17 ފެބުރުއަރީ 2022 - 07:07

އުމުރުން 16 އަހަރުގައި އޭނާގެ ބަރުދަނަކީ 120 ކިލޯގްރާމެވެ. އެ 'ފަލައިގެ' ބުރަ އޭނާއާ ބައްދަލުކުރީ ހަމައެކަނި ބަރުހެލި ބުރުސޫރައެއްގެ ގޮތުގައެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް އޭނާ ވަރުބަލިކޮށްލީ ކޮންމެ ދުވަހަކު އޭނާ އަށް ހަނގާކުރި ބުލީންގެ ބައިގަނޑެވެ. ކިޔަވަން ދިޔަ ސްކޫލުން ކެނޑިގެން، އަމިއްލަ ރަށުން ފުރައިގެން ދާން މަޖުބޫރުވާ ވަރަށެވެ.

އޭގެ އެތައް އަހަރެއް ފަހުން މިއަދު ވެސް އެ ފުރައްސާރައިގެ ސަފުހާތައް ކިޔައިދޭން އޭނާ އަށް ވަރަށް އުނދަގުލެވެ. ޖިމަކަށް ވަދެ މި ވަގުތު ވެސް 290 ކިލޯގްރާމުގެ ޑެޑްލިފްޓެއް ޖެއްސުމަކީ އޭނާ އަށް ހަމަ ފެންމެޓައެވެ. އެކަމަކު މީގެ 10 އަހަރު ކުރީގެ ހަޔާތުގައިވީ ސަފުހާތައް އުކުން އެއީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ.

އެ ވާހަކަތައް ކިޔައިދެމުންދިޔައިރު ވެސް އޭނާގެ އަޑުގައި ހާސްކަމެއް އުފެއްދިއެވެ. އަޑުގައި ތުރުތުރުލުމެއް އުފެއްދިއެވެ.

އެކަމަކު މުހައްމަދު ނަހްޔާންގެ ބޮލަށް ވެއްޓުނު އެ 'ފުރައްސާރައިގެ ދުނިޔެ' އަށް އޭނާ މިއަދު ސަވާރުވެ ހުރި ގޮތަކީ ހަމައެކަނި މި ފެންނަ ފޮޓޯތަކުން ހިތްގައިމުވެފައި ހިތްދަމައިގަންނަ މަންޒަރެއް ނޫނެވެ. ކިޔައިދޭން މުހިންމު، އަދި ކޮންމެ މީހަކު ކިޔާލަން ވެސް، ވަރަށް މުހިންމު ވާހަކައެއްކަން ޔަގީނެވެ.

"އަހަރެން އޭރު ހުރި ގޮތަކާ ގުޅުވައިގެން އަބަދު އެގޮތަށް ފުރައްސާރަކޮށް ޖެއްސުންކުރީމަ އޭގެ އަސަރު ވަރަށް ބޮޑަށް ނަފުސާނީގޮތުން ކުރި. ވަރަށް ދަރަވޭ. ބޭރު ތެރެއަށް، މީހުންގެ ތެރެއަށް ނުކުންނަ ހިތެއް ވެސް ނުވާނެ އޭރަކު،" އިސްކަންދަރު ސްކޫލްގައި ކިޔަވަމުން ދިޔަ ދުވަސްތަކުން ނަހްޔާން ކިޔައިދިނެވެ.

"ބުލީންގެ އަސަރު ވަރަށް ބޮޑަށް ކުރި އޭރު އަޅުގަނޑުގެ ލައިފަށް. މި ބުނީ، ބޭރަށް ނުކުންނަ ހިތްނުވާ ވަރުކޮށްލި. އެއްވެސް ތަނަކަށް ދާހިތްނުވާވަރުކޮށްލި. އެންމެފަހުން ސްކޫލުން ކެނޑިގެން މަންމައާ އެކު ބަދަލުވީ ލަންކާ އަށް."
މާހައުލާއި މީހުންނާއި ސަގާފަތް ބަދަލުވުމުން ނަހްޔާންގެ ބޮލަށާއި ހިތަށް ފިނިކަމެއް ހޯދައިދެވިދާނެ ކަމުގެ އުއްމީދުގައެވެ.
