16 ފެބުރުއަރީ 2022 - 20:16

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

ލީގު ފަށަން ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދަ ގްރާންޑޭ އިން ވަނީ ޕްރެޒިޑެންޓްސް ކަޕަށް ފަހު އެޓީމާ އަލަށް ގުޅުނު ސްރީ ލަންކާގެ ޑިފެންޑަރު ޗަމޯދް ދިލްޝާން އާއި ފޯވާޑް މުހައްމަދު އާކިބް ފުރަތަމަ 11 ގައި ހިމަނައިފަ އެވެ.

ގްރީން ސްޓްރީޓްސް ވެސް ފެށީ އެޓީމާ އަލަށް ގުޅުނު ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ކޮލަމްބިއާގެ ފޯވާޑް ހޯސޭ އަވީލާ އާއި ބެލްޖިއަމް މިޑްފީލްޑަރު ޖޯޑީ ބާޓް ވްލޭޖެލްސްއާ އެކު އެވެ. އަވީލާ އަކީ 2018 ވަނަ އަހަރު ވެސް ގްރީން ސްޓްރީޓްސް އަށް ކުޅުނު ކުޅުނު ކުޅުންތެރިއެކެވެ. އޭގެ ކުރިން އޭނާ ވަނީ 2017 ވަނަ އަހަރު ޕްރިމިއާ ލީގުގައި ގދ. ތިނަދޫ ފުޓުބޯޅަ ޓީމަށް ކުޅެފަ އެވެ.
މިއަދުގެ މެޗުގެ އަށްވަނަ މިނިޓުގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ވަނީ ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ނަގައިދީފަ އެވެ. މި ޕެނަލްޓީއަކީ ގްރީންގެ ހަސަން ނަޒީމް (ޗޯޓު) ގްރާންޑޭގެ އިބްރާހިމް އުސާމާ ހަސަން މަޖީދު ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަން ވަގުތު އާކިބް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕުގައި ވެސް ރިލޭ ވަނީ ގްރާންޑޭ ކޮޅަށް ލަނޑު ޖަހައިފަ އެވެ. ގްރީން އިން ވަނީ އެ މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގްރާންޑޭ ބަލި ކޮށްފަ އެވެ. މި ގޯލަށް ފަހު ވެސް ގްރީން އިން ވަނީ ރަނގަޅު ތިން ހަމަލާއެއް ފޮނުވާލައިފަ އެވެ. ޗޯޓު ފޮނުވާލި ދެ ހަމަލާއެއް ގޯލާ އަމާޒު ނުވި އިރު، އަވީލާ ފޮނުވާލި ހަމަލާއެއް ގްރާންޑޭގެ ކީޕަރު ހަސަން މުއާޒް ވަނީ ދިފާއު ކޮށްފަ އެވެ.
މެޗުގެ 30 ވަނަ މިނިޓުގައި ގްރާންޑޭގެ އާކިބް އޭރިއާ ތެރެއިން ގްރީންގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ތިރިތިރިން ހުރަސްކޮށްލި ބޯޅަ އިސްމާއިލް ނަޒީހު ފޮނުވާލުމުން ދިޔައީ މާ މަތިން ބޭރަށެވެ. އޭގެ ފަހުން ގްރީން އިން ވަނީ ކުޅުން ފަށައި ލަނޑު ޖަހާނެ ހުސް ފުރުސަތެއް ހޯދައިފަ އެވެ. ކީޕަރު ފަހަތުން ޖެހި ބޯޅަ، އަރިމަތިން ކުރިޔަށް އެރި ޗޯޓު އަށް އަވީލާ ބޮލުން ޖައްސާލި އެވެ. އެ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް އޭނާ ވަނުމާ އެކު ގްރާންޑޭގެ ކެޕްޓަން ގާސިމް ސަމާމް ފަހަތުން އައިސް ހުރަސް އެޅުމުން ލިބުނީ ކައިރީ ހުރި އަވީލާ އަށެވެ. އޭނާ އެއްފަހަރުން ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.
ކައުންޓާ އެޓޭކެއްގައި ގްރާންޑޭގެ އިސްމާއިލް މަފާޒް އިބްރާހިމް އަށް ވެސް ވަނީ އެއްވަރުކުރަން ހުސް ފުރުސަތެއް ލިބިފަ އެވެ. އަހުމަދު އަބްދުއް ސައްތާރު ދިން ބޯޅައެއް ހިފައިގެން މަފާޒް މުޅިން ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ނަމަވެސް ބޯޅައިގައި ބާރެއް ނެތުމުން ކީޕަރު ވަނީ ފަސޭހަކަމާ އެކު ބޯޅަ ހޯދައިފަ އެވެ.
ގްރާންޑޭ އިން އެއްވަރުކުރީ 43 ވަނަ މިނިޓުގައި ޗަމޯދް ނަގައިދިން ހުރަހަކުން އާކިބް ކާމިޔާބުކުރި ލަނޑުންނެވެ. ޗަމޯދް ވަރަށް ތިރިން ނަގައިދިން ބޯޅައެއް އާކިބް ވަނީ ބޮލުން ޖަހައި ގޯލުގެ ފާ ޕޯސްޓު ތިރީ ކަނަށް ފޮނުވާލައިފަ އެވެ.
ދެވަނަ ހާފުގައި ވެސް ގްރާންޑޭ އިން ވަނީ ގްރީންގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އާކިބް ގޯލް ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅައެއް ރިލޭ ބްލޮކް ކުރުމުން ދެވަނަ ފަހަރަށް އާކިބް ފޮނުވާލުމުން ބްލޮކް ކުރީ އިބްރާހިމް ހަސީބެވެ. ހަސީބް ބްލޮކް ކުރި ބޯޅަ ކައިރީ ހުސްކޮށް ހުރި ޗަމޯދް ފޮނުވާލުމުން ދިފާއުކުރީ މޫސާ ހަސަނެވެ.
ޕްރިމިއާ ލީގުގައި މިރޭ ބައްދަލުކުރާނީ ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ. މި މެޗު ފަށާނީ މިރޭ 9 ޖަހާއިރެވެ.