މެހެރީން
މެހެރީން

އާދިއްތަ ދުވަހާ ގުޅޭ

"މަންމާ! އަހަރެން ބޭނުން މެރީކުރަން." މީޒާ އެ ނިންމުން ވެސް ނިންމިއެވެ.

"އަދި މާ އަވަހެއްނު ދަރިފުޅާ!" ހަފީޒާގެ ދުލަށް އެ ވަގުތު އައި ޖުމުލައަކީ އެއީއެވެ. ދައްކާނެ އެހެން ބަހަނާއެއް ނޭނގުނެވެ.

"ކިހާ ދުވަހެއް ވަންދެން މަޑުކުރަންވީ؟" މީޒާ ސުވާލުކުރިއެވެ.

މައްސަލައަކީ އެއީއެވެ. ކިތަންމެ ދުވަހެއް ވަންދެން މަޑުކުރިޔަސް، އެ ކައިވެންޏަށް ހަފީޒާއަކަށް އެއްބަހެއް ނުވެވޭނެއެވެ. ދަރިފުޅަށް ދެރައެއް ލިބިދާނެހެން ހަފީޒާއަށް ހީވާލެއް ބޮޑުކަމުންނެވެ. އެހެން ހީވާ އިރު ވެސް ހަފީޒާއަށް އެނގެއެވެ. މައިންބަފައިން ދައްކާހާ މީހަކާ ދަރިން ކައިވެންޏެއް ނުކުރާނެއެވެ. އަޅައިދޭ ފޮޅުވަތް މަތީ ފޮޅުވަތެއް ވެސް ނާޅާނެއެވެ. މާ ބޮޑަށް ހިފާއްޓަން އުޅެފިއްޔާ ދެން ވާނީ މާ ދެރަ ގޮތެކެވެ. އޭގެ ޒިންމާ ވެސް އެޅޭނީ މައިންބަފައިންގެ ބޮލުގައެވެ. ކުރެވޭނީ ކޮން ޝަކުވާއެއް ހެއްޔެވެ؟ ޒުވާން އިރު ހަފީޒާއަށް ވެސް ކަންތައް ކުރެވިފައިވަނީ އެހެންނެވެ.

ރޭގަނޑު ވަރަށް ދަންވަންދެން ހަފީޒާއާއި އާތިފު މަޝްވަރާކުރިއެވެ. ގޮތެއް ނުނިންމުނެވެ. ޖެހިގެން އައި ދުވަހު މީޒާއަށް ވިސްނައިދޭން ވެސް އާތިފު މަސައްކަތްކުރިއެވެ. މީޒާއަކީ ކިޔަމަންތެރި ދަރިޔެކެވެ. އޭނަ ހުރީ ބައްޕަގެ ބަސް ގަބޫލުކުރާ ގޮތަށެވެ. އެހެންނަމަވެސް، ހެތްކެއް ދައްކައިފި ނަމައެވެ. ޖަނާން ރަނގަޅު ނޫންކަން ސާބިތުކޮށްދެވިއްޖެ ނަމައެވެ. އާތިފަކަށް އެ ކަމެއް ނުކޮށްދެވުނެވެ.

"ދެން މައްސަލައެއް ނެތް،" އާތިފު ވަރުބަލިވެގެން ހަތިޔާރު ބެހެއްޓިއެވެ. "އިނދެގެން މި ގޭގަ ދޯ ދަރިފުޅު އުޅޭނީ؟"

ބައްޕަޔާ ދެކޮޅަށް އެއްޗެއް ބުނާކަށް މީޒާ ބޭނުމެއް ނޫނެވެ. ކަން އޮތް ގޮތް ސިއްރުކުރާކަށް ވެސް ބޭނުމެއް ނޫނެވެ. މައިންބަފައިން ވިސްނަނީ ކިހިނެއްބާއޭ ވެސް، ބައެއް ފަހަރު މީޒާ ހިތަށްއަރައެވެ. ބޮޑުވެގެން އައި އިރު މަންމައާއި ބައްޕަ މަސައްކަތްކުރި ތަން ފެނުނީ ޒިންމާނަގަން ދަސްކޮށްދޭށެވެ. ވަގުތު އައިސް ޖެހުމުން މީޒާގެ އަތްމައްޗަށް ކަންކަން ދޫކޮށްލާކަށް ބައްޕައަކަށް ނުކެރުނެވެ.

