16 ފެބުރުއަރީ 2022 - 18:22

ޓޫރިޒަމްގެ ގޯލްޑަން އަހަރާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ސްޓޭމްޕެއް ތައާރަފްކޮށްފި އެވެ.
މި ސްޓޭމްޕް ނެރެދެއްވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބާނީން ކަމަށްވާ އެމްޔޫ މުހައްމަދު އުމަރު މަނިކާއި ހުސެއިން އަފީފާއި އަހުމަދު ނަސީމާއި ޖޯޖް ކޯބިންގެ އިތުރުން ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހުމަދު މުޖުތަބާ އެވެ.
މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މިއަދަކީ ރާއްޖެއަށް ޓޫރިސްޓުންގެ ފުރަތަމަ ގްރޫޕް އައި ދުވަސް ކަމަށްވާ އިރު އޭރު މި ކަން ވިޔަފާރިއެއްގެ ގޮތުގައި ފެށުމަށް ނިންމުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
"ރާއްޖޭގެ ފުރަތަމަ ޓޫރިޒަމްގެ ދުވަސް މިއަހަރު ފާހަގަކުރާނަން. މިއަހަރު ގިނަ ހަރަކާތްތަކެއް ރޭވުމަށް ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ކުލަ ގޮތެއްގައި މިއަހަރު ފާހަގަކުރެ އެވެ. ރާއްޖޭގެ ފުރަތަމަ ރިސޯޓު ހުޅުވީ އޮކްޓޫބަރު 3، 1972 ގަ އެވެ. އެ ރިސޯޓު ހުޅުވީ 30 ކޮޓަރިއާ އެކު އެވެ.