18 ޑިސެމްބަރ 2016 - 13:45

ރާއްޖޭގެ މައި އެއާޕޯޓް ތަރައްގީ ކުރަން ހިންގާ މަޝްރޫއު އަށް 40 މިލިއަން ޑޮލަރު (614 މިލިއަން ރުފިޔާ)ގެ ލޯނެއް ދޭން އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ން ނިންމައިފި އެވެ.

އެއާޕޯޓުގެ މަޝްރޫއު އަށް އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިން ދޭ 50 މިލިއަން ޑޮލަރު (768 މިލިއަން ރުފިޔާ)ގެ ލޯނު އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު "މިހާރު"ން ކުރި ސުވާލެއްގެ ޖަވާބުގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ 40 މިލިއަން ޑޮލަރު ދޭން އަބޫ ދާބީ ފަންޑުން އެއްބަސްވެފައިވާ ކަމަށެވެ. އެ ލޯނު އެ ފަންޑުގެ ބޯޑުން އަންނަ މަހުގެ ކުރީކޮޅު ފާސްކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ އަންނަ އަހަރުގެ ކުރީކޮޅު އަބޫ ދާބީ ފަންޑާ އެކު ވެސް ސޮއިކުރެވޭނެ ކަމަށް،" މުނައްވަރު ވިދާޅުވި އެވެ.
އަބޫ ދާބީ ފަންޑުން ވެސް ލޯނު ދެނީ އާ ޓާމިނަލްގެ މަސައްކަތަށެވެ.
އަަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތް ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށް މިދިޔަ މޭ މަހުގެ ފަހުކޮޅު ހަވާލުކޮށްފައި ވަނީ ސައޫދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ. ޓާމިނަލް ޑިޒައިން ކުރުމުގެ މަސައްކަތް ވެސް ކުރަނީ ބިން ލާދިން ގްރޫޕުންނެވެ.
ޓާމިނަލްގެ މަސައްކަތަށް މީގެ ކުރިން ވަނީ ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)، ކުވޭތު ފަންޑުން 50 މިލިއަން ޑޮލަރު އަދި އޮފިޑުން 50 މިލިއަން ޑޮލަރުގެ ލޯނު ދީފަ އެވެ. މީގެ އިތުރުން، އެ މަޝްރޫއު އަށް އޮފިޑުން އިތުރު 50 މިލިއަން ޑޮލަރުގެ ލޯނު ދޭން އެއްބަސްވެފައިވާކަން ވެސް މިނިސްޓަރު މުނައްވަރު އިއުލާން ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއާޕޯޓުގެ މަޝްރޫއު އަށް ލޯނު ދީފައިވާ ހުރިހާ އެޖެންސީތަކެއް ބައިވެރިވާ ބައްދަލުވުމެއް އަންނަ މާޗު މަސް ހިސާބުގައި ރާއްޖޭގައި ބާއްވަން ވަނީ ނިންމައިފަ އެވެ. އެއީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަޝްރޫއު އަށް ދީފައިވާ ލޯނުތަކުން ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ދާ މިންވަރު މުރާޖައާކޮށް، އިތުުރު ފައިސާ ބޭނުންވާ ނަމަ އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބާއްވާ ބައްދަލުވުމެކެވެ.
"ގިނަ ފަހަރަށް ފަންޑިން ހަމަޖެހޭ ގޮތަކީ، އަޅުގަނޑުމެން މަސައްކަތް ކުރިއަށް ދާ ވަރަކަށް އެ ކޮޅުން އިތުރުކުރަމުން ދަނީ. އޮފިޑުން ވެސް ހަމަ އެ ގޮތަށް އިތުރު 50 މިލިއަން އަދި ސައުދީ ފަންޑުން ވެސް އިތުރަށް ދެއްވާނެ ކަމަށް ވިދާޅުވެފައި ވަނީ. އެހެންވީމަ، އެ ހުރިހާ އެއްޗެއް ވެސް އަޅުގަނޑުމެން މަސައްކަތް ޕްރޮގްރެސް ވާ ވަރަކަށް ފަންޑިންތައް ޑިސްޕާސްް ކުރަމުން ދާނީ،" އޭނާ ވިދާޅުވި އެވެ.
މިހާރު ލިބިފައިވާ ފައިސާ އާއި އިތުރަށް ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރާ މިންވަރާ އެކު ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ޓާމިނަލްގެ މަޝްރޫއު އަށް މިހާރު ވަނީ ހަމަޖެހިފަ އެވެ. ބާކީ ހޭދަކުރަން ޖެހޭ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ހަމަޖައްސާނީ، މިނިސްޓަރު މުނައްވަރު ވިދާޅުވި ގޮތުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.
"މިހާރު ވެސް އެ ކުންފުނިން ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު މުޅި އެއާޕޯޓުގެ މަޝްރޫއު އަށް ހޭދަކޮށްފި،" އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާ އެކު ހުންނަވައި، މުނައްވަރު ވިދާޅުވި އެވެ.
އާ ޓާމިނަލް ހިމެނެނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރަން ސަރުކާރުން ހިންގާ 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއުގެ ތެރޭގަ އެވެ. ޓާމިނަލްގެ އިތުރުން، ގާތްގަނޑަކަށް 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން އާ ރަންވޭއެއް ވެސް އެއާޕޯޓުގައި އަޅަން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއު އަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.