15 ފެބުރުއަރީ 2022 - 15:47

މާލީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުން ދޮގު މައުލޫމާތެއް ދީފި ނަމަ މަގާމުން ވަކިކޮށް ދެ އަހަރަށް ޖަލަށް ލެވޭ ގާނޫނެއް އެކުލަވައިލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅި "މާލީ އަދި އެހެނިހެން މަސްލަހަތު ހާމަ ކުރުމުގެ ބިލު" ގެ ފުރަތަމަ ކިޔުން މަޖިލީހުގައި މިއަދު ވަނީ އިއްވައިފަ އެވެ.
އެ ބިލު ހުށަހެޅުމުގެ ސަބަބެއް ކަމުގައި ބުނެފައި ވަނީ މާލީ ބަޔާން ހުށަހަޅަން ޖެހޭ މީހުންނާއި ދައުލަތުގެ މަގާމްތައް އަދާ ކުރާ ފަރާތްތަކުގެ މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަ ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމާއި، އެއްހަމަ ކޮށް، ދެ ފުށް ފެންނަ ގޮތަކަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމެވެ.
މާލީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކާއި ހުށަހަޅަން ޖެހޭ މައުލޫމާތާއި އަދި އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އަމަލު ކުރަން ޖެހޭނެ ގޮތް ބަޔާން ކުރާ އެ ބިލުގައިވާ ގޮތުން އެއްވެސް ފަރާތަކުން މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ހިމެނުމަކީ ކުށެކެވެ.
އެ ކުށުގެ އަދަބަކީ އެ މީހަކު މަގާމުން ވަކި ކުރުމާއި ދެ އަހަރަށް ޖަލަށް ލުން އަދި މައްސަލައިގެ ކުޑަބޮޑު މިނަށް ބަލައި 500،000ރ. އިން ޖޫރިމަނާ ކުރުން ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
އެ ބިލުގައި ބުނީ ދޮގު މައުލޫމާތު ދޭ ފަރާތެއްގެ މައްސަލަ ތަހުގީގު ކުރުމަށް ކަމާބެހޭ މުއައްސަސާއަކަށް ފޮނުވަން ޖެހޭނެ ކަމަށާއި އެ މައްސަލަ 30 ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ކޯޓުތަކުން ވެސް 60 ދުވަސް ތެރޭގައި އެ މައްސަލާގައި ހުކުމް ކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
މާލީ ބަޔާންތަކުގެ މައުލޫމާތު ސައްހަކަން ކަށަވަރު ކުރާ މިނިވަން މުއައްސަސާ ނުވަތަ އިދާރާ އިން އަންގާ އެންގުމާ ހިލާފުވާ ނަމަ ގިނަވެގެން 100،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށާއި އެކަން ތަކުރާރު ކުރާ ނަމަ ގިނަވެގެން 500،00ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އެ ބިލުގައި ވެ އެވެ.
މާލީ ބަޔާން ހުށަހެޅުމަށް ބިލުގައި ބުނާ މުއްދަތަށް ވުރެ ލަސްވިޔަސް ކުޑަބޮޑު މިނަށް ބަލައި ގިނަވެގެން 100،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
- ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މިލްކުވާ ނުވަތަ ކުއްޔަށް ހިފާފައިވާ ގޯތިގެދޮރުގެ ތަފްސީލް
- ރާއްޖެ ނުވަތަ ރާއްޖެއިން ބޭރުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނީގެ ތަފްސީލް
- ބޭރުގެ އެއްވެސް ބެންކެއްގައި ނުވަތަ މާލީ އިދާރާއެއްގެ އެކައުންޓުގައިވާ ފައިސާގެ ތަފްސީލް
- ނަގާފައިވާ އަދި ދޫކޮށްފައިވާ ލޯނާއި ރަހުނުކޮށްފައިވާ މުދަލުގެ ތަފްސީލް
- މަގާމާ ގުޅިގެން ލިބިފައިވާ ހަދިޔާތަކާއި ދަތުރުތަކާއި ވަގުތުން ބޭނުން ކުރެވޭ ތަކެތީގެ ތަފްސީލް
މާލީ ބަޔާންތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން މުދަލާއި ފައިސާ ލިބޭ ގޮތާއި އެކި މުއްދަތުގައި ހުށަހަޅާފައިވާ ބަޔާންތަކުގައި ހިމެނޭ މައުލޫމާތު އަޅާ ކިޔަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި ތިން ވަނަ ފަރާތަކުން ހުށަހަޅާ ޝަކުވާއަކާ ގުޅިގެން ސައްހަކަން ކަށަވަރު ކުރާ މުއައްސަސާ އިން އިސްނެގުމުގެ މަތިން އިތުރަށް ކަންކަން ބަލަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައި ވެ އެވެ.