17 ފެބުރުއަރީ 2022 - 06:41

ކޮވިޑް-19އާ ގުޅިގެން މެދުކަނޑާލި ދެކުނު ކޮރެއާގެ މަޝްހޫރު މިއުޒިކް ބޭންޑް، ބީޓީއެސްގެ ޓުއާގެ ޝޯތައް އަންނަ މަހު އަލުން ފަށާ ގޮތަށް ނިންމައިފި އެވެ.
ބީޓީއެސްގެ "ޕާމިޝަން ޓު ޑާންސް އޮން ސްޓޭޖް" ޓުއާގެ ތިން ޝޯއެއް އަންނަ މަހު 10، 12 އަދި 13 ގައި ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބާއްވާނެ އެވެ. ލައިވް ސްޓްރީމް ވެސް ކުރަން ނިންމާފައިވާ މި ޝޯތައް އޮންނާނީ ސޯލްގެ އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ.
އެ ބޭންޑް 2013 ވަނަ އަހަރު އުފެދުމާ އެކު، މުޅި ދުނިޔެ އަށް ކޭ-ޕޮޕް މަޝްހޫރުކޮށްލި އެވެ. އެ ބޭންޑްގެ ކެޗީ، އަޕްބީޓް މިއުޒިކްތަކާއި ނެށުންތަކާއި އަދި ލިރިކްސް އަށް ވަރަށް ގިނަ ޒުވާނުންގެ ލޯބި ލިބެ އެވެ.
ޖުމްލަ ހަތް މެމްބަރުން ހިމެނޭ އެ ބޭންޑަށް މިދިޔަ އަހަރު ނޮވެމްބަރުގައި ތާރީހީ ބޮޑު ކާމިޔާބީއެއް ވެސް ލިބުނެވެ. އެމެރިކާގެ އެންމެ ބޮޑު މިއުޒިކް އެވޯޑް، އެމެރިކަން މިއުޒިކް އެވޯޑްސްގައި އޭގެ އެންމެ ޝަރަފުވެރި ބެސްޓް އާޓިސްޓްގެ އެވޯޑް ކާމިޔާބުރި އެވެ. އެއީ އެ އެވޯޑް ލިބުނު ހަމައެކަނި އޭޝިއާ އަށް ނިސްބަތްވާ އާޓިސްޓުންނެވެ.
އެ ބޭންޑުން އެންމެފަހުން ކޮރެއާގައި ޝޯއެއް ބޭއްވީ އޮކްޓޯބަރު 2019 ގަ އެވެ. އޭގެ ފަހުން، ކޮވިޑް ފެތުރި އެމީހުންގެ އެންމެ ބޮޑު އިންޓަނޭޝަނަލް ޓުއާ ޖެހުނީ ފަސްކުރާށެވެ. އެ ބޭންޑުން އޭރު ޕްލޭން ކުރީ އެކި ގައުމުތަކުގައި 40 ޝޯ ދިނުމަށެވެ.
ބަލިމަޑުކަމުގައި މިދިޔަ ދުވަސްތަކުގައި އެ ބޭންޑުން ވަނީ އޮންލައިން ޝޯތަކެއް ބާއްވައިފަ އެވެ.