17 ފެބުރުއަރީ 2022 - 14:10

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ވިއްކި 60 ގޯތިން ބިލިއަނެއްހާ ރުފިޔާ އެޗްޑީސީ އަށް ލިބޭނެ އެވެ.

އެޗްޑީސީން އިއްޔެ ވަނީ ވިއްކަން ކަނޑައެޅި 60 ގޯތީގެ ތެރެއިން ނުވިއްކާ އޮތް 34 ގޯތީގެ ބީލަން ބާއްވައިފަ އެވެ. އަދި ބިޑް ކާމިޔާބު ކުރި ފަރާތްތަކުގެ ތަފްސީލު ވެސް ވަނީ އާންމުކޮށްފަ އެވެ.
އެޗްޑީސީން ދޫކުރަނީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެކެވެ.
އެޗްޑީސީން އިއުލާނު ކުރި ގޯތިތަކުގެ ތެރެއިން ބީޗް ފްރޮންޓަށް އެންމެ ބޮޑު އަގެއްގެ ގޮތުގައި އަކަފޫޓަކަށް 10 މިލިއަން ރުފިޔާ ހުށަހެޅި ބިޑެއް އޮތް ނަމަވެސް އެއީ އޮޅުމެއް ކަމަށް ބަލައި، އެ ބިޑް ވަނީ ބާތިލު ކޮށްފަ އެވެ. އެހެންވެ ބީޗް ފްރޮންޓަށް އެންމެ ބޮޑު އަގެއްގެ ގޮތުގައި މިހާރު ހުށަހަޅާފައި އޮތީ އަކަފޫޓަކަށް 10،220ރ. އެވެ. އެއީ 2،000 އަކަފޫޓު ނަމަ ގާތްގަނޑަކަށް 21.6 މިލިއަން ރުފިޔާ އެވެ.
ބީޗްފްރޮންޓުގެ 26 ބިމުން އެޗްޑީސީ އަށް 422 މިލިއަން ރުފިޔާ ލިބޭނެ އެވެ.
ބީޗް ސައިޑަށް އެންމެ ބޮޑު އަގެއް ހުށަހެޅީ އަކަފޫޓަކަށް 9،700ރ. އެވެ. އެއީ 2000 އަކަފޫޓަށް ނަމަ ގާތްގަނޑަކަށް 20.5 މިލިއަން ރުފިޔާ އެވެ.
ބީޗް ސައިޑްގެ 34 ބިމުން 574 މިލިއަން ރުފިޔާ ލިބޭނެ އެވެ.
ބިމުގެ ސައިޒު އިހްތިޔާރު ކުރުމުގެ ފުރުސަތު އޮންނާނީ އެންމެ ބޮޑު އަގެއް ހުށަހަޅާފައިވާ ތަރުތީބުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ހިއްކައިފައި ވެ އެވެ. މިއީ ދެވަނަ ފިޔަވަހިން ބިން ވިއްކާ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ދެވަނަ ފިޔަވަހިން ބިން ވިއްކާފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ.