16 ފެބުރުއަރީ 2022 - 18:26

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑް ނުވަތަ އަތިރިމަތި ކައިރިން ވިއްކާ 34 ގޯއްޗަށް ހުށަހެޅި ބީލަންތަކުގެ ތެރެއިން އެންމެ މަތީ އަގަކަށް އަކަފޫޓެއް 9،700 އަށް ގަންނަން ހުށަހަޅައިފި އެވެ.

ދެވަނަ ފިޔަވަހީގެ ބީޗް ސައިޑުން ގޯތިތައް ގަންނަން 179 މީހަކު ބީލަން ހުށަހެޅި އެވެ. އެކަމަކު ފޯމުގައި ސޮއި ނުކުރުމާއި ނުބައި ފޯމެއް ހުށަހެޅުމުގެ އިތުރުން ބިޑް ސެކިރިޓީއާ އެކު ބީލަން ފޯމު ހުށަނޭޅުމާއި ބިޑް ސެކިއުރިޓީ އެހެން މީހެއްގެ ނަމެއްގައި ހުށަހަޅާފައިވާތީ މިއަދު ހަތަރު ބީލަމެއް ބާތިލުކުރި އެވެ.

މެންދުރު 1:00 އިން ހަވީރު 4:00 އާ ހަމައަށް ބީލަން ކެނޑުން ހ. މީރުމާގެ ދެވަނަ ބުރީގައި ކުރިއަށް ގެންދިޔައިރު އަކަފޫޓަކަށް 9،700 ރުފިޔާ ހުށަހެޅީ ހުސެއިން އަލްބާން އެވެ. އަދި އޭނާއާ އެންމެ ގާތުން އަކަފޫޓަކަށް 9233.33ރ. ހުށަހެޅީ މުހައްމަދު އަޝްރަފް އެވެ.
މިއަދު އޮތް ބިޑުކުރުމުގައި ކާމިޔާބުކުރި ބީލަންތައް އުޅެނީ އެވްރެޖްކޮށް އަކަފޫޓެއް 7،100-8،900ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ބީޗް ސައިޑުން ވިއްކުމަށް ހަމަޖެހިފައިވާ 34 ގޯތީގެ ތެރެއިން އެންމެ ކުޑަ އަގަކުން ބީލަން ކާމިޔާބު ކުރި މީހާ ހުށަހެޅީ އަކަފޫޓަކަށް 7،157ރ. އެވެ.
ބިންތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ހުށަހަޅަން ޖެހޭއިރު، ގޯތިތައް ދޫކުރާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ މީހުންނަށެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ވަނީ ބީޗް ފްރޮންޓުން ގޯތި ގަންނަން ބޭނުންވާ މީހުންގެ ބީލަން ބަލައިގަތުމާއި ބިޑް ކުރުން ކުރިއަށް ގެންގޮސްފަ އެވެ. އެ ދުވަހު 26 ގޯއްޗަށް 211 މީހަކު ބީލަން ހުށަހެޅި އެވެ.
ބީޗް ފްރޮންޓުން އެންމެ ބޮޑު އަގު ހުށަހެޅީ އިބްރާހީމް މާޖިދު އެވެ. އެއީ އަކަފޫޓަކަށް 10 މިިލިއަން ރުފިޔާ އެވެ. އެކަމަކު އޮޅިގެން އެ އަދަދު ޖެހިފައިވާތީ "އެއީ ޖެނުއިން މިސްޓޭކެއް" ކަމަށް ނިންމައި އެ ބީލަން ހުށަހެޅި މާޖިދު ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހެޅި 320،000ރ. ކްލެއިމް ނުކުރާތީ، ބީޗް ސައިޑަށް ކުރިމަތިލުމުގެ ފުރުސަތު ދިނެވެ.
މިއަދު ބީޗް ސައިޑުން އޭނާ ގޯތި ކާމިޔާބުކުރީ އަކަފޫޓަކަށް 8،227ރ. ހުށަހަޅައިގެންނެވެ.