16 ފެބުރުއަރީ 2022 - 08:46

އިންޑިއާގެ ޑިސްކޯ މިއުޒިކްގެ" ރަސްގެފާނު"ގެ ގޮތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ކޮމްޕޯޒާ ބައްޕީ ލެހެރީ މަރުވެއްޖެ އެވެ.
ސިއްހީ ގިނަ މައްސަލަތަކެއް ހުންނަ ލެހެރީ، 69 އަހަރުގައި މަރުވީ އިންޑީއާގެ މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނިކޮށް ރޭގެ ވަގުތެއްގަ އެވެ. ހޮސްޕިޓަލުގައި އޮންނަތާ މަހެއްވެ، މިދިޔަ ހޯމަ ދުވަހު އޭނާ ދޫކޮށްލިއިރު، އަނެއްކާ ވެސް ހާލު ގޯސްވީ ރޭގަ އެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި އޭނާ މަރުވީ ނިދަން އުނދަގޫވުމުގެ މައްސަލައެއް ކަމަށްވާ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާގަ އެވެ.
އޭނާގެ މިއުޒިކް ކޮމްޕޯޒްކޮށްދިން މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ޑިސްކޯ ޑާންސާ" އާއި "ޗެލްތޭ ޗަލްތޭ" އަދި "ޝަރަބީ" ހިމެނެ އެވެ.
އޭނާ އެންމެ ފަހުން މިއުޒިކް ކޮމްޕޯޒް ކޮށްދިނީ 2020 ގައި ނެރުނު "ބާގީ 3" އަށެވެ.
އެންމެފަހުން ލެހެރީ ސްކްރީނުން ފެނިފައި ވަނީ މިދިޔަ މަހު ނިންމާލި އިންޑިއާގެ އެންމެ ބޮޑު ރިއަލިޓީ ޝޯ "ބިގް ބޮސް 15" ގައި ސަލްމާން ހާންއާ އެކު އެވެ. އެ ޝޯ އަށް އޭނާ ދިޔައީ އޭނާގެ ކާފަ ދަރިފުޅުގެ ލަވައެއް ޕްރޮމޯޓްކުރާށެވެ.
މިދިޔަ އަހަރު އެޕްރީލްގައި ކޮވިޑް ޖެހިގެން ވެސް ލެހެރީ އެޑްމިޓްކުރި އެވެ.
ލެހެރީ މަރުވިއިރު އޭނާގެ އަންބަކާއި ދެ ކުދިން ތިބެ އެވެ. އޭނާގެ ދެ ދަރިން ކަމަށްވާ ބައްޕާ ލެހެރީ އާއި ރީމާ ލެހެރީ އަކީ ވެސް މިހާރު ލަވަކިޔުންތެރިންނެވެ.
އޭނާ ކިޔާފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ޖިމީ ޖިމީ އާޖާ އާޖާ"، "ޔާރު ބިނާ ޗޭން ކަހަ ރޭ"، "އައި އޭމް އަ ޑިސްކޯ ޑާންސާ"، "އޫ ލާ ލާ" ހިމެނެ އެވެ.