16 ފެބުރުއަރީ 2022 - 13:49

ވިހެއުމާ ގުޅިގެން ލިބޭ މެޓާނިޓީ ލީވް ފަނޑިޔާރުންނަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަ އިސްލާހު ރައްޔިތުން މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވި މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 42 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލު ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން، ރިޔާސަތުގައި ހިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ނިންމެވި އެވެ.
ބިލު ހުށަހެޅުމުގެ ބޭނުމަކީ، ޝަހީމް ވިދާޅުވި ގޮތުގައި ވިހެއުމާ ގުޅިގެން ފަނޑިޔާރުންނަށް ލިބޭ ޗުއްޓީއަކީ އެކަށީގެންވާ މުއްދަތަކަށް ދެވޭ ޗުއްޓީއެއް ކަމުގައި ކަނޑައެޅުމެވެ.
މެޓާނިޓީ ލީވްގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް އަންހެން ފަނޑިޔާރުންނަށް ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށާއި ފިރިހެން ފަނޑިޔާރުންނަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް އެ ބިލުގައިވެ އެވެ.
އެ މައްސަލާގައި ބަހުސް ކުރެއްވި ހުރިހާ މެންބަރުން ވެސް މެޓާނިޓީ ލީވް ދިނުމަށް އެއްބަސްވެ އެވެ. ނަމަވެސް މެންބަރުން ވަނީ ޝަރުއީ ދާއިރާގެ މައްސަލަތަކާއި މައްސަލަތައް ނުބެލި ލަސްވުން އަދި އިންސާފު ނުލިބޭ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.