ދިޝާ އަށް އެނގެނީ ކޮފީ ގިރަން އެކަނި
ދިޝާ އަށް އެނގެނީ ކޮފީ ގިރަން އެކަނި

މިިދިޔަ އަހަރު ކައިވެނިކުރި މަޝްހޫރު ލަަވަކިޔުންތެރިޔާ ރާހުލް ވާދިޔާ ވަނީ އޭނާގެ އަނބިމީހާ އަދި ޓީވީ ތަރި، ދިޝާ ޕަރްމާ އަށް ކައްކަން ނޭނގޭ ކަމަށް ބުނެފަ އެވެ.

"ޕިންކްވިލާ" އިން ގެންނަ ޕްރޮގްރާމެއްގައި ދެ ތަރިން ބައިވެރިވެ އެކަކު އަނެކަކުގެ ހުރި ވިޔާނުދާ ކަންކަން ހިއްސާކުރި އިރު، ރާހުލް ބުނީ ދިޝާގެ އަތުން ކައްކާ އެއްޗެއް ކާން އޭނާ ވަރަށް ބޭނުންވާ ކަމަށެވެ. އެކަމަކު ދިޝާ އަށް އެކައްޗެއް ވެސް ކައްކަން ނޭނގޭ ކަމަށް ބުންޏެވެ.

އެއާ އެކު ދިޝާ ބުނީ އޭނާ އަށް ވަރަށް މީރުކޮށް ކޮފީ ގިރަން އެނގޭ ކަމަށެވެ. ދިޝާ ބުނި ގޮތުގައި ބައެއް މީހުންނަކީ ކޮފީއެއް ވެސް ގިރާލަން ނޭނގޭ މީހުންނެވެ. އެކަމަކު ވަރަށް މޮޅުކޮށް، އޭނާ ކޮފީ ގިރާ ކަމަށް ބުނުމުން ރާހުލް ވެސް އެކަމަށް އެއްބަސްވި އެވެ.

ކައިވެނިކުރި ފަހުން ދިޝާ އަށް އެންމެ ކަމުނުދިޔައީ ރާހުލް ފާހާނާގައި ބޭނުންކުރާ އެއްޗެހި ތަރުތީބެއްނެތި ބަހައްޓާތީ އެވެ. އެކަމަކު ހަފްތާއެއްވި އިރު ވެސް އެކަމަށް ބަދަލެއް ނައުމުން އެންމެ ފަހުން އޭނާ ގާތު ބުނެގެން އިސްލާހު ކުރުވި ކަމަށް ވެސް ދިޝާ ބުންޏެވެ.

ރާހުލް ބުނީ އެ މައްސަލަ ދިމާވީ، އޭނާ އަކީ އަބަދު ވެސް އެކަނި އުޅުނު މީހަކަށް ވާތީ ކަމަށެވެ.

އެހެން ޖޯޑުންނެކޭ އެއްގޮތަށް އެ ދެތަރިންނަށް ވެސް ކައިވެނީގެ ފަހުން އަބަދުކުރާ ސުވާލަކީ ދަރިއަކު ހޯދަނީ ކޮންއިރަކުތޯ އެވެ. އެ ސުވާލަށް ޖަވާބު ދެމުން މަޖާގޮތަކަށް ރާހުލް ބުނީ އޭނާ ހުރީ އެކަމަށް ތައްޔާރަށެވެ. އެކަމަކު ކައިވެންޏަށްވީ އަދި އެންމެ އަށް ވަރަކަށް މަސް ކަމަށާއި ދަރިއަކު ހޯދަން އަދި ނޫޅޭ ކަމަށް ދިޝާ ބުންޏެވެ.

ރާހުލް އާއި ދިޝާ ލޯބީގެ ގޮތުން ގުޅުނީ ބިގް ބޮސް 14 އިންނެވެ. އުމުރުން 29 އަހަރުގެ ދިޝާ އަކީ ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ، "ޕިޔާރު ކާ ދަރްދު ހޭ މީޓާ" އިން މަޝްހޫރުވި ތަރިއެކެވެ. ރާހުލް ބޮޑަށް މަޝްހޫރުވީ ބިގް ބޮސް އިންނެވެ.