16 ފެބުރުއަރީ 2022 - 06:20

ދުނިޔޭގެ އެންމެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސައުތު ކޮރެއާގެ ތަރިންއަކީ ލީ މިން ހޯ އާއި ކޭ ޕޮޕް ބޭންޑް "ބީޓީއެސް" ކަމަށް އެ ގައުމުގެ ސަރުކާރުން އިއްޔެ ބުނެފި އެވެ.

މިއީ "ބޯއީސް އޯވާ ފްލޯވާ" ގެ ތަރި ލީ މިން ހޯ އާއި ޒުވާން އަންހެން ކުދިންގެ ހިތްތައް ކަތިލާފައިވާ "ބީޓީއެސް" މި މަގާމު ޖެހިޖެހިގެން ދިފާއުކުރި ދެ ވަނަ އަހަރެވެ.

މިދިޔަ ހޯމަ ދުވަހު، ސައުތު ކޮރެއާގެ މިނިސްޓްރީ އޮފް ކަލްޗާ، ސްޕޯޓްސް އެންޑް ޓޫރިޒަމް އާއި ކޮރެއަން ފައުންޑޭޝަން ފޯ އިންޓަނޭޝަނަލް ކަލްޗާ އެކްސްޗޭންޖުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން ބީޓީއެސް އަކީ އެންމެ ގިނަ ބައެއްގެ ވޯޓު ލިބޭ ކޭޕޮޕް ގްރޫޕެވެ. އަދި ލީ މިން ހޯ އަކީ އެންމެ ގިނަ ބައެއްގެ "ފޭވްރިޓް" އެކްޓަރެވެ.
އުމުރުން 15-59 އަހަރާ ދެމެދުގެ މީހުން ބައިވެރިކޮށްގެން އެމެރިކާ، ރަޝިއާ އަދި ޖަޕާން ވެސް ހިމެނޭ ގޮތަށް 18 ގައުމެއްގައި ކުރިއަށް ގެންދާ މި ސާވޭ އަކީ އަހަރަކު އެއް ފަހަރު ހަދާ ސާވޭއެކެވެ. މިފަހަރު އާންމުކުރި ސާވޭގެ ނަތީޖާ އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 5 އިން ޑިސެމްބަރު 8 ގެ ނިޔަލަށް އޮންލައިންކޮށްް، ކުރިއަށް ގެންދިޔަ ސާވޭއެކެވެ.
މި ސާވޭގައި އެންމެ މަގުބޫލު ކޭ ޕޮޕް ބޭންޑަށް ބީޓީއެސް ވާދަކުރީ، "ބްލެކްޕިންކް" އާ އެވެ. އަދި ލީ މިން ހޯ އާ ގާތުން ވާދަކުރީ އެކްޓަރު ހިއުން ބިން އެވެ.
ހަތް ފިރިހެން ބައިވެރިން ހިމެނޭ "ބީޓީއެސް" އަކީ 2010 ވަނަ އަަހަރު އުފެދުނު ބޭންޑެކެވެ. އެ ބޭންޑުގައި ހިމެނޭ ވަކިވަކި މެމްބަރުންނަށް ވެސް އެތައް ބައެއްގެ ލޯބި ލިބިފައިވެ އެވެ. އަދި 2009 ވަނަ އަހަރު "ޖޫ ޖަން ޕިޔޯ" ގެ ރޯލުން މަގުބޫލުވި ލީ މިން ހޯއަކީ ހިޓު އެތައް ސީރީޒެއްގައި މަސައްކަތްކޮށްފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި "ސިޓީ ހަންޓާ" އާއި "ޕާސަނަލް ޓޭސްޓް" އަދި "ދަ ހެއާސް" ފަދަ ސީރީޒްތައް ހިމެނެ އެވެ. އޭނާއަކީ ކޮރެއާގެ ތަރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފޮލޯކުރާ ތަރި ވެސް މެ އެވެ.