"އެކަމަކު ލަންކާގައި ވެސް ހަމަ ސޭމް ތިންގް ދިމާވާން ފެށީ. ލަންކާގައި ވެސް ބުލީކުރާ ވަރުން އެންމެފަހުން ސްކޫލަށް ވެސް ނުގޮސް، ކެނޑިގެން، ޕްރައިވެޓްކޮށް ކްލާސްތައް ނަގައިގެން އަޅުގަނޑު އޯލެވެލް ހެދީ ވެސް،" ނަހްޔާން ކިޔައިދިނެވެ.
"ބުލީކޮށް ފުރައްސާރަކުރާވަރުން ތަންތަނަށް ދާހިތެއް ނުވޭ. މީހުންގެ ތެރެއަށް ނުކުންނަ ހިތެއް ނުވޭ. އަމިއްލަ ނަފުސަކަށް އިތުބާރެއް ނޯވޭ. ކަންކަމާ ކުރިމަތިލާކަށް ނުކެރޭ."
ނަހްޔާން ވެއްޓިގެން ދިޔައީ މީހަކު ވެއްޓިގެން ދާނެ އެންމެ އަޑިއަށެވެ. އެކަމަކު ފުރާވަރުގެ އެ ހިތުގައި އުފެއްދި ޖޯޝަކާއި ފޯރިއެއްގައި އޭނާ ގޮސް ވަނީ 'މާލޭ ފިޓްނެސް' އަށެވެ. ޖިމަކަށެވެ.
އޭގެ 10 އަހަރު ފަހުން މިއަދު، 'ބުލީންނަށް" އޭނާ ވަކިކުރަން ނޭނގޭވަރުގެ ބަދަލެއް ނަހްޔާންގެ ހަށިގަނޑަށް ގެނެސްފައިވިޔަސް މުޖުތަމައުގެ މޫނުމައްޗަށް ނުކުމެ އެ ހަށިގަނޑު ފުއްޕާލާ ކޮންމެ ފަހަރަކު ހަޔާތުގެ ލޯގަނޑު އޭނާ އަށް ދައްކުވައިދެނީ އޭނާގެ ބިޔަ ހަށިގަނޑަށް ވުރެ އެތައް ގުނަ ބިޔަ މަންޒަރެކެވެ. ކުރިން އޭނާ އަށް ނުފެނުނު މަންޒަރެކެވެ. އަދި މުޑުދާރު ހަގީގަތެކެވެ.
"އަޅުގަނޑަށް އިހުސާސްވީ މުޅިން އެހެން ކަމެއް. އެއީ އަޅުގަނޑު އަދި ކިތަންމެ ވަރަކަށް ހިކުނަސް، ހަށިގަނޑު ކިތަންމެ ރީތިކުރިޔަސް، ބުލީކުރާ މީހުންނާއި ފުރައްސާރަކުރާ މީހުން ބަދަލެއްނުވާކަން. އެމީހުން ތިބެނީ ހަމަ އެމީހުންގެ ގޮތުގައިކަން. އެމީހުން ކޮންމެ ދުވަހަކުވެސް ކުރާ ކަމަކީ ޖެއްސުމާއި ފުރައްސާރަކަން،" ނަހްޔާން ކިޔައިދިނެވެ.
އޭނާ 'މާލޭ ފިޓްނެސް' އަށް ވަދެ ހަތް މަސް ދުވަސް ތެރޭގައި 120 ކިލޯގެ ސަރުބީޖެހި ހަށިގަނޑު 64 ކިލޯ އަށް ހިއްކާލައިގެން ނުކުތްއިރު ވެސް ބުލީންގެ ބައިގަނޑު އޮތީ ހަމަ އޭނާގެ އިންތިޒާރުގައި މަސްކާން ތައްޔާރަށް ކަމެވެ.
"ވަރަށް ގިނަ މީހުންނަށް ޝޮކެއް ލިބުނީ އަހަރެން ހިކުނީމަ. އަހަރެން އެގޮތަށް ހިކިފަހުރިތަން ފެނުނީމަ. އަސްލު އެއްވެސް މީހަކު ގަބޫލެއްނުކުރޭ އަހަރެންނަށް އެކަން ކުރެވިދާނެ ކަމަކަށް. އަހަރެން ދުވަހަކުވެސް ހިކިދާނެ ކަމަކަށް. އެއީ އަސްލު އެގޮތަށް ކުރިއަށް ދާން އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ. މޯޓިވޭޝަނަކީ ވެސް،" ނަހްޔާން ބުންޏެވެ.
