19 ޑިސެމްބަރ 2016 - 07:59

ވޮޝިންޓަން (ޑިސެމްބަރު 19) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ކެބިނެޓް އެކުލަވާލައްވާ، އެޖެންޑާ ރާއްވަވަމުންނެވެ. އެކަމަކު ރަސްމީކޮށް ޓްރަމްޕަށް ރައީސްކަން އަދި ލިބިވަޑައެއް ނުގަންނަވަ އެވެ.

އެމެރިކާގެ ޑިމޮކްރެސީ އޮންނަ ގޮތުން ރައީސް ހޮވުމުގެ ހުރިހާ ބާރެއް އޮތީ "އިލެކްޓާސް"ގެ އަތް މަތީގަ އެވެ. އާބާދީގައި 318 މިލިއަން މީހުން ހިމެނޭ ގައުމުގެ ރައީސް ހޮވަނީ އިލެކްޓޯރަލް ކޮލެޖުގައި ހިމެނޭ 538 އިލްކްޓާސްގެ ވޯޓުންނެވެ. ރައީސް ހޮވުމަށް އިލެކްޓާސް އިން އެ މީހުންގެ ސްޓޭޓްތަކުގައި މިއަދު ބައްދަލު ކުރާނެ އެވެ. ނަމަވެސް އިލެކްޓާސްގެ ނިންމުން ވަނީ ކުރިން ނިންމައިފަ އެވެ. އެކަމަކު ވެސް ހައިރާން ކުރުވަނިވި، ނަތީޖާއެއް "ބޭވަފާތެރި" އިލެކްޓާސްގެ ކިބައިން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މިހާތަނަށް ފާޅުގައި ޓްރަމްޕަށް ވޯޓު ނުދޭނެ ކަމަށް ބުނެފައި ވަނީ ޓެކްސަސްގެ އިލެކްޓަރެކެވެ.

އެމެރިކާގެ 1787 ވަނަ އަހަރުގެ ކޮންސްޓިޓިއުޝަނަލް ކޮންވެންޝަނުގައި އެއްބަސްވެފައިވާ ނިޒާމުގެ ދަށުން ކޮންމެ އިލެކްޓާސްއަކަށް ސްޓޭޓުގެ ރައްޔިތުންގެ ވޯޓާ އެއްގޮތަށް ވޯޓު ދިނުމަކީ ހުރިހާ ސްޓޭޓެއްގައި ގާނޫނީ ގޮތުން ލާޒިމް ކަމެއް ނޫނެވެ. އެކަމަކު އިލެކްޓާސް އަކީ ޕާޓީ އަށް ވަރަށް ވަފާތެރި ބަޔަކަށް ވާތީ އެ މީހުން އާއްމުކޮށް ވޯޓު ދެނީ ސްޓޭޓުގެ ރައްޔިތުންގެ ނިންމުމާ އެއްގޮތަށެވެ. އެމެރިކާގެ ތާރީޚުގައި ވެސް އިލެކްޓޯރަލް ކޮލެޖް ވޯޓާސް އަކީ އެ މީހުން ހޮވާ ރައްޔިތުންގެ ފިކުރާ އެއްގޮތަށް ވޯޓު ދޭ ބައެކެވެ. ރައްޔިތުންގެ ފިކުރާ ދެކޮޅަށް އިލެކްޓޯރަލް ކޮލެޖުން ހޮވާ އިލެކްޓާސް ވޯޓު ދީފައި ވަނީ ވަރަށް މަދު ހާލަތްތަކެއްގައި އަދި ވަރަށް މަދު ބައެކެވެ.