"ޖަނާ ބުނީ އެ ގޭގަ ޔޯ އުޅޭނީ،" ކުޑަ އުނދަގުލަކާ އެކު މީޒާ ބުންޏެވެ. "ޑެޑީ! މީޒާއަކީ މިހާރު ކުޑަކުއްޖެއް ނޫނޭ! ލައިފާ ފޭސްކުރަން ޗާންސެއްދިނީމައެއްނު ދަސްވާނީ ވެސް. ޑެޑީއަށް އެނގޭނެ މީޒާ ކިހާ ސްޓްރޯންގްކަން. ޖަނާއަކީ ވަރަށް ރަނގަޅު މީހެކޭ ޑެޑީ. އެހެން މީހުން ދައްކާ ވާހަކަ އަޑުނާހަބަލަ! މީޒާއަށް ޓްރަސްޓްކޮށްބަލަ!"

ވަރަށް ފުރިހަމަ ހަފުލާއަކާ އެކުގައި މީޒާއާއި ޖަނާންގެ ކައިވެނި ކުރެވުނެވެ. އާތިފު ހުރީ ނޭވާ ހިފާއްޓައިލަގެންނެވެ. ހަފީޒާ ހުރީ ހިތް އަތްމައްޗަށް ލައިގެންނެވެ. ޖަނާނާ ވަކިން ބައްދަލުކޮށް، އޯގާތެރިކަމާ އެކުގައި އާތިފު ނަސޭހަތްދިނެވެ. ހަފީޒާ ވެސް ނަސޭހަތްދިނެވެ. މީޒާ ދެކެ ކިހާ ލޯބިވާކަމާއި، އޭނަ އުފަލުގައި ގެންގުޅުމަށް އެދުނެވެ. ބުނަން ބޭނުން ނުވި ވާހަކަ ވެސް ހަފީޒާއަށް ބުނެވުނެވެ.

"އޭނައަށް އެއްވެސް ކުށެއް ކުރެވިއްޖެއްޔާ އަހަރުމެންނާ ގުޅާ،" ފެންކަޅިވެފައި ހަފީޒާ އެދުނެވެ. "އެކަމަކު އޭނައަށް އަނިޔާނުކުރާތި! މީ މަންމައެއްގެ އާދޭހެއް."

ހަފީޒާ އެހެން ހިތަށްއެރީތީ ވެސް ޖަނާން ހައިރާންވިއެވެ. މީޒާ ދެކެ ޖަނާން ލޯބިވެއެވެ. އަނިޔާކުރަން ކީއްކުރަން ހެއްޔެވެ؟ މީޒާ ހިތުގަޖެހޭ ކަހަލަ އެއްޗެއް ވެސް ޖަނާން ނުބުނާނެއެވެ. އެ ޔަގީންކަން ޖަނާން ދިނެވެ. ހަފީޒާއަކަށް ގަބޫލެއް ނުކުރެވެއެވެ. ގަބޫލުކުރާކަމަށް ހެދުނީއެވެ. އާތިފަށް ވެސް ވީ އެ ވަރެވެ. މަންޒަރު ބަލަން ތިބި މީހުންނަށް ހީވިއެވެ. ދަރިފުޅާ ވަކިވި ވަގުތު ހަފީޒާގެ ލޮލުން ފޭދުނީ އުފާވެރިކަމުގެ ކަރުނައެވެ. ނޫނެކެވެ. އެއީ ހަމަ ހިތްދަތިކަމެވެ. ދަރިފުޅަށް ލިބިދާނެ ދެރަޔަކަށް ޓަކައި ހިތުގައި އުފެދުނު ބިރުވެރިކަމުގެ އަސަރެވެ.

އެ ރޭ ހަފީޒާއަކަށް ނުނިދުނެވެ. ނިދިކަމަށް ހަދައިގެން އޮތް އާތިފު ވެސް ވީ ބޭޒާރެވެ. އެތައް ދަމެއް ވަންދެން ދެމަފިރިން ރުއީއެވެ. އެކަކަށް ވެސް އަނެކަކަށް ހިތްވަރެއް ނުދެވުނެވެ. ދަންވަރު ދޭއްޖެހުމުން ދެމަފިރިން ގެއިން ނުކުތެވެ. އެކަކު ވެސް އަނެކަކާ ދައްކާނެ ވާހަކައެއް ނެތެވެ. ލަފުޒުތައް އަރުތެރޭގައި ތާށިވެފައިވާ ކަހަލައެވެ.

