16 ފެބުރުއަރީ 2022 - 12:48

މާލޭގެ މީހުންނަށް ހުޅުމާލެއިން 1،250 އަކަފޫޓުގެ 1،000 ގޯތި ދޫކޮށްދޭން ހައުސިން މިނިސްޓްރީން އެދިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
މާލޭގެ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލެއިން 1،000 ގޯތި ދޭން ސަރުކާރުން ނިންމާފައިވާއިރު ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު، ވިދާޅުވީ، ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން އެދިފައި ވަނީ ވެށިފަހި ޕްރޮގްރާމްގައި ދޫކުރި ބޮޑު މިނަށް ކަމަށެވެ. ވެށިފަހި ޕްރޮގްރާމްގެ ދަށުން 2008 ގައި ދޫކުރީ 1،250 އަކަފޫޓެވެ.
ސުހައިލް ވިދާޅުވި ގޮތުގައި ހުޅުމާލެއިން 1،000 ގޯތި ސަރުކާރާ ހަވާލުކުރާނެ އެވެ. ގޯތި ދޭނެ ގޮތުގެ އުސޫލު ކަނޑައަޅާނީ ހައުސިން މިނިސްޓްރީންނެވެ.
"1،000 ގޯތި އަޅުގަނޑުމެން ސަރުކާރާ ހަވާލުކުރާނަން. އެ ތަންތަން ދޭނެ ގޮތް ކަނޑައަޅާނީ މިނިސްޓްރީން،" ސުހައިލް ވިދާޅުވި އެވެ.
މާލޭ މީހުންނަށް ހާއްސަކޮށް ހުޅުމާލެއިން 1،000 ގޯތި ދޭން ސަރުކާރުން ނިންމާފައިވާއިރު ގުޅީފަޅުން މަދުވެގެން 2،000 ގޯއްޗާއި ގިރާވަޅު ފަޅު ހިއްކައިގެން މަދުވެގެން 2،000 ގޯތި މާލޭ މީހުންނަށް ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ. އެކަމަކު އެ ގޯތިތަކުގެ ބޮޑު މިން އަދި އާންމެއް ނުކުރެ އެވެ.
ގޯތީގެ އިތުރުން މާލޭ މީހުންނަށް ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަމުން އެބަދެ އެވެ. އަދި އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ހުޅުމާލޭގައި ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވެ އެވެ.
މާލެ ހިމެނޭ ގޮތަށް ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް މި ވެރިކަމުގައި އެކަން ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިންމަވާލައްވާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް ރޯނުދަމާ، ގޯތީގެ ފަތް ދިނުމަށް ފަހު ކަމަށެވެ.