އިލެކްޓާސް ވޯޓުގައި ތިން ހާލަތެއް މެދުވެރިވެދާނެ އެވެ. އެއީ މިހާރު އޮތް ގޮތަށް އިލެކްޓާސް ވޯޓު ދީގެން ޓްރަމްޕް ހޮވުން ނުވަތަ ޓްރަމްޕަށް ތާއީދުކުރާ އިލެކްޓާސްގެ ތެރޭން 38 މީހަކު ހިލަރީ އަށް ވޯޓު ދީގެން ނަތީޖާ އެނބުރުން ނުވަތަ އެއްވެސް ކެންޑިޑޭޓަކަށް 270 އިލެކްޓާސް ވޯޓު ނުލިބުމެވެ.

ނޮވެމްބަރު މަހު 8 ވަނަ ދުވަހުގެ އިންތިޚާބުގައި އެމެރިކާގެ 136 މިލިއަން މީހުން ވޯޓު ދިނެވެ. ޓްރަމްޕަށް ވުރެ އިތުރަށް ހިލަރީ ކްލިންޓަން ގާތްގަނޑަކަށް ތިން މިލިއަން ވޯޓު ހޯއްދެވި ނަމަވެސް ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވީ އިލެކްޓޯރަލް ކޮލެޖް ވޯޓުންނެވެ. މިއީ 1876 ވަނަ އަހަރުގެ ފަހުން، ވެރިކަމަށް ވަޑައިގަންނަވާ ކެންޑިޑޭޓެއްގެ ޕޮޕިއުލާ ވޯޓުގެ އެންމެ ބޮޑު ތަފާތެއް ފެނުނު ފަހަރެވެ. ޓްރަމްޕަށް 306 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންނެވި އިރު ހިލަރީ އަށް ލިބިވަޑައިގެންނެވީ 232 ކޮލެޖް ވޯޓެވެ. ޓްރަމްޕަށް ކުރި ލިބިވަޑައިގެންނެވީ ސްވިން ސްޓޭޓްތައް ކާމިޔާބު ކުރައްވައިގެންނެވެ. ރައީސް ކަމަށް ވަޑައިގަތުމަށް މަދުވެގެން 270 އިލެކްޓާސްގެ ވޯޓު ބޭނުންވާނެ އެވެ. މިއަދު ބާއްވާ އިލެކްޓާސްގެ ބައްދަލުވުމުގައި ވެސް ވެރިކަމަށް ވަޑައިގަންނަވާ ފަރާތަށް މަދުވެގެން އެ އަދަދަށް ވޯޓު ބޭނުންވާނެ އެވެ.

އިލެކްޓާސްގެ ބައްދަލުވުމުގައި ރައީސް އާއި ނައިބް ރައީސްގެ ވޯޓުގެ ހަ ކޮޕީގައި އިލެކްޓާސް ސޮއިކުރާނެ އެވެ. މީގެ ތެރޭން ދެ ކޮޕީ ނޭޝަނަލް އާކައިވްސް އަށް ފޮނުވާ އިރު އެއް ކޮޕީ ސެނެޓުގެ ރައީސް އަށް، ދެ ކޮޕީ ސްޓޭޓުގެ ޗީފް އިލެކްޝަން އޮފިސަރަށް އަދި ސްޓޭޓުގެ ފަނޑިޔާރަށް އެއް ކޮޕީ ފޮނުވާނެ އެވެ. އޭގެ ފަހުން ޖެނުއަރީ 6 ވަނަ ދުވަހު ކޮންގްރެސް އިން އިލެކްޓޯރަލް ވޯޓު ގުނާނެ އެވެ. ވޯޓު ގުނުން ކުރިއަށް ދާނީ ނައިބް ރައީސް ޖޯ ބައިޑަންގެ ބެއްލެވުމުގެ ދަށުންނެވެ.

