމްތަކަށް އާއްމުން ހޭލުންތެރި ކުރެވޭނެ ކަމަށެވެ. އަދި މިފަދަ އީޖާދީ ހައްލުތައް ފޯރުކޮށްދިނުމުގައި އުރީދޫން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހިދުމަތުގެ ސަބަބުން ފައިސާގެ މުއާމަލާތް ކުރުމުގައި ރައްކާތެރިކަން ކަސްޓަމަރުންނަށް ލިބޭނެ ކަމުގެ ޔަގީންކަން ވައިބާއިން ދެ އެވެ. އެ ކުންފުނީގެ ސީނިއާ ޑިރެކްޓަރު ޑޭވިޑް ސޫ ވިދާޅުވީ ވައިބައިން ފޮނުވާ މެސެޖުތަކަކީ އެންކްރިޕްޓް މެސެޖުތަކެއް ކަމުން ޑޭޓާ ރައްކާ ކޮށްފައި ނުހުންނާނެ ކަމަށެވެ. އެހެންވެ، ހާސްކަމެއް ނެތި އެ އެޕް މެދުވެރިކޮށް އެމްފައިސާއިން ފައިސާ ފޮނުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޑޭޓާ ޕްރައިވެސީ އާއި ސެކިއުރިޓީ އަަަކީ އަބަދުވެސް ވައިބާއިން ނުހަަނު އިސްކަަމެއް ދޭ ކަަމެއް. އަޅުގަނޑުމެން ކުރިއެރުމާއި ހިދުމަަތްތައް ބިނާކުރުމުގައި އަަަޅުގަަނޑުމެންގެ ކަަަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަަމުގެ ޔަގީންކަަަން އަރުވަން" ޑޭވިޑް ވިދާޅުވި އެވެ.
ވައިބާ މެދުވެރިކޮށް ފައިސާ ފޮނުވަން ބޭނުންވާ ކަސްޓަމަރުންނަށް ވައިބާ ހުޅުވާލުމަށްފަހު ޖިފް+ ބައި ހުޅުވައި އެމްފައިސާ ހިޔާރު ކުރެވޭނެ އެވެ. އެއަށްފަހު އެމްފައިސާ އެކައުންޓަށް ލޮގންވެ ފައިސާ ފޮނުވަން ސެލެކްޓް ކޮށް ފައިސާ ފޮނުވަން ބޭނުންވާ މީހާގެ ނަންބަރާއި ފައިސާގެ އަދަދު ޖަހައި "ޝެއާ ރިސީޓް" ސެލެކްޓް ކުރުމުން ފައިސާ ފޮނުވައި ރަސީދު ވެސް އަމިއްލައަށް ދާނެ އެވެ.