"ހިނގާބަލަ މީޒާއަށް ގުޅާލަމާ!" ހަފީޒާ ފޯނު ނެގިއެވެ.

އާތިފު އެ ކަން މަނާކުރިއެވެ. ހަފީޒާއަށް ވިސްނައިދިނެވެ. މައިންބަފައިންގެ ލޯބި ވާންޖެހޭނީ ދަރިންނަށް ލިބޭ ހިތްވަރަކަށެވެ. ބޮލުގަރިހުމަކަށް ނޫނެވެ.

"ދަރިން މީހުނާއިނީމަ އަހަރުމެން ޖެހޭނެ ދުރަށްޖެހިލަން. ހަނދާންކޮށްލަބަލަ އަހަރުމެން މީޒާއަށް ބައިސްކަލު ދުއްވަން ދަސްކޮށްދިން ދުވަސް،" އާތިފު ބުންޏެވެ. "އޭނަ ބައިސްކަލަށް ލައިގެން، ބައިސްކަލުގަ ހިފާއްޓައިގެން ވެސް އަހަރުމެން އެތައް ހިސާބަކަށް ދުވުނީމެއްނު. އެކަމަކު، ވަކި ހިސާބަކުން ޖެހުނީ ދޫކޮށްލަން. ކިތައް ފަހަރު ވެއްޓުނު؟ އެއީ ކަން އޮންނަ ގޮތް. ދިރިއުޅުމަކީ ވެސް އެ ކަހަލަ އެއްޗެއް. ބަލަންތިބެމާ ހިނގާ! ވެއްޓުނީމަ އޭރު ވެސް ނެގީ. ދެން ވެސް ނެގޭނެ. އަހަރުމެން މަރެއް ނުވެއެއްނު."

ހަފީޒާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ކުރެވޭނެ ކަމެއް ނެތީމައި އެއްޗެއް ނުބުނެ ހުރީއެވެ. ދުވަސްތައް ފާއިތުވަމުންދިޔައީ، ހަމަ އެކަނި ހަފީޒާއާއި އާތިފުގެ ހިތަށް ފިނިކަން ގެނެސްދެމުން އެކަންޏެއް ނޫނެވެ. މީޒާގެ ހުވަފެންތަކާއި އުންމީދުތަކުގައި ވެސް ރީތި ކުލަތައް ފެވެމުންދިޔައެވެ. އަވަށްޓެރިން ދެއްކި ވާހަކަ ދިމައެއް ނުވިއެވެ. ޖަނާން ކޮންމެ ކަމެއް ވެސް ނިންމަނީ މީޒާ ބޭނުންވާ ގޮތަށެވެ. އެއް މަގެއްގައި ދެ ގެ ހުންނާތީ، މީޒާ ވަރަށް ގިނައިން ގެއަށް އާދެއެވެ. މައިންބަފައިންނާ ގާތް ގުޅުމެއް ބާއްވައެވެ. ހަފީޒާ ނިންމީ ހަފީޒާއަށް ކުރެވުނީ ކުށްހީއެއްކަމަށެވެ. ފިރިމީހާގެ ގެއަށް މަންމައަށް ދައުވަތުނުދެނީ ކީއްވެގެންކަމެއް ހަފީޒާއަކަށް ނުވިސްނެވެ. ސުވާލެއް ނުވެސް އުފައްދައެވެ.

ޖަނާންގެ އާއިލާގައި ކަންކަން ހަމަޖެހިފައި އޮންނަނީ ބޮލަށް ފަސޭހަ ގޮތަކަށެވެ. އެކަކު ކުރާ ކަންތަކަކާ އަނެކަކެއް ނުބެހެއެވެ. ޖަނާންގެ މައިންބަފައިންގެ ނުފޫޒެއް ވެސް ނޯވެއެވެ. މިނިވަންކަމުގެ ހުދޫދު ފުޅާވެފައި އޮންނަ ވަރަކީ، ޖަނާން ހަމަ އެކަނި ސޯޓުކޮޅެއް ލައިގެން ވެސް ކާން އިށީނދެދާނެއެވެ. ޖަނާންގެ އެއްބަނޑުއެއްބަފާ މީހުން، އެއް އެޕާޓުމަންޓުން އަނެއް އެޕާޓުމަންޓަށް އަންނަ އިރު ވެސް އެހެން ތިބެދާނެއެވެ. އެ މީހުންގެ އަނބިން ވެސް ވަރަށް "މިނިވަނެވެ." ކިތަންމެ ފަހަރަކު މީޒާ ލަދުން އިސްޖަހައިލަން ޖެހެއެވެ. ބަފައިބެއާއި މައިދައިތަ ވެސް ބަހައްޓަން ޖެހެނީ އެ ސަފުގެ ވަރަށް ކުރީގައެވެ. އެ ގޮތް ގޯސްކަން ޖަނާނަށް ވިސްނައިދިނުމުގައި މީޒާއަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ހޯދުނެވެ. އެހެނަސް އެއިން އެއްވެސް ވާހަކައެއް މައިންބަފައިން ގާތަކު މީޒާއެއް ނުބުނެއެވެ. ޖަނާންގެ އަގު ހިފޭއްޓުމަށް ޓަކައެވެ.