އިލެކްޓޯރަލް ވޯޓުގެ 56.9 ޕަސެންޓް ޓްރަމްޕް ވަނީ ކާމިޔާބު ކުރައްވައިފަ އެވެ. މިއީ މި ޒަމާނުގެ ނިޒާމް 1804 ވަނަ އަހަރު އެމެރިކާގައި ގާއިމްކުރި ފަހުން ބޭއްވި 54 ވަނަ ރިޔާސީ އިންތިޚާބުގެ ތެރޭން 44 ވަނަ ވަނަ އަށް އެންމެ ތަފާތު ބޮޑުކޮށް ކެންޑިޑޭޓަކު އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރި ފަހަރެވެ.
އެމެރިކާގެ 48 ސްޓޭޓާއި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގައި އެ ސްޓޭޓެއްގެ އެންމެ ގިނަ ވޯޓް ހޯދާ ކެނޑިޑޭޓަށް ސްޓޭޓުގެ ހުރިހާ އިލެކްޓޯރަލް ވޯޓެއް ލިބޭނެ އެވެ. ނެބްރެސްކާ އާއި މައިން ސްޓޭޓުގައި އަމަލު ކުރަނީ "ޑިސްޓްރިކްޓް ސިސްޓަމް" އަށެވެ. އެއީ ސްޓޭޓުގެ އެންމެ ގިނަ ވޯޓް ހޯދާ ކެނޑިޑޭޓާއި ކޮންގްރެޝަނަލް ޑިސްޓްރިކްޓްތަކުން އެންމެ ގިނަ ވޯޓް ހޯދާ ކެނޑިޑޭޓަށް ވަކިން ވޯޓު ދޭ ގޮތަށެވެ.
އިލެކްޓޯރަލް ކޮލެޖް ވޯޓުގައި މިހާރު އޮތް ގޮތަށް އިލެކްޓާސް އިން ވޯޓު ދީފި ނަމަ ހިލަރީ އަށް ލިބިވަޑައިގަންނަވާނީ 232 އިލެކްޓޯރަލް ވޯޓެވެ. އެއީ ވެރިކަމަށް ވަޑައިގުމަށް ބޭނުންވާ 270 ވޯޓަށް ވުރެ 38 ވޯޓު މަދު އަދަދެކެވެ. އެހެންވެ ހިލަރީ އަށް ވެރިކަމަށް ވަޑައިގެންނެވޭނީ ޓްރަމްޕުގެ 38 އިލެކްޓާސް އިން "ބޭވަފާތެރިވެ" ތާއީދު އަނބުރާ ހިލަރީ އަށް ދެއްވައިފި ނަމަ އެވެ. އެކަމަކު އެއީ ނާދިރު ގޮތެކެވެ. ފުރަތަމަ ކަމަކަށް އިލެކްޓޯރަލް ކޮލެޖް އެކުލަވާލާ ގޮތެވެ. އިލެކްޓާސް ހޮވާ އެންމެ އާއްމު ގޮތަކީ ސްޓޭޓް ލެވެލްގެ ޕްރޮސެސްއެއްގެ ތެރޭންނެވެ. އެއީ ސްޓޭޓުގެ ޕާޓީ ކޮންވެންޝަން ނުވަތަ ސްޓޭޓް ޕާޓީ ކޮމިޓީގެ ތެރޭންނެވެ. ނަތީޖާ އަކީ އިލެކްޓާސްގެ ގޮތުގައި ހޮވާފައި ތިބެނީ ޕާޓީ އަށް ވަރަށް ވަފާތެރިންނާއި އެކްޓިވިސްޓުންނަށްވެފައި ޕާޓީ އަށް އެ މީހުން ބޭވަފާތެރިވާނެ ކަމުގެ ފުރުސަތު ވަރަށް ހަނިވުމެވެ.
