16 ފެބުރުއަރީ 2022 - 12:37

ދެކުނު ކޮރެއާގައި ކާބޯތަކެއްޗާއި އެނޫން ވެސް ކުދި ތަކެތި ގޭގެއަށް ގެންގޮސްދިނުމުގެ ހިދުމަތް ދިނުމަށް، 2023 ވަނަ އަހަރުގެ ތެރޭގައި މަގުތަކަށް ރޮބޮޓް ނެރުމަށް އެ ގައުމުން ނިންމައިފި އެވެ.
އެ ގައުމުގައި ކާބޯތަކެތި ޑެލިވަރީ ކުރުމުގެ ހިދުމަތް ދޭ އެންމެ މަޝްހޫރު އެޕްލިކޭޝަން ހިންގާ ވޫވާ ބްރަދާސް އިން ވަނީ އަޖުމަ ބެލުމުގެ ގޮތުން 2020 ވަނަ އަހަރުގެ ތެރޭގައި މަގުތަކަށް ރޮބޮޓް ނެރެގެން ޑެލިވަރީގެ ހިދުމަތް ދީފަ އެވެ. އަދި އެހެން ކުންފުންޏަކުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް، މަގުތަކަށް ރޮބޮޓް ނެރެގެން ޑެލިވަރީގެ ހިދުމަތް ދީފަ އެވެ.
ޖަޕާންގައި މިކަން ކާމިޔާބު ކުރުމަށް ފަހު، ޖަޕާން ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ އެހެން ގައުމުތަކަށް މިބާވަތުގެ ރޮބޮޓް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާށެވެ.
ގޭގެއަށް ތަކެތި ގެންގޮސްދިނުމަށް މަގުތަކަށް ނެރޭ ރޮބޮޓްތަކަކީ މީހަކު ނެތި ދުއްވާ އުޅަނދުތަކެކެވެ. ނަމަވެސް އެބާވަތުގެ އުޅަނދުތައް މަގުމަތީގައި ދުއްވުމަކީ، ޖަޕާނުގައި މިހާރު އަމަލުކުރާ ގާނޫނުތައް ހުއްދަދޭ ކަމެއް ނޫނެވެ.
އެހެންކަމުން ޖަޕާން ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ، ރޮބޮޓްތައް މަގުތަކަށް ނެރުމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް، މި އަހަރު ނިމުމުގެ ކުރިން ގެނައުމަށެވެ. އެ ބަދަލުތައް ގެނައުމުން، މި އަންނަ އަހަރުގެ ތެރޭގައި ރޮބޮޓްތައް މަގުތަކަށް ނެރެ، ގޭގެއަށް ކާބޯތަކެތި ގެންގޮސްދިނުމުގެ ހިދުމަތް ދެވޭނެ އެވެ.
ރޮބޮޓް މެދުވެރިކޮށް ޑެލިވަރީގެ ހިދުމަތް ދޭނެ ގޮތް އަޖުމަ ބެލީ، ވެރިރަށް ސޯލްގެ ރަށްބޭރުގައި އޮންނަ ސުވޯން ސިޓީގެ އިމާރާތްތަކުގެ ބޭރުން ވަކި ސަރަހައްދެއް، ރޮބޮޓް ދުއްވުމަށް ހާއްސަ ކޮށްގެންނެވެ. "ޑިލީ ޑްރައިވް"ގެ ނަން ދީފައިވާ މި ރޮބޮޓްތައް ބޭނުންކޮށްގެން ކާބޯތަކެތި ގޭގެއަށް ގެންގޮސްދިނުމުގެ ހިދުމަތް ދިނީ ވޫވާ ކުންފުނިންނެވެ. މިކަމަށް ބޭނުންކުރާ ރޮބޮޓްތަކުގެ އުސްމިނަކީ ގާތްގަނޑަކަށް 70 ސެންޓިމީޓަރު (27.5 އިންޗި) އެވެ.
އަޖުމަ ބެލުމުގެ މަރުހަލާގައި، ކޮފީ ޝޮޕަކުން ޑިލީގެ ވަތްގަނޑަށް އައިސް ކޮފީ ޖޯޑަކާއި ސޭންޑްވިޗެއް ލައިދިނުމުން، ގަޑިއަކު 5-6 ކިލޯމީޓަރު ބާރުމިނުގައި ދަތުރުކޮށްފައި ގޮސް، އޯޑަރު ދިން ގެއަށް އެތަކެތި ފޯރުކޮށްދިނެވެ.
އޭގައި ހަރުކޮށްފައިވާ ތިން ކެމެރާގެ އެހީގައި މަގުތައް ބަލަމުން ދަތުރުކޮށްފައި ދާއިރު، ޓްރެފިކްގެ ރަތް އައްޔަށް ހުއްޓި އަދި މަގު ހިނގާ މީހުންގެ ގައިން ނެއްޓިގެން ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވެ އެވެ. އޯޑަރު ދިން ގެއާ ހަމައަށް ޑެލީ ފޯރުމުން، އޯޑަރު ދިން މީހާ އަށް ސްމާޓް ފޯން މެސެޖެއް ޑެލީ ފޮނުވަ އެވެ. އޯޑަރު ދިން މީހާ ތަކެތި ނެގުމުން ޑެލީ އޭގެ ޕާކިން ސަރަހައްދަށް ގޮސް މަޑުކުރެ އެވެ.
ދެކުނު ކޮރެއާގައި މަސައްކަތު މީހުންގެ އަގު ބޮޑުވާން ފެށުމާ ގުޅިގެން ވޫވާ އިން ރޮބޮޓް ތަރައްގީކުރަން ފެށީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. އެންމެ ކުޑަ އުޖޫރަ އިން ގަޑިއަކަށް ޖެހޭ މިންވަރު މިދިޔަ ފަސް އަހަރުގެ ތެރޭގައި ދެކުނު ކޮރެއާގައި ވަނީ 42 ޕަސެންޓް މަތިވެފަ އެވެ. މިހާރު އެ މިންވަރު ހުރީ 9،160 ވޮން (7.66 ޑޮލަރު)ގަ އެވެ.