16 ފެބުރުއަރީ 2022 - 08:42

މެންޗެސްޓާ (ފެބްރުއަރީ 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑާ އެކު މެންޗެސްޓާ ޔުނައިޓެޑުން ބްރައިޓަން ބަލިކޮށް، ޓޭބަލްގެ ހަތަރު ވަނައަށް ޖެހިލައިފި އެވެ.
އަމިއްލަ ދަނޑުގައި 2-0 އިން ބްރައިޓަން ބަލިކުރި މެޗުގައި ރޮނާލްޑޯ ޖަހައިދިން ލަނޑަކީ މި އަހަރު އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. ޑިސެމްބަރު މަހު ލީގުގައި ބާންލީ ކޮޅަށް ލަނޑު ޖެހި ފަހުން އުނައިޓެޑް ކުޅުނު ހަ މެޗުގައި ވެސް ރޮނާލްޑޯ އަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ.
ރޭގެ މޮޅާ އެކު ޔުނައިޓެޑް ޓޭބަލްގެ ހަތަރުވަނައިގައި އޮތީ 25 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑާ އެއްވަރަށް މެޗު ކުޅެގެން 41 ޕޮއިންޓާ އެކު އޮތް ވެސްޓް ހޭމް ޔުނައިޓެޑް ވަނީ ފަސްވަނައަށް ވެއްޓިފަ އެވެ. ތިންވަނައިގައި އޮތީ 24 މެޗުން 47 ޕޮއިންޓް ހޯދާފައިވާ ޗެލްސީ އެވެ. ވެސްޓް ހޭމްގެ ފަހަތުގައި އޮތީ ތިން މެޗު މަދުން ކުޅެގެން 39 ޕޮއިންޓާ އެކު އޮތް އާސެނަލް އެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑުން ލަނޑެއް ޖަހަން ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް ދެވަނަ ހާފު ފެށިގެން ހަވަނަ މިނިޓުގައި ސްޕޮޓް މެކްޓޮމިނޭ ދިން ބޯޅައަކުން ލަނޑު ޖަހައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ ރޮނާލްޑޯ އެވެ.
ޔުނައިޓެޑުން ލީޑު ނެގިތާ ތިން މިނިޓު ފަހުން ބްރައިޓަންގެ ޑިފެންޑަރު ލެވިސް ޑަންކަށް ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. ޑަންކް ކައިރިން ނައްޓާފައި ޔުނައިޓެޑުގެ އެންތަނީ އެލަންގާ މުޅިން ހުސްކޮށް ބޯޅަ ހިފައިގެން ކުރިޔަށް ދާން އުޅުމުގެ ތެރޭގައި ކުރި ފައުލަކަށް ބްރައިޓަންގެ ކެޕްޓަން ޑަންކަށް ރެފްރީ ރަތް ކާޑު ދެއްކީ ވީއޭއާރު ބެލުމަށް ފަހު އެވެ.
ޔުނައިޓެޑުގެ ދެވަނަ ލަނޑު، ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ ވެސް ހަތްވަނަ މިނިޓުގައި ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒް އެވެ. ޕައުލް ޕޮގްބާ ބޯޅަ ހޯދާފައި ދިން ޕާހެއްގައި މުޅިން ހުސްކޮށް އަރައި ބްރޫނޯ ގޯލު ޖެހީ ބްރައިޓަންގެ ގޯލްކީޕަރު އޮފްބެލެންސް ކޮށްލައިފަ އެވެ.