ސްޓޭޓެއްގެ އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓް ނޫން މީހަކަށް "އިލެކްޓާސް" ވޯޓު ދިނުން މަނާ ކުރާ ގާނޫނީ ހަމައެއް ނެތެވެ. ނަމަވެސް އެމެރިކާގެ 29 ސްޓޭޓެއްގައި ވަނީ އެކަން ގޮތަށް ނުކުރުމަށް ގާނޫނުތަކެއް ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި "ބޭވަފާތެރި" އިލެކްޓާސް ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމާއި އިލެކްޓާސް އެހެން މީހަކަށް ބަދަލު ކުރުން ހިމެނެ އެވެ. އެކަމަކު ސްޓޭޓުތަކުގެ މި ގާނޫނު ޓެސްޓް ކުރަން ލިބެނީ ވަރަށް މަދު ފުރުސަތެކެވެ. އަދި ކެނޑިޑޭޓަށް ބޭވަފާތެރިވާން ބޭނުންވާ އިލެކްޓާސް ހުއްޓުވަން ސްޓޭޓަށް ކުރެވޭނެ މާބޮޑު ކަމެއް ވެސް ނޯވެ އެވެ.
އިލެކްޓާސް އިން ހީލަތްތެރިވެ، ވޯޓުގައި ބައިވެރި ނުވެ، އެއްވެސް ކެންޑިޑޭޓަކަށް 270 ކޮލެޖް ވޯޓު ނުލިބިއްޖެ ނަމަ ދެން ދާނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ވޯޓަކަށެވެ. އެ ވޯޓުގައި 26 ނުވަތަ އެއަށް ވުރެ ގިނަ ސްޓޭޓުގެ ޑިލިގޭޝަން ވޯޓު ލިބޭ ކެނޑިޑޭޓަކަށް ރައީސްކަން ލިބޭނެ އެވެ. އެއްވެސް ކެނޑިޑޭޓަކަށް އަޣުލިބިއްޔަތު ނުލިބިއްޖެ ނަމަ ތަކުރާރުކޮށް ވޯޓު ލާނީ އެވެ. (އެކަމަކު ހައުސްގެ 33 ސްޓޭޓުގެ ޑެލިގޭޝަން ވޯޓު ކޮންޓްރޯލް ރިޕަބްލިކަނުންނަށް ލިބިފައިވާތީ މިއީ ވެސް ނާދިރު ހާލަތެކެވެ.) ޖެނުއަރީ 20 ވަނަ ދުވަހާ ހަމައަށް ރައީސަކު އިންތިޚާބު ނުކުރެވިއްޖެ ނަމަ ވަގުތީ ގޮތުން ރައީސް ކަމާ ހަވާލުވާނީ އާ ނައިބް ރައީސް އެވެ.
އާ ނައިބް ރައީސް އަށް ހޮވާނީ ޓްރަމްޕުގެ ރަނިން މޭޓް މައިކް ޕެންސާއި ހިލަރީގެ ރަނިން މޭޓް ޓިމް ކައިންގެ ތެރޭން ސެނެޓުގެ 51 ވޯޓު ނުވަތަ އެއަށް ވުރެ ގިނައިން ލިބޭ ކެނޑިޑޭޓެކެވެ. ސެނެޓުގެ ވޯޓު 50-50 އިން އެއްވަރު ވެއްޖެ ނަމަ އާ ނައިބް ރައީސް ކަމަށް ކެނޑިޑޭޓަކު ހޮވާނީ މިހާރުގެ ނައިބް ރައީސް ޖޯ ބައިޑަން ވޯޓު ދެއްވައިގެންނެވެ.
ޓްވެންޓީ ފިފްތު އެމެންޑްމަންޓުގެ ދަށުން ވަގުތީ ރައީސްގެ މުއްދަތަކީ ރައީސްގެ މަގާމަށް މީހަކު ކޮލިފައިވުމެވެ. އެހެންވެ ވަގުތީ ރައީސް އަށް ހަތަރު އަހަރުގެ ދައުރު ފުރިހަމަ ކުރެވޭނެ އެވެ. އަދި އޭނާ އަށް ދެން ވެރިކަމަށް ފުރުސަތު އޮންނާނީ އެއް ދައުރަށެވެ. މިއީ އެމެރިކާގެ ތާރީޚުގައި އަދި މިހާތަނަށް ދިމާވެފައިވާ ހާލަތެއް ނޫނެވެ.