17 ފެބުރުއަރީ 2022 - 12:28

ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްއެއް ލ. މާމެންދޫގައި މިއަދު ހުޅުވައިފި އެވެ.
މިއީ ބޭންކުން ލ. އަތޮޅަށް ކުރަމުން އަންނަ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ހުޅުވި އޭޓީއެމްއެކެވެ. މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.
މި އޭޓީއެމާ އެކު ލ. އަތޮޅުގެ ހަތަރު ރަށެއްގައި މިހާރު އޭޓީއެމް ހިދުމަތް ލިބޭނެ އެވެ. އެއީ މާމެންދޫގެ އިތުރުން ފޮނަދޫ އާއި ގަމާއި މާވަށެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ތައާރަފު ކުރުމަށް އިންވެސްޓް ކުރަމުންދާނެ ކަމަށެވެ. އަދި މާމެންދޫގެ އޭޓީއެމާއެކު އެ ރަށުގެ ރައްޔިތުންނަށް އެހެން ރަށްތަކަށް ނުގޮސް ބޭންކިން ހިދުމަތް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ވަނީ މިހާތަނަށް ރާއްޖޭގެ 20 އަތޮޅެއްގައި 36 ބްރާންޗާއި 78 ސެލްފް ސާވިސް ބެކިން ސެންޓަރާއި 136 އޭޓީއެމް ހުޅުވާފަ އެވެ. އަދި 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް އޭޓީއެމް ނެތް ރަށްރަށުގައި ވެސް ބޭންކިން ހިދުމަތް ބީއެމްއެލުން އަންނަނީ ދެމުންނެވެ.