18 ޑިސެމްބަރ 2016 - 14:44

މައިލޯ ޕެކެޓެެއް ހިފައިގެން ހުރެ ފޮޓޯއެއް ނަގައިގެން މައުންޓަން ބައިސްކަލެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އަންނަ ފެބްރުއަރީ 15 ގެ ނިޔަލަށް، "މަމް، މީ އެންޑް މައި މައިލޯ" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާ އަކު ނަސީބުވެރިން ހޮވާނެ އެވެ. އަދި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ޖުމްލަ 100 ބައިސްކަލު ނަސީބުވެރިންނަށް ދޭނެ ކަމަށް މައިލޯ އިން ބުންޏެވެ.
"ޕްރޮމޯޝަންގައި ބައިވެރިވުމަށް މަންމައިން، ދަރިންނާ އެކު މައިލޯ ޕެކެޓެއް ހިފައިގެން ހުރެ ފޮޓޯއެއް ނެގުމަށް ފަހު އެ ފޮޓޯ ފޮނުވަންވީ. ކޮންމެ ހަފުތާ އަކު ނަސީބުވެރިން ހޮވާނެ،" ބައިކް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނާ ބެހޭ ގޮތުން މައިލޯ އިން ބުންޏެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން އަށް އަހަރާއި 16 އަހަރާ ދެމެދުގެ ދަރިން ތިބި މައިންނަށެވެ. ކޮންމެ ބައިވެރިއަކަށް އެއް ފޮޓޯ އަށް ވުރެ ގިނަ ފޮޓޯ ހުށަހެޅުނު ނަމަވެސް، ކޮންމެ މީހަކަށް ލިބޭނީ އެއް އިނާމެވެ.
މި ޕްރޮމޮޝަނުގައި ބައިވެރިވުމަށް ފޮޓޯ ފޮނުވަން ޖެހެނީ ނަމާއި ގުޅޭނެ ނަންބަރު ޖެހުމަށް ފަހު، ބައިކް މޯލްޑިވްސްގެ ފޭސްބުކް ޕޭޖު ނުވަތަ ވައިބާ މެދުވެރިކޮށް، 7320620 އަށެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރުމަށް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ހަފްލާއެއް ބާއްވާނެ ކަމަށް މައިލޯޯ އިން ބުންޏެވެ.