ހުޅުމާލޭގެ ބައެއް ފްލެޓްތަކުގެ ތިރީގައި ހުރި 20 ތަނެއް ރޫޅާލައިފި
ހުޅުމާލޭގެ ބައެއް ފްލެޓްތަކުގެ ތިރީގައި ހުރި 20 ތަނެއް ރޫޅާލައިފި

ހުޅުމާލޭގެ ބައެއް ފްލެޓްތަކުގެ ތިރީގައި އޮތް ހުސް ބިންކޮޅުގައި ފްލެޓްތަކުގެ މީހުން އަމިއްލައަށް ހަދާފައި ހުރި 20 ތަނެއް ރޫޅާލާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

ހުޅުމާލެ ފްލެޓްތައް ކައިރީގައި އޮންނަ ހުސް ބިންތައް ވިޔަފާރީގެ ގޮތުގައި ބޭނުން ކުރާތީ އެ ތަންތަން ރޫޅާލާނެ ކަމުގެ އިންޒާރު މީގެ ދެ މަސް ކުރިން އެޗްޑީސީން އޮތީ ދީފަ އެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ އާންމުންގެ އެއްބާރުލުން ލިބިގެން 20 ތަނެއް ރޫޅާލިއިރު، ކޮންމެ ދުވަހަކު ވެސް ތިން ތަނެއް ރޫޅާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އާންމުންގެ ރުހުމާ އެކު 40 ތަނެއް ފާހަގަކުރެވިގެން ރޫޅާލަން ހަމަޖެހިފައިވަނީ. އިތުރު ބައެއް ތަންތަން އަދިވެސް އެބަ ހުރި އާންމުންގެ ފަރާތުން ޖަވާބު ނުލިބޭ،" އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ބައެއް ފްލެޓްތަކުގެ ވަށާފާރު ލުމަށް އެޗްޑީސީން ހުއްދަ ދީފައި އޮތް ނަމަވެސް، ވަށާފާރު އެތެރޭގައި އޮންނަ ބިންކޮޅު ބައެއް މީހުން ދަނީ އަމިއްލަ ކަންކަމުގައި ބޭނުންކުރަމުންނެވެ. އެގޮތުން އެތަންތަނުގައި އިމާރާތްކޮށް، ފިހާރަ ފަދަ ތަންތަން ހިންގައި، ބައެއް މީހުން ކޮޓަރި ފަދަ ތަންތަން ވެސް ހަދާފައި ހުރެ އެވެ.

އެ ބިންތަކުގައި ބޮޑެތި ގަސްތައް ހައްދާފައި ހުންނަ ކަމަށާއި އެކަމުން އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭ ބައެއް ފްލެޓްތަކުގެ ތިރީގައި ހަދާފައި ހުރި ތަންތަން އެޗްޑީސީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެހީތެރިކަމާ އެކު ނަގަމުން އަންނާތީ ބައެއް މީހުން ތިބީ ހިތްހަމަނުޖެހިފަ އެވެ.