"އެކަމަކު އަޅުގަނޑަށް ވިސްނުނީ މީހަކު އަދި ކިތަންމެ ބަދަލުވިޔަސް، ބުލީކުރުން ނުހުއްޓޭނެކަން. އަޅުގަނޑަށް ވިސްނުނީ އަސްލު މައްސަލައަކީ އަޅުގަނޑު ފަލަވުމެއް ނޫންކަން. އަޅުގަނޑު ހުރި ގޮތެއް ނޫންކަން. އެކަމަކު ބައެއްގެ މެދުގައި އޮތް ވިސްނުމެއްކަން. ސަގާފަތެއްކަން."
މި ހިސާބުން ބުލީންނަށް ބޮޅެކެވެ. ނަހްޔާނަށް ކިހާވަރެއް ހެއްޔެވެ؟
ކޮމްޕިއުޓާ ސައިންސް އިން ޑިގްރީ އަށް ކިޔަވަމުން ޕާސަނަލް ޓްރެއިނިން ކްލާސްތައް ނަގައިދެމުން އަމިއްލަ ހަށިގަނޑަށް ވޯކްއައުޓު ޖައްސަމުން ބަރު އުފުލުމުގައި ރިކޯޑްތައް މުގުރަމުން އަންނަ 26 އަހަރުގެ މި ޒުވާނާ އަކީ މިވަގުތު ބޮޑީބިލްޑިން އެތުލީޓެއްގެ ގޮތުގައި އަހަރެމެން އެންމެން ތަމްސީލުކުރަން ތައްޔާރުވަމުން އަންނަ ހިތްވަރެކެވެ. އޭނާގެ އެންމެ ފަހުގެ ޚަބަރަކީ މިއެވެ.
އެކަމަކު ނަހްޔާން ޖިމަށް ދިޔައީކީ އެއްގޮތަކަށް ވެސް ފިޓްނެސް އާއި ބޮޑީބިލްޑިންގެ ދާނުގައި މިކަހަލަ ދަތުރަކާއި ތަޖުރިބާއަކަށް އަޒުމުކަނޑައަޅައިގެނެއް ނޫނެވެ. އޭނާ ބޭނުންވީ ހިކޭށެވެ. ފުރައްސާރައިން ސަލާމަތްވެ އެންމެ ދުވަހަކަށް ނަމަވެސް ހަމަ ނޭވާލާށެވެ. ލައިފުގެ އެ ޕީސް އާއި ހިމޭންކަމެވެ.
އެކަމަކު ފުރައްސާރަ، އޭނާގެ ހަޔާތް ބަދަލުކޮށްލި ހިތްވަރަކަށް ބަދަލުވީއެވެ.
"އެންމެ ބޮޑު ޑްރައިވަކީ، ބުނީމެއް ނުން އަހަރެން ހިކުނު ފަހުން ވެސް ހޭޓާސް އާއި ބުލީކުރުން ނުހުއްޓުވުނޭ. އެހެންވީމަ އަޅުގަނޑު އަސްލު ބޭނުންވީ 120 ކިލޯގައި ހުރެފައި، 64 ކިލޯ އަށް ހިކުން އެކަނި ނޫންކަން އަޅުގަނޑަށް ހާސިލުކުރެވޭނީ ސާބިތުކޮށްދޭން. އެއަށް ވުރެ މައްޗަށް ވެސް އަޅުގަނޑަށް ދެވިދާނެކަން ފިޓްނެސްގެ ދަތުރުގައި. އެހެންވީމަ ބޭނުންވީ އެ ލިމިޓް ނެތްކަން އެންމެނަށް ސާބިތުކޮށްދޭން ފަހުން،" ނަހްޔާން ކިޔައިދިނެވެ.
ވަށައިގެން އެނބުރުނު އަދި ފަހައި ދުވި ނެގެޓިވް އެނާޖީ ކައްކައި ބަދަލުކޮށްލީ ޕޮޒިޓިވް އެނާޖީއަށެވެ.
ނަހްޔާން ބުނީ ބޮޑީބިލްޑިން އަށް ހިތް ޖެއްސުވީ ރާއްޖޭގައި ބާއްވާ ބޮޑީބިލްޑިންގެ އެންމެ މަތީ ސްޓޭޖުކަމުގައިވާ "މިސްޓަ މޯލްޑިވްސް" ކަމަށެވެ.
