ސްޓެމް ސެލްގެ ފަރުވާއިން އެޗްއައިވީން ސަލާމަތް ވެއްޖެ
ސްޓެމް ސެލްގެ ފަރުވާއިން އެޗްއައިވީން ސަލާމަތް ވެއްޖެ

ލޭގެ ކެންސަރު ޖެހިފައިވާ އަންހެނަކަށް ފަރުވާކުރުމުގެ ގޮތުން، އުފަންވި ތުއްތު ކުއްޖެއްގެ ފޫޅު ދަނޑިން ސްޓެމް ސެލް ނަގައިގެން ދިން ފަރުވާގެ ސަބަބުން، އެ މީހާގެ ހަށިގަނޑުގައި އެޗްއައިވީގެ ދިފާއު އުފެދި އެ ބަލިން މުޅިން ފަސޭހަވެފައިވާ ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެފި އެވެ.

އެމެރިކާގެ ޑެންވާގައި ދިރާސާކުރި ޓީމުން ބުނި ގޮތުގައި، މިއީ އެޗްއައިވީ ޖެހިފައިވާ މީހުންގެ ތެރެއިން މިހާތަނަށް އެ ބަލިން މުޅިން ފަސޭހަވި ތިން ވަނަ މީހާ އަދި ފުރަތަމަ އަންހެން މީހާ އެވެ. މީގެ ކުރިން އެޗްއައިވީން މުޅިން ފަސޭހަވީ ދެ ފިރިހެނުންނެވެ. އެ ދެމީހުންގެ ހަށިގަނޑުގައި އެޗްއައިވީގެ ދިފާއު އުފެދުނީ ކަށީގެ މަދު (ބޯން މެރޯ) އިންދައިގެން ދިން ފަރުވާގެ ސަބަބުންނެވެ.

ނިއު ޔޯކް ޓައިމްސް އިން ބުނި ގޮތުގައި އެޗްއައިވީން ފަސޭހަވި އަންހެން މީހާ، ލޭގެ ކެންސަރުން ރަނގަޅު ކުރުމަށްޓަކައި އޭނާގެ ހަށިގަނޑަށް ސްޓެމް ސެލް ފޮނުވުމަށް ބޭނުންކުރީ، އުފަންވި ތުއްތު ކުއްޖެއްގެ ފޫޅުދަނޑީގެ ލެޔެވެ. މިއީ ބޮޑެތި މީހުންގެ ހަށިގަނޑުން ސްޓެމް ސެލް ހޯދުމަށް ވުރެ މާ ފަސޭހަ އަދި އިތުބާރު ބޮޑު ގޮތެކެވެ.

ފޫޅުދަނޑިން ނަގާ ސްޓެމް ސެލްގެ އަނެއް ފައިދާއަކީ، ބޮޑެތި މީހުންގެ ހަށިގަނޑުން ނަގާ ސްޓެމް ސެލް، ބަލިމީހާއާ މެޗު ކުރަންޖެހޭ މިންވަރަށް، ފޫޅުދަނޑިން ނަގާ ސްޓެމް ސެލް މެޗްކުރަން ނުޖެހުމެވެ.

އެޗްއައިވީން ފަސޭހަވި އަންހެން މީހާގެ ހަށިގަނޑުގައި އެ ވައިރަސް ހުރިކަން އެނގުނީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ އަހަރުން ފެށިގެން އެޗްއައިވީ އަށް ފަރުވާ ހޯދަމުން އަންނަނިކޮށް، އޭނާ އަށް ލޭގެ ކެންސަރު ޖެހިފައިވާކަން އެނގުނީ 2017 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.

ހަމަ އެ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އޭނާ އަށް ވަނީ ލޭގެ ކެންސަރަށް ފަރުވާ ކުރުމުގެ ގޮތުން، އޭނާގެ ތިމާގެ އަންހެނަކު ވިހެއި ކުއްޖެއްގެ ފޫޅުދަނޑިން ނެގި ލޭ އަޅައިފަ އެވެ. އަދި މިހާރު އޭނާގެ ހަށިގަނޑުގައި އެޗްއައިވީގެ އެއްވެސް އަސަރެއް ނެތް ކަމަށް އޭނާ އަށް ފަރުވާ ދިން ވެއިލް ކޯނެލް މެޑިކަލް ސެންޓަރުން ބުނެ އެވެ.

އެ ސެންޓަރުގެ ޑޮކްޓަރެއް ކަމަށްވާ ކޮއެން ވާން ބެސިން ވިދާޅުވި ގޮތުގައި ފޫޅުދަނޑިން ނަގާ ލެއިން ދޭ ފަރުވާއަކީ އެޗްއައިވީ ޖެހިފައިވާ ގިނަ ބަޔަކަށް ރަނގަޅު ފަރުވާއަކަށް ވެދާނެ އެވެ.