ފިރިންގެ ބަތާނަ ފޮރުވައިދިނުމަކީ އަނބިން ކުރާކަމެކެވެ. ފިރިމީހާޔާ ދޭތެރޭ އެހެން މީހުން ދެކޭ ގޮތް ރަނގަޅުކުރުމަށް ޓަކައެވެ. މީޒާއަށް އެ ފިލާވަޅު ނަގައިދިނީ ހަފީޒާއެވެ. އާތިފުގެ ބައެއް ކަންކަން ފޮރުވައިދޭން ހަފީޒާއަށް ޖެހޭތީއެވެ. އޭގެ ނަތީޖާ ކިހާ ގޯސްވާނެކަމެއް އޭރަކު ހަފީޒާއަކަށް ނޭނގެއެވެ. އާތިފަކީ ސަރުކާރު ވަޒީފާއެއް އަދާކުރާ މީހެކެވެ. މުސާރަޔާ ނުބައްދަލު ހަރަދުކުރާ މީހެކެވެ. މަގާމުގެ ނާޖާއިޒު ފައިދާނެގުމަކީ އާތިފުގެ ކަށީގައި ހިފާފައި ހުންނަ ކަމެކެވެ. ގެއަށް ގެންނަ ބޯ ސިޓީއުރަތަކުގެ އެތެރޭގައި ޑޮލަރު ހުންނަކަން ހަފީޒާއަށް އެނގެއެވެ. އެހެނަސް، ހަފީޒާއަށް އެއްޗެއް ގަނެދޭން ވެއްޖެއްޔާ، ބަހަނާތަކެއް ދައްކައިފައި ނޫނީ ގަނެއެއް ނުދެއެވެ. މީޒާއަށް އެ ކަން އެނގެއެވެ.

ކޮންމެ އާއިލާއެއްގައި ވެސް ސިއްރެއް އޮންނާނެއެވެ. ގިނަ ފަހަރަށް، މީހާޔާ އެކުގައި އެ ސިއްރު ވެސް ސަންދޯކުގައި ވަޅުލެވެއެވެ. އެހެނަސް، ބައެއް ފަހަރު އެއް ސިއްރު ފޮރުވުމަކީ އަނެއް ސިއްރަށް ތަނަވަސްވާ މަގެކެވެ. އެއް މައްސަލަ ހައްލުނުކޮށް ދޫކޮށްލުމަކީ އަނެއް މައްސަލައަށް ހުޅުވޭ ދޮރެކެވެ. އައުރަ ނިވާކުރުމުގެ މުހިންމުކަން ގޭތެރޭގައި ކުޑަވަމުންދިޔަ ވަރަކަށް، މީޒާގެ ވިސްނުން ދިޔައީ ބަދަލުވަމުންނެވެ. އެހެން މީހުން ހެދުންއަޅާ ގޮތާ މެދު މީޒާއަށް ފާޑުނުކިޔުނަސް، މީޒާގެ ހެދުންތަކަށް އަވަސް ބަދަލުތަކެއް ދިޔައީ އަންނަމުންނެވެ.

