އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ކުރާ ކޯލްތައް އިތުރުވެ، ސަމާލުވާން އެދިއްޖެ
އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ކުރާ ކޯލްތައް އިތުރުވެ، ސަމާލުވާން އެދިއްޖެ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި އޮޅުވާލައިގެން، ފައިސާގެ މުއާމަލާތްތައް ހިންގުވަން ކުރާ ކޯލްތައް މިދުވަސްވަރު އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެ އެވެ.

އެޗްޑީސީން ބުނީ މޯބައިލް ނަމްބަރުތަކުން ގުޅައި އެޗްޑީސީ ކަމަށް ބުނެ، އޮޅުވާލައިގެން ފައިސާގެ މުއާމަލާތް ހިންގަން އުޅޭ ކަމުގެ ޝަކުވާތައް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. ފްލެޓް ދޭނެ ކަމަށް ބުނެ ފައިސާގެ މުއާމަލާތް ހިންގުމަށް މޯބައިލް ނަމްބަރުތަކުން އެ ކުންފުނިން ނުގުޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެފަދަ ކޯލެއް ލިބިއްޖެ ނަމަ، އެޗްޑީސީގެ ކޯލް ސެންޓަރު، 1516 އަށް ގުޅާ އެކަމެއް ސާފުކުރުމަށް ވެސް އެދުނެވެ.

އެޗްޑީސީގެ ނަމުގައި ކަމަށް ބުނެ ގުޅި ކޯލެއްގެ ރިކޯޑިން "މިހާރު"އަށް ލިބިފައިވާ އިރު ގުޅި މީހާގެ ހުށަހެޅުމަކީ ފްލެޓެއް ދިނުމެވެ. ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ޓަވަރުތަކަކުން ފްލެޓް ދޭނެ ކަމަށާއި ނޮވެމްބަރުގައި އެތަންތަން ނިމޭނެ ކަމަށް ވެސް ބުނެ އެވެ.

މި ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ދަފްތަރެއް މިހާރު ސަރުކާރުން އެކުލަވާފައިވާތީ އެ މީހުންނަކީ ވެސް އެ ދަފްތަރުގައި ހިމެނޭ ބައެއް ކަމަށް ގުޅައިގެން ވާހަކަ ދައްކާ މީހާ ބުނާ އަޑު އިވެ އެވެ.

އެ ކޯލް ކުރި މީހާ ވާހަކަ ދައްކަނީ ފޭކް ކޯލެއް ކަމަށް ގަބޫލުކުރަން ދަތިވާހާ ވެސް ފަރިތަކޮށެވެ.

އޭނާ ފުރަތަމަ ވާހަކަ ދައްކާއިރު ފައިސާގެ މުއާމަލާތް ނުހިންގާ ކަމަށް ބުނެ އެވެ. އެކަމަކު ފަހުން ބުނަނީ ފްލެޓަށް ފައިސާ ނަގާނީ ވެސް ހަ މަސް ފަހުން ކަމަށާއި އެގޮތުން 5000ރ. މަހަކު ނަގާނެ ކަމަށެވެ.

އެކަމުގެ މައުލޫމާތުދޭން ބާއްވާ ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެގެން ކަމަށް ބުނެ ފޯނަށް ރަޖިސްޓްރީ ނަމްބަރެއް ވެސް ފޮނުވަ އެވެ. އެކަމަކު އެ ގުޅައިގެން ހުރި މީހާ ވަނީ އެ ކޯލާ މެދު ޝައްކުވާ ކަމަށް ބުނެ ފޯނު ކަނޑާލައިފަ އެވެ.

މިހާ ބޮޑަށް އޮޅުވާލައި ރޭވިގެން މިކަން ހިނގާތީ އެޗްޑީސީން އެދެނީ ފޭކް ކޯލްތަކުގެ މަޅީގައި ނުޖެހުމަށެވެ. އަދި އެ ކަމަށް ސަމާލުވުމަށް އިލްތިމާސްކުރި އެވެ.