"ޖިމަށް ދާއިރު އަބަދުވެސް ފެނޭ ބޮޑީބިލްޑްކުރާ މީހުން. މިސްޓަ މޯލްޑިވްސް އަށް ތައްޔާރުވާ އެތުލީޓުން. އެހެންވީމަ އެގޮތަށް ބޮޑީބިލްޑްކޮށް އެމީހުންގެ ލައިފްސްޓައިލް އަށް ހިތްޖެހުނީ މަޑުމަޑުން،" ނަހްޔާން ކިޔައިދިނެވެ.
"ބޮޑީބިލްޑްކުރަން ބޭނުންވިޔަސް ސީދާ ބޮޑީބިލްޑްކުރާކަށް ނޫން ފުރަތަމަ ބޭނުންވީ. އަޅުގަނޑު އެންމެ ޝައުގުވެރިވީ އަދި މިހާރު ވެސް އެންމެ ޝައުގުވެރިވަނީ ޕަވާ ލިފްޓިން އަށް. ޑެޑް ލިފްޓިން އަށް. އެންމެ ބަރުކޮށް ވެއިޓް އުފުލާ މީހާ އަށް ވާން އަޅުގަނޑު ބޭނުންވީ."
ނަހްޔާން އަކީ އޭނާ ބުނާ ގޮތުން ނަމަ މިވަގުތު ރާއްޖޭގައި އެންމެ ބަރުކޮށް ވެއިޓްއުފުލާ ނުވަތަ ޕަވާލިފްޓްކުރާ އެތުލީޓެވެ. ރަސްމީ ސިފައެއް އޭނާގެ މި ރިކޯޑްތަކުގައި ނެތަސް އެ އަދަދުތައް ވެސް ކިޔައިދިނެވެ.
"މިހާރު އަޅުގަނޑު ޑެޑްލިފްޓްކުރަން 290 ކޭޖީ. 260 ކޭޖީ ސްކްއަޓް ހަދަން. އަދި 190 ކޭޖީ ބެންޗު ޕްރެސްކުރެވޭ. 2016 ވަނަ އަހަރު މާލޭ ފިޓްނެސް އިން ބޭއްވި ބެންޗުޕްރެސް މުބާރާތެއްގައި އަޅުގަނޑަށް ލިބުނު މިސްޓަ ބެންޗު ޓައިޓްލް ވެސް،" ނަހްޔާން ކިޔައިދިނެވެ.
"އެކަމަކު ރާއްޖޭގައި ޕަވާލިފްޓިން ރަސްމީ މުބާރާތްތަކެއް އަދި ނެތީމަ މިއީ ނުރަސްމީ ރިކޯޑްތަކެއް."
އެކަމަކު އޭނާ ކޮންމެ ދުވަހަކު ނެރޭ އެނާޖީ އާއި ދައްކާ ހިތްވަރަކީ ނުރަސްމީ ހިސާބުކިތާބެއް ނޫނެވެ. ފަތިހު ފަސްގަޑި ބައިގައި ހޭލައިގެން ހަތް ގަޑިބައިގައި އޭނާ ހުންނާނީ ކޮންމެވެސް ޖިމެއްގައި ކޮންމެވެސް މީހަކަށް ޕާސަނަލް ޓްރެއިނިން ނަގައިދޭށެވެ. ދެން ގެއަށް އެނބުރި ގޮސް 'ފެން ތަޅާލައިގެން' ބްރޭކްފާސް ނަގައިގެން އަނެއްކާވެސް ޖިމަށެވެ. އަމިއްލަ ހަށިގަނޑު ކައްކާށެވެ.
ނަހްޔާން ކިޔައިދީބަލާށެވެ. މި ތަރުތީބު ކިޔައިދޭހާ ގާތަކަށް ވެސް މަ ފިޓެއް ނޫނެވެ.
"ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެ. އެއީ ދެ ގަޑިއިރު ވޯކްއައުޓަށް. އެއް ގަޑިއިރު ކާޑިއޯ އަށް. ދެން ގެއަށް ގޮސް ފެންވަރާލައިގެން، ކާނީ. ދެން އަނެއްކާވެސް ޖިމަށް. ޕީޓީ ކްލާސްތަކަށް. ދެން ހަވީރު ވެސް އޮންނާނެ ޕީޓީ ކްލާސް،" އޭނާ ކިޔައިދިނެވެ.
