16 ފެބުރުއަރީ 2022 - 23:45

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ބައްދަލުކޮށް 2-1 ގެ ހަނި ތަފާތަކުން ވެލެންސިއާ މޮޅުވެއްޖެ އެވެ.
ވެލެންސިއާގެ ހުސްވެފައިވާ ކޯޗުގެ މަގާމާ މިދިޔަ މަހު ހަވާލުވި އެޓީމުގެ ކުރީގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) މިރޭ ނުކުތީ، އެންމެ ފަހުން އެޓީމަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ތިން ކުޅުންތެރިން އެކި ސަބަބުތަކާ ހުރެ ޓީމުގައި ނުހިމަނަ އެވެ. ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަނިޔާގައި ހުރިއިރު، މައުލޫމާތު ލިބޭ ގޮތުގައި ކީޕަރު މުހައްމަދު ފައިސަލް ބަލިކޮށް އުޅޭތީވެ މިރޭ ނުކުޅެ އެވެ. އޭނާ އަންނަ ހަފްތާގައި އަލުން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާނެ އެވެ. އަދި އެނގިފައިވާ ގޮތުން މިމަހު ދެވަނަ ދުވަހު، 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި މިޑްފީލްޑަރު، އަސްހަދު އަލީ (އަޑޭ) މިވަގުތު ހުރީ ރާއްޖޭން ބޭރުގަ އެވެ.
ޔޫވީން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް އެޓީމަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވޭގޮތް ނުވެފަ އެވެ. ނަމަވެސް ވެލެންސިއާ އިން ވަނީ ކައުންޓާ އެޓޭކްތަކުގައި ލިބޭ ފުރުސަތުގައި ޔޫވީގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.
މެޗުގެ 28 ވަނަ މިނިޓުގައި ހަލީލް ގަމާލް ޔޫވީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އަރިމަތިން ހުސްކޮށް އެރި އަބްދުﷲ ޔާމީން (ޔާނު) އަށް ޖައްސާލުމުން އޭނާ ވަނީ އޭރިއާ ބޭރުން އެއްފަހަރުން ޖަހައި ގޯލު ދަނޑީގައި ޖައްސައި ބޯޅަ ގޯލަށް ފޮނުވާލައިގެން ވެލެންސިއާ އަށް ފުރަތަމަ ލަނޑު ޖަހައިދީފަ އެވެ. މިއީ ނިމުނު ޕްރެޒިޑެންޓްސް ކަޕަށް ފަހު ޔާމީން ގްރީން ސްޓްރީޓްސް ދޫކޮށް ކްލަބް ވެލެންސިއާއާ ގުޅި، އެޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. ނަމަވެސް މި ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދޭން އުޅުމުގެ ތެރޭގައި އަނިޔާވެގެން ހަލީލް ވަނީ ބަދަލު ކޮށްފަ އެވެ.
އޭގެ ފަހުން ޔާމީން ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯހާސް މާޓިން، ޔޫވީގެ ކީޕަރު އަހުމަދު އަނަފް ޒަރިޔަންދު ބޯ މަތިން ފޮނުވާލުމުން ގޯލް ލައިން މަތިން ދިފާއުކުރީ މޫސާ އަޒީމް ހަސަން އެވެ. ރީބައުންސްވި ބޯޅަ ހޯދައި ބޯހާސް ދެވަނަ ފަހަރަށް ފޮނުވާލުމުން ކީޕަރު ބޯޅައަށް ޓެކްލްކުރި ނަމަވެސް އަޒީމް ވަނީ ބޯޅަ ކްލިއާ ކޮށްލައިފަ އެވެ. ނަމަވެސް ވެލެންސިއާ ކުޅުންތެރިން ވަނީ ކީޕަރު ފައުލް ކުރި ކަމަށް ވަރަށް ބޮޑަށް އެޕީލް ކޮށްފަ އެވެ.
ވެލެންސިއާގެ ދެވަނަ ލަނޑު 43 ވަނަ މިނިޓުގައި ޔާމީންގެ އެހީތެރިކަމާ އެކު ޖަހައިދިނީ މި މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ބޯހާސް އެވެ. ޔޫވީގެ ޑިފެންސް ފަހަތަށް ވައްޓާލި ބޯޅަ އަޒީމް އަށް ކްލިއާ ކޮށްނުލެވުމުން ބޯހާސް ވަނީ ބޯޅަ ހޯދައި، މެއިން ކޮންޓްރޯލް ކޮށްލާފައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ.
މީގެ އިތުރުން ޔޫވީގެ ޝިފާން ހަސަން ފަހަތަށް ޖައްސާލި ބޯޅަ އޭރިއާ ތެރެއިން ބޯހާސް އަށް ލިބުމުގެ ކުރިން ކީޕަރު އަނަފް ބޯޅަ އަށް ޓެކްލްކޮށް ފޮނުވާލުމުން ޔާމީނަށް ލިބުމާއެކު އޭނާ ފޮނުވާލި ބޯޅަ ވެސް އަނަފް ވަނީ ދިފާއުކޮށް ބޭރު ކޮށްލައިފަ އެވެ.
ޔޫވީން މި ހާފުގައި ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ އެނަޓޮލީ ވްލާސިޗޭވް އެވެ. އޭރިޔާ މެދަކާ ހަމައިން އޭނާ ފޮނުވާލި ބާރު ހަމަލާ، މި މެޗުގައި ވެލެންސިއާގެ ގޯލު ބެލެހެއްޓި ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ ހުޝިޔާރުކަމާ އެކު ދިފާއު ކޮށްފަ އެވެ.
ޔޫވީން ލަނޑު ޖެހީ މެޗުގެ 61 ވަނަ މިނިޓުގައި، އެޓީމުގެ ބެލަރޫސް މިޑްފީލްޑަރު އިވާން ވެރާސް އެވެ. ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު ރީހާން ނަގައިދިން ހުރަހެއް ވެލެންސިއާގެ އަމްދާން އަލީ (އެންޑީ) އަށް މާ ރަނގަޅަށް ކްލިއާކޮށް ނުލެވުމުން ކައިރީގައި ހުރި އިވާން ވަނީ ބޯޅަ ހޯދައި ކީޕަރު ފައި ދޭތެރެއިން ގޯލަށް ފޮނުވާލައިފަ އެވެ. މިއީ ޕްރިމިއާ ލީގުގެ ކުރިން ޔޫވީއާ ގުޅުނު އިވާން އެޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.
ވެލެންސިއާގެ ހުސެއިން ހަނާން މި ހާފުގައި މުޅިން ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއެއް ކީޕަރު އަނަފް ދިފާއުކުރިއިރު، ދެން ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ. ޔޫވީން މެޗުގެ ނަތީޖާ އެއްވަރުކުރަން މަސައްކަތް ކުރި ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގައި ލިބުނު ބޯޅަތައް މާ ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ. އިވާން އާއި އެނަޓޮލީ ފޮނުވާލި ހަމަލާތައް ގޯލާ އަމާޒު ނުވިއިރު، ރީހާން އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރު ތޮލާލް ވަނީ ދިފާއު ކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި މާދަމާ ވެސް ދެ މެޗް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ނުކުންނައިރު، މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކުލަބެވެ.