ބޭހަށް ދިޔަ ދުވަސްވީ ދިވެހި އަންހެނަކު ޑްރަގް މައްސަލައެއްގައި އިންޑިއާ އެއާޕޯޓުން ހައްޔަރުކޮށްފި
ބޭހަށް ދިޔަ ދުވަސްވީ ދިވެހި އަންހެނަކު ޑްރަގް މައްސަލައެއްގައި އިންޑިއާ އެއާޕޯޓުން ހައްޔަރުކޮށްފި

އިންޑިއާ އިން ރާއްޖެއަށް ފޮނުވަން އުޅެނިކޮށް މިދިޔަ އަހަރު އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ބެލެވޭ އުމުރުން ދުވަސްވީ ދިވެހި އަންހެނަކު ބޭސްފަރުވާ އަށް އިންޑިއާ އަށް ދިއުމާ އެކު އިއްޔެ އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ކޮޗީ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ ބ. އޭދަފުށީ، އާމިނަތު ރަޝީދާ ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ އުމުރުން 58 އަހަރުގެ މީހެކެވެ.

އާއިލާއާ އެކު ވިލިމާލޭގައި ދިރިއުޅޭ، އަމިއްލަ ވިޔަފާރިކުރާ އާމިނަތު ރަޝީދާ ހައްޔަރުކޮށް މިހާރު ވަނީ އިންޑިއާގެ މެޖިސްޓްރޭޓް ކޯޓަކަށް ހާޒިރުކޮށް ބަންދަށް ތިން ދުވަސް އިތުރުކޮށްފަ އެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ތުހުމަތުކުރާ އައިމިނަތު ރަޝީދާ އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 11 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެއަށް ފޮނުވަން އުޅުނު 3.9 ކިލޯގެ އޮޕިއަމްގެ މައްސަަލައިގަ އެވެ. މި މަސްތުވާތަކެތި ހުރީ އިންޑިއާ އިން މުދާ ފޮނުވާ ބަޔަކު މެދުވެރިކޮށް ފޮނުވި އެއްޗެއްގެ ތެރޭގައި ކަމަށާއި އެ ތަކެތި އެޑްރެސްކޮށްފައިވާ މީހަކީ އައިމިނަތު ރަޝީދާ ކަމަށް އެންސީބީން ބުނެ އެވެ.

މި ތަކެތި އިންޑިއާ އިން ފޮނުވި ކަމަށް ލިޔެކިޔުންތަކުން ފެންނަނީ ކެރެލާގައި އުޅޭ އަރީފް ކިޔާ މީހަކާއި އަލީ މީހެކެވެ. އެކަމަކު އެ މީހުން ތަހުގީގުގައި ބުނެފައި ވަނީ އެ މީހުންގެ ނަމާއި އެޑްރެސް ބޭނުންކޮށްފައި ވަނީ ސައްހަ ނޫން މައުލޫމާތު ބޭނުންކޮށްގެން އެހެން ބަޔަކު ކަމަށާއި މަސްތުވާތަކެއްޗާ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އެންސީބީން ބުނެފައި ވަނީ އަރީފާއި އަލީއާ މި މައްސަލާގައި ސުވާލުކުރުމަށް ފަހު، އެ މީހުންނާ ގުޅުމެއް ނެތް ކަމަށް ބެލެވޭތީ ދޫކޮށްލާފައިވާ ކަމަށެވެ.