މީޒާގެ ހެދުމުގެ ކަރު ކުޑަވާން ފެށިއެވެ. އަތުކުރި ދިގުވެ، ގަޔަށް ދޫވާން ފެށިއެވެ. އެކަކުގެ ކަންކަމާ އަނެކަކު ނުބެހުމުގެ ސިޔާސަތު އާންމުވެފައިވާ ގޭގައި އޮތް ވަރުގަދަ އުސޫލުގައި ރެނދުލާން ފެށީ އެ ހިސާބުންނެވެ. މީޒާގެ ހެދުންތައް މީޒާޔާ ނުގުޅޭ ވާހަކައާއި، ޒަމާނަށް ނުފެތޭ ވާހަކައާއި، ޖަނާން ލަދުގަންނަ ވާހަކަ މީޒާއަށް އިވެން ފެށިއެވެ. އެންމެ ފުރަތަމަ އެ ވާހަކަ އިވުނީ ބޭރުތެރެއިންނެވެ. ޖަނާންގެ ފަހަރިއެއްގެ ރައްޓެއްސެއްގެ ފަރާތުންނެވެ. މީޒާ ދިނީ ބީރުކަންފަތެވެ. ހިތަށްއެރިއެވެ. މީޒާގެ ހެދުން ކަމުނުދާ ނަމަ އެ ވާހަކަ ބުނާނީ ޖަނާނެވެ.

ގޭތެރެއިން އެންމެ ފުރަތަމަ އެ ފަދަ ވާހަކައެއް ބުނީ މީޒާގެ މައިދައިތައެވެ. ޖަނާންގެ މަންމައެވެ. ވަރަށް ވެސް ސަމާސާ ގޮތަކަށެވެ. މަލާމާތުގެ އެއްވެސް ކުލައެއް ނުޖައްސައެވެ. ކަމަކާ ޝައްކު އުފެދުމުން އެ ޝައްކު ބޮޑުވުމަކީ ވާ ގޮތެކެވެ. މީޒާ ހުންނަ ތަންތަނުގައި ފެޝަންގެ ވާހަކަދެއްކުން، ތަންކޮޅެއް ގިނަވާހެން މީޒާއަށް ހީވާން ފެށިއެވެ. އޭރު ވެސް ޖަނާން ހުރީ ހަމަހިމޭނުންނެވެ. މީޒާގެ އެއްވެސް ހެދުމަކަށް ޖަނާން ފާޑެއް ނުކިޔައެވެ. އެހެނަސް، މީޒާގެ ހެދުންތަކަށް އަންނަމުންދިޔަ ބަދަލު ޖަނާނަކަށް ކަމަކުނުދެއެވެ. އެ ވާހަކަނުދައްކައި ހުރީއެވެ. ގޭގައި އާންމުވެފައި އޮންނަ މިނިވަން ހިޔާލަށް އިހުތިރާމުކުރުމުގެ ގޮތުންނެވެ. އެކަކު ކުރާ ކަންތަކާ އަނެކަކެއް ނުބެހޭނެއެވެ. އެއީ ދެމަފިރިން ކަމުގައި ވިޔަސް ވެހެވެ.

ކުއްލިއަކަށް ގޭތެރެއަށް ގުގުމައިލީ، އެންމެންގެ ސަމާލުކަން އެއް ދިމާއަކަށް ފޯކަސްކުރުވި ސުރުހީއެކެވެ. މީޒާ މާބަނޑުވީއެވެ. އޭރު ކައިވެންޏަށް ވީ ދޮޅު އަހަރެވެ. އަލިފާން ފަރުބަދައެއްހެން ގޮވަން ތައްޔާރުވި މައްސަލަ ހިނދި، ތަހުނިޔާގެ ނައްކާރައިން ދެ އާއިލާ ހަލަބޮލިކޮށްލިއެވެ. އެހެނަސް މީޒާގެ ހިތުގައި އޭރު ސުވާލުތަކެއް އުފެދިއްޖެއެވެ. އެކެއްގެ ކަންކަމާ އަނެކަކު ނުބެހުމުގެ އުސޫލެއް ގޭގައި އޮންނަ އިރު، މީޒާގެ ހެދުންއެޅުމާ އެންމެނަށް ބެހެވުނީ ކީއްވެގެން ހެއްޔެވެ؟ ހިރިގަލުގައި ކަނޑައިނެގިފައިވާ އުސޫލުން މީޒާ މަހުރޫމުވީ ކީއްވެގެން ހެއްޔެވެ؟

"އަހަރެން ވިހައިގެން ދުވަސްކޮޅަކު މަންމަ ގޭގަ އޮވެފަ މި ގެއަށް އަންނާނީ،" ޖަނާން ގާތުގައި މީޒާ ބުންޏެވެ. "އޯކޭތަ؟"

"އެއްވެސް މައްސަލައެއް ނެތް." ޖަނާން އެއްބަސްވިއެވެ.

"އަދި އެއް ވާހަކަ،" މީޒާ ބުންޏެވެ. "އަހަރެން ބޭނުން ބުރުގާއަޅަން."

ނުނިމޭ