17 ފެބުރުއަރީ 2022 - 13:48

ޖަލުގައި ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ޖަލު އޮފިސަރުންނަށް ބޮޑީ ވޯން ކެމެރާ ފޯރުކޮށްދިނުމަށް ބަޔަކާ އެކު ކަރެކްޝަނަލް ސާވިސް އިން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެ އިދާރާއިން ބުނީ ޓްރަޔަލެއްގެ ގޮތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމަށް އެ ތަކެތި ރާއްޖެ އަށް އެތެރެކުރާ ޒެޓާ ޓެކްނޮލޮޖީސްއާއެކު ތިން މަސް ދުވަހުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. ގެންނަން ހަމަޖައްސާފައިވަނީ އެމެރިކާގެ އެކްސޮން ކުންފުނިން އުފައްދަމުން އަންނަ ކެމެރާ އެވެ.
ކަރެކްޝަންސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ. ޒެޓާ ޓެކްނޮލޮޖީސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އައިމަން އާދަމެވެ.
އެ މުއްދަތުގައި ކަރެކްޝަނަލް އަށް 15 ބޮޑީ ވޯން ކެމެރާ އާއި ތިން ޓޭޒާ ފޯރުކޮށްދޭނެ އެވެ. ރަނގަޅަށް ޓޭޒާ ބޭނުންކުރުމާއި އެ ބޭނުންކުރާނެ ހާލަތްތަކާ ބެހޭގޮތުން ތަމްރީނު ފެށުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ކަރެެކްޝަނަލް އިން ބުންޏެވެ.
ކަރެކްޝަންސް އިން ބުނީ ބޮޑީ ވޯން ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން ޕްރިޒަން އޮފިސަރުން މިހާރަށް ވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ ކަމަށެވެ. އެއީ ޖައިދީންނާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާނެ ފިޔަވަޅެއް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ފުލުހުންގެ ހިދުމަތުގައި ވެސް ބޮޑީ ވޯން ކެމެރާ ބޭނުންކުރަން މިދިޔަ އާދިއްތަ ދުވަހު ފަށާފައިވެ އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ބޮޑީ ވޯން ކެމެރާ އަކީ ފުލުހުންގެ މަސައްކަތަށް ބޮޑު ބަދަލެއް ގެނެސް އާންމުންގެ އިތުބާރު ބޮޑުވެ އަދި ފުލުހުން ޖަވާބުދާރީ ކުރުވުމަށް ވެސް މުހިންމު ވަސީލަތަކަށް ވާނެ ކަމަށެވެ.