"އެކަމަކު އިރުއޮއްސި ހައެއްގެ ފަހުން ބަލަން ކްލައިންޓުން، ޕީޓީ ކްލާސް ނުނަގައިވޭތޯ. އެއީ އާންމުކޮށް ރޭގަނޑަކީ ކިޔަވާ ގަޑިވީމަ. 6-9 އަށް އެއީ ކޮލެޖު ގަޑި. ހުކުރަކީ ހަމައެކަނި އޮފް."
އޯކޭއެވެ. ކިތަންމެ ވަރުބައްޔެއްވިޔަސް އަދިވެސް ދެ ތިން ވާހަކައެއް އެބައޮތެވެ. އެންމެ ފުރަތަމަ ނަހްޔާންގެ ހުވަފެންތަކުގެ ވާހަކަ އެވެ.
"މިސްޓަ މޯލްޑިވްސް މުބާރާތް 3 ފަހަރު ކާމިޔާބުކުރުން އެއީ އެންމެ ބޮޑު ހުވަފެނަކީ. ދެން އޭޝިއަން ޗެމްޕިއަންޝިޕުން ވެސް ބޮޑީބިލްޑިންގައި މެޑަލް ލިބުން. ޕަވާ ލިފްޓިންގެ ބައިނަލްއަގުވާމީ މުބާރާތެއްގައި ބައިވެރުވުމަކީ ވެސް ހުވަފެނެއް. އަދި ކިޔަވައިގެން މާސްޓާސް ވެސް ފުރިހަމަކުރަން ބޭނުން،" މިސްޓަ މޯލްޑިވްސްގައި ދެ ފަހަރެއްގެ މަތިން ވާދަކޮށް މިޑްލް ވެއިޓާއި ފިޒީކްގައި ދެ ވަނަ އަދި ތިން ވަނަ ހާސިލުކޮށްފައިވާ ނަހްޔާން ކިޔައިދިނެވެ.
"މި ހުރިހާ ކަމަކީ ވެސް އަމިއްލަ ނަފުސުގެ އުފާވެރިކަމަށް ކުރާ ކަންކަން. އަދި ޓްރޮފީތަކަކަށްވުރެ ވެސް މުހިންމީ ލިބޭ އުފާ މި ހުރިހާ ކަމަކުން. އެއީގެން އަޅުގަނޑަށް ހީވަނީ އެންމެ މުހިންމުވާން ޖެހޭނެ ކަމަކީ ވެސް."
އެކަމަކު އަދިވެސް، ބައެއް މީހުންނަށް މުހިންމު ވަނީ ޖައްސާލެވެން އޮތް މީހަކާ، ޖައްސާލެވެން އޮތް ގޮތަކަށް ޖައްސާލުމެވެ.
"އަދިވެސް އުޅޭ މީހުން އެގޮތަށް. އެކަމަކު ކުރިއަށް ވުރެ މަދު އަމާޒުވާ ފާޑުކިޔުމާއި ފުރައްސާރަ. އަޅުގަނޑު ސާބިތުވެ ހުރެ ކުރިއަށް ގޮސް ސާބިތުކޮށް ދައްކަމުންދާ ނަމަ އެއްޗެހި ކިޔާ މީހުންވެސް މަދުވާނެ ދޯ. އެކަމަކު އަބަދުވެސް އުޅޭނެ ތިމާއާ ޖައްސާލައިގެން އުޅޭ ދެ ތިން މީހަކު ކޮންމެ މީހެއްގެ ލައިފުގައި ވެސް،" ދިރިއުޅުމުގެ ދަތުރުން ނަހްޔާން ފިލާވަޅެއް ނަގައިދިނެވެ.
"އެކަމަކު އެ ދެ ތިން މީހަކަށް ފޯކަސްއެއް ނުކުރަން މިހާރަކު. އަޅުގަނޑު ބޭނުމެއް ނޫން މީހުން ކިޔާ އެއްޗަކަށް ރައްދެއް ދޭން. އަޅުގަނޑު ބޭނުންވަނީ ކަންކޮށްފަ ދައްކަން. އެކްޝަންސް ސްޕީކް ލައުޑާ ދެން ވޯޑްސް."
އެހެންވީމަ، ދެން ކޮން ޗެލެންޖެއް ހެއްޔެވެ؟ ހަޔާތުގެ ކޮން ބުރައެއް ހެއްޔެވެ؟
މުހައްމަދު ނަހްޔާން ތައްޔާރެވެ.