17 ފެބުރުއަރީ 2022 - 06:34

ގިނަ ބައެއްގެ ލޯބި ލިބިފައިވާ ބިރުވެރި އަދި ސައިފައި ފިލްމު ސީީރީޒް "އަ ކުއައިޓް ޕްލޭސް"ގެ ތިން ވަނަ ފިލްމު 2025 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
ޕެރަމައުންޓް ޕިކްޗާސްގެ އެންމެ ބޮޑު އެއް ފްރެންޗައިޒްގެ ތެރޭގައި މިހާރު ހިމެނޭ ކުއައިޓް ޕްލޭސްގެ ތިން ވަނަ ބައި ނެރޭނެ ތާރީހެއް އިއުލާނުކޮށްފައި ވަނީ އެ ކުންފުނީގެ ސްޓްރީމިން ސާވިސް "ޕެރަމައުންޓް ޕްލަސް"ގެ އިވެންޓެއްގެ ތެރެއިންނެވެ.
މިދިޔަ އަހަރުގެ މެދު ތެރޭގައި ކުއައިޓް ޕްލޭސްގެ ދެ ވަނަ ބައި ރިލީޒްކުރި އިރު އެ ސީރީޒްގެ ތިން ވަނަ ބައެއް އުފައްދާނެ ކަމަށް އިއުލާނުކުރީ ފިލްމުގެ ޕްރިމިއާ ތެރެއިންނެވެ. ނަމަވެސް އެއަށް ފަހު އެ ފިލްމާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.
ފްރެންޗައިޒްގެ ފުރަތަމަ ފިލްމުގެ އެކްޓަރު އަދި ފިލްމުގެ ޑައިރެކްޓަރު ޖޯން ކްރެސިންސްކީ ބުނެފައި ވަނީ ތިން ވަނަ ފިލްމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި 2025 ވަނަ އަހަރަށް ފިލްމު ރިލީޒްކުރުމަށް ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށެވެ.
ކުއައިޓް ޕްލޭސްގެ ދެ ވަނަ ފިލްމަށް ވަނީ 297 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފަ އެވެ. މިއީ ކޮވިޑް ތެރޭގައި އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެ ރަނގަޅު އާމްދަނީއެއް ލިބުނު އެއް ފިލްމެވެ.
މި ފްރެންޗައިޒްގެ ސްޕިން އޮފް ފިލްމެއްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އެ ފިލްމު އަންނަ އަހަރު ރިލީޒްކުރަން ވަނީ ނިންމައިފަ އެވެ.