ކޯޓުތަކުން ކަނޑައަޅާފައިވާ އުސޫލުތައް ގާނޫނުގައި ހިމަނަން ބިލެއް ހުށަހަޅައިފި
ކޯޓުތަކުން ކަނޑައަޅާފައިވާ އުސޫލުތައް ގާނޫނުގައި ހިމަނަން ބިލެއް ހުށަހަޅައިފި

ކޯޓުތަކުން ކަނޑައަޅާފައިވާ ބައެއް އުސޫލުތައް ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނާ ގޮތުން ބިލު ހުށަހަޅާ ސަބަބަކީ ޝަރީއަތްތައް ހިނގަނީ އަދުލުއިންސާފުގެ ނިޒާމުގައި ކަންކަން ތަރުތީބުވެފައިވާ ހަމަތަކާ އެއްގޮތުގެ މަތިން ކަމާއި ކޯޓުތަކުން ކަނޑައަޅާފައިވާ އިހުތިސާސް އާއި ބާރުގެ ދާއިރާ ތެރެއިންކަން ކަށަވަރު ކުރުމަށެވެ.

އެ ބިލުގައި ބުނާ ގޮތުން ކޯޓުތަކަށް ލިބިފައިވާ އިހުތިސާސްގެ ތެރެއިން ބަލަމުންދާ މައްސަލައެއްގައި އިޖުރާއަތްތަކުގެ ދަށުން ކުރާ އަމުރެއް ނުވަތަ ނިންމުމެއް ފިޔަވައި، އެއްވެސް ކޯޓަކުން އަމިއްލަ އިސް ނެގުމުގެ މަތިން ނިންމުމެއް ނިންމައިގެން ނުވާނެ އެވެ.

ކޯޓުތަކުން ނިންމާ ނިންމުންތައް މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފް ކުރިކަމުގައިވީ ނަމަވެސް ހުކުމް ތަންފީޒު ފަސް ނުވާނެ ކަމަށް ވެސް އެ ބިލުގައި ވެ އެވެ. ހުކުމް ތަންފީޒު ކުރަން ފަސް ކުރަން ބޭނުންވެއްޖެ ނަމަ އިސްތިއުނާފް ކުރާ ފަރާތުން އެކަމަށް އެދެން ޖެހޭނެ ކަމަށް އެ ބިލުގައި ވެ އެވެ.

އިސްތިއުނާފް ކުރަން ބޭނުންވާ ނަމަ މައްސަލަ ނިންމި ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި އިސްތިއުނާފަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައި ވެ އެވެ.

ޝަރީއަތުގެ މަޖިލީހުގެ ނިޒާމާ ހިލާފުވެއްޖެ ނަމަ ކޯޓުތަކުގެ ގާނޫނުގައި މީގެ ކުރިން އޮންނަނީ 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ ގޭ ބަންދު ކުރުމެވެ. އަލަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން އެ މުއްދަތު ވަނީ ތިން މަސް ދުވަހަށް ބަދަލުކޮށްފަ އެވެ.

ބިލު ތަސްދީގުކޮށް ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމް ކޮށްފައިވާ ހައިކޯޓުގެ ދެ ގޮފި އުވޭނެ ކަމަށް ވެސް އެ ބިލުގައި ބަޔާން ކޮށްފައި ވެ އެވެ.

މީގެ އިތުރުން އެ ބިލުގައި ބަޔާން ކުރާ އުސޫލުތައް ކަނޑައެޅުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ރޫލިންތަކާއި ގަވައިދާއި ސާކިއުލާތައް ވެސް އުވޭނެ ކަމަށް ބިލުގައި ބުނެފައި ވެ އެވެ.