ޔުކްރެއިންގައި ތިބި ދިވެހިންް ގެންނަން ގޮވައިލާ ކުއްލި މައްސަލަ ބޭރުކޮށްލައިފި
ޔުކްރެއިންގައި ތިބި ދިވެހިންް ގެންނަން ގޮވައިލާ ކުއްލި މައްސަލަ ބޭރުކޮށްލައިފި

ރަޝިއާ އާއި ޔުކްރެއިނާ ދެމެދު މައްސަލަތައް ވަރަށް ބޮޑަށް ގޯސްވެ، ހަނގުރާމައެއް ފެށިދާނެތީ، އެ ގައުމުގައި ތިބި ދިވެހި ދަރިވަރުން އަނބުރާ ރާއްޖެ ގެނައުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފި އެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތް މެންބަރެކެވެ. ބަލައިގަންނަން ނުފެންނަ ކަމަށް 17 މެންބަރަކު ވޯޓު ދެއްވި އެވެ.

ނަޝީދުގެ ހުށަހެޅުއްވުމުގައިވާ ގޮތުން، އެމެރިކާގެ ޖާސޫސީ އިދާރާތަކުން އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ ތެރޭގައި ރަޝިއާ އިން ޔުކްރެއިން އަށް އަސްކަރީ ހަމަލައެއް ދިނުމުގެ ފުރުސަތު ބޮޑެވެ.

ޔުކްރެއިންގައި ހަނގުރާމަ ފެށޭނީ ކޮން އިރަކު ކަން ނޭނގޭއިރު، އެ ގައުމުގައި މި ވަގުތު 50 އަށް ވުރެ ގިނަ ދިވެހިން ތައުލީމު ހާސިލް ކުރަމުން އަންނަ ކަމަށާއި ހަނގުރާމަ ފެށިއްޖެ ނަމަ އެ ދަރިވަރުުން ސަލާމަތުން އަނބުރާ ގެނައުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ބޮޑެތި ބައެއް ގައުމުތަކުން މިހާރު ވެސް ގެންދަނީ ޔޫކްރެއިންގައި ތިބި އެ ގައުމުތަކުގެ ރައްޔިތުން ބޭރު ކުރުމުގެ މަސައްކަތް ކުރަން ފަށާފައި،" ނަޝީދު ވިދާޅުވި އެވެ.

އެހެންވެ، އެ ގައުމުގައި އުޅޭ ދިވެހި ދަރިވަރުން ވީހާ ވެސް އަވަހަށް ގެނައުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި އެ މީހުން ރައްކާތެރި މަންޒިލަކަށް ގެންދަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް، ނަޝީދު ގޮވައިލެއްވި އެވެ.

ޔުކްރެއިންގެ މައްސަލައިގެ އިތުރުން އިންޑިއާގެ ސްކޫލުތަކުގައި ކިޔަވާ މުސްލިމް ކުދިންގެ ބުރުގާ ބާލުވަމުންދާ ކަމަށާއި އެ ގައުމުގައި ތިބި ދިވެހި ދަރިވަރުންގެ ސަލާާމަަތާ ރައްކާތެރިކަން ވެސް ކަށަވަރު ކުރުމަށް ނަޝީދު ގޮވައިލެއްވި އެވެ.

ޔުކްރޭނުގެ މަސްރަހު ހޫނުވެފައިވާތީ ސަރުކާރުން ވަނީ އެއްވެސް ދިވެއްސަކު އެ ގައުމަށް ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

ޔުކްރެއިނުގައި މިހާރު ތިބި ދިވެހިން އެ ގައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަން، ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީ އާއި ފޮރިން މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް ވެސް އެ މިނިސްޓްރީން އެދެ އެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ބުނިގޮތުގައި ޔުކްރެއިންގައި ތިބި 50 އަށް ވުރެ ގިނަ ދިވެހިިންގެ ހާލަތު ދިވެހި ސަރުކާރުން އަންނަނީ ކައިރިން ބަލަމުންނެވެ.