ބްރެޒިލް ދެ މީހުން ބުނީ ޑްރަގްސްއާ ހަވާލުވާ މީހުން ހޯދަން ފުލުހުން އެހީއަށް ނޭދޭ ކަމަށް
ބްރެޒިލް ދެ މީހުން ބުނީ ޑްރަގްސްއާ ހަވާލުވާ މީހުން ހޯދަން ފުލުހުން އެހީއަށް ނޭދޭ ކަމަށް

ރާއްޖެ އަށް ހަތަރު ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަނިކޮށް އަތުލައިގަތް ބްރެޒިލްގެ ދެ މީހުންގެ އަތުން އެ ތަކެއްޗާ ހަވާލުވާން އަންނަ މީހުން ހޯދަން ފުލުހުން އެހީ އަށް އެދުމުން އެކަމަށް އެއްބާރުލުން ނުދިން ކަމަށް ބުނާ ވާހަކަ ކޯޓުގައި އެ މީހުން ދޮގުކޮށްފި އެވެ.

ބްރެޒިލް ދެ މީހުން ބުނީ ޑްރަގްސްއާ ހަވާލުވާ މީހުން ހޯދަން ފުލުހުން އެހީއަށް ނޭދޭ ކަމަށް
ބްރެޒިލް ދެ މީހުން ބުނީ ޑްރަގްސްއާ ހަވާލުވާ މީހުން ހޯދަން ފުލުހުން އެހީއަށް ނޭދޭ ކަމަށް

އެ ދެމީހުން މިހެން ބުނީ ކުރިން ދީފައިވާ ފަސް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާތީ، ބަންދު އިތުރުކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުންނެވެ.

ކޯޓުން އިއްޔެ ވަނީ މި ދެ މީހުންގެ ބަންދަށް 30 ދުވަސް ދީފަ އެވެ.

ކޯޓުގައި އެ ދެ މީހުން ވެސް ބުނީ އެ ތަކެއްޗާ ހަވާލުވާން އަންނަ މީހުން ހޯދުމަށް ހިންގާ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަން ހިންގަން ފުލުހުން އެ މީހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އެ މީހުން މިހެން ބުންޏަސް އެ މީހުންގެ އަތުން މަސްތުވާތަކެތި ފެނުނު ކަމަށް އެކަކު ވެސް އިންކާރެއް ނުކުރެ އެވެ.

ކުރިން އޮތް އަޑުއެހުމުގައި މި ދެ މީހުން ވަނީ ގާނޫނީ ވަކީލެއް ހަމަޖައްސައިދޭން އެދިފަ އެވެ. މިހާރު ވަކީލުން ހަމަޖައްސާފައި ވިޔަސް އިއްޔެއާ ހަމައަށް އަދި އެ މީހުންނަށް ވަކީލުންނާ ބައްދަލު ނުވާ ކަމަށް ވަނީ ބުނެފަ އެވެ.

ފުލުހުން ކޯޓުގައި ބުނެފައި ވަނީ މި މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެފައި ވަނީ ރޭވިގެން، ނެޓްވޯކެއް މެދުވެރިކޮށް ކަމަށެވެ. އަދި އެކަމުގައި ދިވެހިން ވެސް ބައިވެރިވާ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.

ވައިގެ މަގުން 4.2 ކިލޯގެ ކޮކެއިން ރާއްޖެ އެތެރެކުރަނިކޮށް މި މަހު ހަތަރެއްގައި އަތުލައިގަތީ ބްރެޒިލްގެ 21 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެކެވެ. އެ ދެ މީހުންގެ ލަގެޖުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 21 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް މި މަހު ފަހެއްގައި ގެންދިއުމުން ނިންމީ ވަކީލަކު އައްޔަންކުރަން ބޭނުންވާ ކަމަށް ބުނުމުން އެ ފުރުސަތު ދީ ފަސް ދުވަހަށް ބަންދުގައި ބޭތިއްބުމަށެވެ. އެ ދެ މީހުން ވެސް އެދުނީ ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސާށެވެ.

މިދިޔަ އަހަރު ވެސް 18 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަނިކޮށް ބްރެޒިލްގެ މީހަކު ހައްޔަރުކުރި އެވެ. އޭނާގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.