ޖަމާލުއްދީން ސްކޫލުން ކިޔަަވައިގެން ނުކުންނަ ހުރިހާ ދަރިވަރުންނަކީ އިޝާރާތުގެ ބަހުން ވާހަކަދައްކަން އެނގޭ ދަރިވަރުންނަށް ހެދުމުގެ އަޒުމުގައި، އެ ސްކޫލްގައި ލައިން ލެންގުއެޖް ކްލަބެއް އިއްޔެ އުފައްދައިފި އެވެ.

އެ ސްކޫލްގެ 37 ވަނަ އަހަރާ ދުވަހާ ގުޅުވައިގެން އުފެއްދި ކްލަބާ ގުޅޭގޮތުން ޖަމާލުއްދީން ސްކޫލްގެ ލީޑިން ޓީޗަރު މަރިޔަމް ފަޒްނީ ވިދާޅުވީ ހުރިހާ ދަރިވަރުން ޝާމިލްވާ ކަހަލަ މާހައުލެއް ފަހިކޮށްދިނުމަކީ ސައިން ލެންގުއެޖް ކްލަބްގެ އެއް ބޭނުން ކަމަށެވެ.

ކްލަބްގައި ޖަމާލުއްދީންގެ ގްރޭޑު ހައެއްގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭނެ އެވެ.

ކުރިއަށް އޮތް ތަނުގައި އިތުރު ގްރޭޑުތަކަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ސައިން ލެންގުއެޖް ބޭސިކް ކިޔަވައިދޭނީ ކުދިންނަށް. ދެން ލެވެލް 2 އަށް ގޮސްފައި ޔަންގް އިޓަޕްރިޓާސްގެ ގޮތުގައި މި ކުދިން މަސައްކަތް ކުރާނީ،" ފަޒްނީ ވިދާޅުވި އެވެ.

ސައިން ލެންގުއެޖް ކްލަބް އުފެއްދުމަށްފަހު އެ ދަރިވަރުން އިއްޔެ ވަނީ ގައުމީ ސަލާމާއި ސްކޫލްގެ ލަވަ، އިޝާރާތް ބަހުން ކުޅެފަ އެވެ.

"ބޮޑަށް ޓަގެޓަކީ ޖޭއެސްސީން ނުކުންނަ ކުދިންނަކީ އިނގިރޭސި އާއި ދިވެހި އަދި އަރަބި ބަހާ އެކު އިޝާރާތް ބަހުން ވާހަކަ ދައްކަން އެނގޭ ކުދިންނަށް ވުން. އޭރުން، އެ އެންމެން ބައިވެރިވެގެން ކުރިއަށް ދެވޭނެ،" ފަޒްނީ ވިދާޅުވި އެވެ.

ވާހަކަދެއްކުމާއި އަޑުއިވުމުން މަހްރޫމްވެފައިވާ ކުދިންނަށް ޖަމާލުއްދީންގައި މީގެ ކުރިން ކިޔަވައިދެމުން ދިޔައީ އެކަމަށް ހާއްސަ ކްލާސްތަކެއްގަ އެވެ. ނަމަވެސް، މިހާރު އެ ހުރިހާ ކުދިންނަށް ވެސް ކިޔަވައިދެނީ އާއްމު ކްލާސްތަކުގަ އެވެ.