އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމުން 10 އަހަރު ފަހު އިމްތިޔާޒު އިސްތިއުފާ ދެއްވައިފި
އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމުން 10 އަހަރު ފަހު އިމްތިޔާޒު އިސްތިއުފާ ދެއްވައިފި

އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމް ފުރުއްވާތާ 10 އަހަރަށް ފަހު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒަށް ފޮނުއްވި ސިޓީގައި އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ބަދަލުވި ހިސާބުން ފެށިގެން މިއަދާ ހަމައަށް އަދާކުރަމުން ދިޔަ ސްޕޯކްސްޕާސަންގެ މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާތީ ކަމަށެވެ.

"އަޅުގަނޑު ސްޕޯކްސްޕާސަންގެ މަގާމުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އެމްޑީޕީގެ ލީޑަޝިޕާއި ސެކްރެޓޭރިއޭޓްގެ މުވައްޒަފުންނާއި މެމްބަރުންނާއެކު މަސައްކަތްކުރުމަށް ލިބުނު ފުރުސަތަކީ އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި ލިބުނު ނުހަނު ބޮޑު ތަޖުރިބާއަކާއި ޝަރަފަކާއި އުފަލެކެވެ،" އެ ސިޓީގައި ވެ އެވެ.

އަންނަ އެޕްރީލް، 16 ގައި ބާއްވާ އިންތިހާބުގައި އިމްތިޔާޒު ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއާ އެވެ.

އިމްތިޔާޒު "މިހާރު" އަށް މީގެ ކުރިން ވިދާޅުވީ ޕާޓީގައި އޭނާއަށް ކުރެއްވުނު ތަޖުރިބާތަކާ އެކު އިސް މަގާމެއްގައި ހުންނަވައި އެމްޑީޕީގެ ކުރިއެރުމަށް މަސައްކަތް ކޮށްދިނުމަށް މިއީ އެންމެ އެކަށީގެންވާ ވަގުތު ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

އޭނާގެ ވިސްނެވުމަކީ ޕާޓީ މިހާރަށް ވުރެން ވަރުދަކޮށް ހަރުދަނާ ޕާޓީއެއްގެ ގޮތުގައި ކުރިއަށް ގެންދިއުން ކަމަށް ވެސް އިމްތިޔާޒު ވިދާޅުވި އެވެ.

"އެއް ކަމަކަށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޕާޓީ މިހާރަށް ވުރެން ވަރުގަދައަށް ރުކުރުވާލެވޭނެ ގޮތްތަކެއް ހޯދައި އިދާރީ ގޮތުން އެ މަަސައްކަތް ކުރުން،" އެމްޑީޕީއަށް ފުރަތަމަ ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމްތިޔާޒު ވިދާޅުވި އެެވެ.