16 ފެބުރުއަރީ 2022 - 12:23

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާއަށް އޭނާ މިއަދު އިންކާރުކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީނާއި ޔޫސުފް ނައީމަށް ދައުވާ ކުރަނީ ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އޭނާ ޔާމީނަށް ދެއްވި ކަމަށް ބުނެ އެވެ. ރިޝްވަތު ދިނުމުގެ ދައުވާ ޔޫސުފް ނައީމަށް ކުރާއިރު، ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާއަށް އިންކާރުކޮށް، ޔޫސުފް ނައީމްގެ ވަކީލުން ބުނީ އޭނާ ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ ދައުލަތުން ދައްކާ ދެ މުއާމަލާތުގައި އެއްވެސް ގުޅުމެއް ނެތް ކަަމަށެވެ. އަދި އެކަން އެ މައްސަލާގެ ތެރެއިން ސާބިތުކޮށް ދޭނެ ކަމަށް އެ ވަކީލުން ބުންޏެވެ.
ދިފާއުގައި ހެކި ހުށަހަޅަން ޔޫސުފް ނައީމްގެ ފަރާތުން އެދުނީ 30 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ ހަތް ދުވަހުގެ ފުރުސަތެއް އެކަމަށް ދެއްވުމަށެވެ.
އެ ޝަރީއަތް ލައިވްނުކޮށް ކުރިއަށް ގެންދަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ޔާމީނާއި އެމަނިކުފާނުގެ ވަކީލުން މިއަދުގެ އަޑުއެހުމުގައި ވެސް ފާޅު ކުރެއްވި އެވެ.
ޔާމީން ވިދާޅުވީ ކޯޓުގެ ވަސީލަތްތައް ހުރިގޮތުން ލައިވް ކުރެވެން ނެތް ނަމަ، އެކަންކަން ހަމަޖެހެންދެން ޝަރީއަތް މަޑުޖައްސާލަން އެދިވަޑައިގަންނަވާ ކަމަށެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ބާރުގަދަ ފަރާތްތަކުން އެ ޝަރީއަތަށް ނުފޫޒު ފޯރުވަން ވާހަކަ ދައްކަމުންދާ ކަމަށާއި އެހެންވެ، އިންސާފުވެރި ޝަރީއަތެއް ލިބުމަށްޓަކައި އެ ޝަރީއަތް ލައިވް ކުރުން މުހިންމު ކަމަށެވެ.
އިސް ގާޒީ ޝަކީލް ވިދާޅުވި ގޮތުގައި ލައިވް ނުކުރަނީ ވަސީލަތްތައް މިވަގުތު ނެތުމުންނެވެ. އެކަމަކު އަދިވެސް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެހޭތޯ ބައްލަވަމުން ގެންދަވާ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ޔާމީނަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އާރަށް މައްސަލާގައި ޔާމީނަށް ދައުވާ ކުރާއިރު، ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ވެސް މަނީ ލޯންޑްރިންގެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ. އޭގެކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދިން މައްސަލާގައި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެކަމަކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފަ އެވެ.