ރަޝިޔާ އިން އަދިވެސް ސިފައިން އިތުރުކުރަނީ
ރަޝިޔާ އިން އަދިވެސް ސިފައިން އިތުރުކުރަނީ

ޔޫކްރޭންގެ އިމާ ގާތުގައި ތިބި ރަޝިޔާ ސިފައިން އެ ސަރަހައްދުން ދުރަށް ޖައްސަން ފަށާފައިވާ ކަމަށް ރަޝިޔާ އިން ބުނަމުން އަންނަ އިރު، އެއީ ދޮގެއް ކަމަށާއި މިހާރު ވެސް ރަޝިޔާ އިން ކުރާ ކަމަކީ ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރި އަށް އިތުރު ސިފައިން ޖަމާކުރުން ކަމަށް އެމެރިކާ އާއި ނޭޓޯ އިން އިއްޔެ ބުނެފި އެވެ.

އެމެރިކާ އާއި ނޭޓޯ އިން ބުނާ ގޮތުގައި ޔޫކްރޭންގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދަން ބޭނުންވާ ކަމަށް ރަޝިޔާ އިން ބުންޏަސް، އެ ގައުމުގެ އަމަލުތައް ހުރި ގޮތުން ރަޝިޔާގެ ނިޔަތާ މެދު މިހާރު ސުވާލު އުފެދެ އެވެ. އިއްޔެ އަކީ ރަޝިޔާ އިން ޔޫކްރޭނަށް ހަމަލާ ދޭނެ ކަމަށް އެމެރިކާ އާއި ނޭޓޯ އިން ލަފާކުރި ދުވަހެވެ.

ނަމަވެސް ރަޝިޔާގެ ފަރާތުން އެފަދަ ކަމެއް އިއްޔެ ނުހިނގާއިރު، ޔޫކްރޭންގެ ރައްޔިތުން އިއްޔެ ފާހަގަކުރީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހެއްގެ ގޮތުގަ އެވެ. ސަރުކާރުގެ އެދުމާ އެއްގޮތަށް ޔޫކްރޭންގެ ގެތަކުގައި އިއްޔެ ވަނީ ގައުމީ ދިދަ ނަގައިފަ އެވެ. އަދި އިއްޔެ ހެނދުނު 10 ޖެހުމާ އެކު، މުޅި ގައުމު ވަނީ ގައުމީ ސަލާމުގެ އަޑުން ގުގުމާލައިފަ އެވެ.

ރަޝިޔާ އިން ދީފާނެ އުދުވާނީ ހަމަލާއަކަށް ޔޫކްރޭންގެ އަސްކަރިއްޔާ ފުރިހަމަ އަށް ތައްޔާރުވެފައި އޮތް އިރު، ޔޫކްރޭންގެ ދިފާއީ ވުޒާރާގެ ވެބްސައިޓަށް އިއްޔެ ވަނީ ވަރަށް ވަރުގަދަ ސައިބާ ހަމަލާތަކެއް އަމާޒުވެފަ އެވެ. ޔޫކްރޭން ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ސައިބާ ހަމަލާތަކުގެ ފަހަތުގައި އޮތީ ރަޝިޔާ އެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ޔޫކްރޭންގެ އިމާ ކައިރިން ރަޝިޔާގެ ދެކުނު އަދި ހުޅަނގު ސަރަހައްދުގައި އަސްކަރީ ތަމްރީންތަކެއް ހެދުމަށް ފަހު، ރަޝިޔާ ސިފައިން މިހާރު ވަނީ އެ ސަރަހައްދުން ފައިބަން ފަށައިފަ އެވެ. އެ ގޮތުން 2014 ވަނަ އަހަރު ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައިވާ ޔޫކްރޭންގެ ކްރީމިއާ ސަރަހައްދުގައި ތިބި ރަޝިޔާގެ ބައެއް ސިފައިން ވެސް އެ ސަރަހައްދުން އަނބުރާ ގެނެސްފައިވާ ކަމަށް ރަޝިޔާ އިން ބުނެ އެވެ.

ނަމަވެސް އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިންގެ ހަރަކާތްތައް ފެންނަނީ ޔޫކްރޭންގެ އިމާ ދުރަށް ދާ ގޮތަކަށް ނޫނެވެ. އޭގެ ބަދަލުގައި ރަޝިޔާ ސިފައިން ހަރަކާތްތެރިވަމުން ދަނީ ޔޫކްރޭންގެ އިމާ ގާތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ރަޝިޔާ ބުނާ ގޮތް. އަދި މިއީ ރަޝިޔާ ކަންކުރާ ގޮތް. އެމީހުންގެ ސިފައިން ފަހަތަށް ޖެހޭ މަންޒަރެއް އަހަރެމެންނަކަށް ނުފެނޭ. އަހަރެމެންނަށް ފެންނަނީ ޔޫކްރޭންގެ ސަރަހައްދީ ރޮނގާ ކައިރިއަށް ސިފައިންގެ ވަކިވަކި ޔުނިޓްތައް ޖެހެމުންދާ ތަން،" ބްލިންކެން ވިދާޅުވި އެވެ.

އެމެރިކާ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި މިދިޔަ ދުވަސްތަކުގައި ރަޝިޔާގެ އިތުރު 7،000 އަށް ވުރެ ގިނަ ސިފައިން ޔޫކްރޭންގެ އިމާ ގާތަށް ޖަމާކޮށްފި އެވެ. އޭގެ ތެރޭގައި އިއްޔެ އަލަށް އެ ސަރަހައްދަށް އައި ސިފައިން ވެސް ހިމެނެ އެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ހެންސް ސްޓޮލްޓެންބާގް ވިދާޅުވި ގޮތުގައި ސިފައިންނާއި ޓޭންކުތައް ކުރިއަށް ޖައްސައި ފަހަތަށް ޖެއްސުމަކީ، އެ ސަރަހައްދުން ސިފައިން ދުރަށް ގެންދިއުމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ސަރަހައްދުން ފެންނަނީ އިތުރު ސިފައިންނާއި ބަރު ހަތިޔާރު ޖަމާކުރަމުންދާ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.