ރާއްޖެ ޓީވީގެ ދެ ނޫސްވެރިންނަށް ހުކުމް ކުރުން މާދަމާ
ރާއްޖެ ޓީވީގެ ދެ ނޫސްވެރިންނަށް ހުކުމް ކުރުން މާދަމާ

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން ހުކުމް ކުރުން މާދަމާ އަށް ކްރިމިނަލް ކޯޓުން ޝެޑިއުލްކޮށްފި އެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ނޫސްވެރިންތަކެއްގެ މައްޗަށް ޖިނާއީ ހުކުމެއް ކުރާ ފުރަތަމަ ފަހަރެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ވިސާމް އާއި ލީވާންގެ މައްޗަށްކުރާ ދައުވާގެ ހުކުމް އިއްވުން އޮންނާނީ މާދަމާ މެންދުރުފަހު 2:00 ގައި، އެއް ޝަރީއަތެއްގެ ގޮތުގަ އެވެ. އަދި އެ ޝަރީއަތަށް ހާޒިރުވާން ދެ ނޫސްވެރިންނަށް ވަނީ ޗިޓް ވެސް ހަވާލުކޮށްފަ އެވެ.

ވިސާމާއި ލީވާންގެ މައްޗަށް ދައުވާކުރަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މުލިއާގެ ކައިރިން ބޮމެއް ފެނިގެން ހިންގި އޮޕަރޭޝަންގައި މާފަންނު ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް އެތަނަށް ރާއްޖެ ޓީވީގެ ސީއީއޯ ހުސެން ފިޔާޒް ވަދެ ހުންނަވަނިކޮށް އޭނާ ހައްޔަރުކުރަން އުޅުމުން އެކަމަށް ހުރަސް އެޅި ކަމަށް ބުނެ އެވެ.

ރާއްޖެ ޓީވީން ވަނީ ނުހައްގު އަދަބުން ރާއްޖެ ޓީވީގެ ނޫސްވެރިން ސަލާމަތްކޮށްދޭން ގޮވާލައިފަ އެވެ.

އެ ސްޓޭޝަނުން ކުރިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ވިސާމާއި ލީވާންގެ މައްޗަށް ނުހައްގުން އުފުލާފައިވާ ޖިނާއީ ދައުވާއާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ހުކުމް އިއްވުމަކީ ރާއްޖެ ޓީވީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަން ހުއްޓުވައިދޭން ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އަމިއްލަ ޖަމިއްޔާތަކަށް އެ ޓީވީން ވަނީ ގޮވާލައިފަ އެވެ.