މިއަހަރު ހޮލީވުޑްގެ ފެށުން ވަރަށް ވަރުގަދަ
މިއަހަރު ހޮލީވުޑްގެ ފެށުން ވަރަށް ވަރުގަދަ

މި ހަފުތާއަކީ ހޮލީވުޑްގެ ބޮޑު ސްކްރީނާއި ކުޑަ ސްކްރީނަށް ވެސް ވަރަށް މުހިއްމު ހަފްތާއެކެވެ. ހަފުތާ ފެށިގެން ދިޔައީ ހޮލީވުޑްގެ ބޮޑެތި ޕްރޮޖެކްޓްތަކުގެ ޓްރެއިލާތަކާ އެކުގަ އެވެ.

އެމެރިކާގެ ފުޓްބޯޅައިގެ ބޮޑު އިވެންޓެއް ކަމަށްވާ ސުޕަބޯލްއާ އެކު ހޮލީވުޑްގެ ގިނަ އުފެއްދުންތަކެއް ވަނީ ދައްކާލައިފަ އެވެ. އޭގެ ތެރޭގައި މާވެލްގެ ބޮޑެތި އުފެއްދުންތަކުން ފެށިގެން، ބޮޑު ބަޖެޓުތަކުގެ ފިލްމުތައް ވެސް ހިމެނެ އެވެ. މި ހިމަނާލަނީ އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ޓްރެއިލާތަކެވެ.

ސްޕައިޑާމޭންއާ އެކު މާވެލް އިން މިދިޔަ އަހަރު ނިންމާލީ ވަރަށް ވަރުގަދަކޮށެވެ. އަދި މި އަހަރުގެ ފެށުން ވެސް އެ ސްޓޫޑިއޯ އިން މި ވަނީ ގަދަކޮށްލައިފަ އެވެ. ރީގެ މާވެލް ފިލްމުތަކާ ގުޅުވާލައިގެން ތައްޔާރުކުރާ ޑޮކްޓާ ސްޓްރޭންޖްގެ އާ ފިލްމަކީ މިި އަހަރު މާވެލް އިން ގެނެސްދޭ އެންމެ ބޮޑު އެއް ފިލްމަށް ވާނެ އެވެ.

އެ ފިލްމުގެ އާ ޓްރެއިލާއިން ވެސް ފިލްމަށް އޮތް ހައިޕް ވަރަށް ފުރިހަމަ އަށް ފެނިއްޖެ އެވެ. މި ޓްރެއިލާއިން މާވެލްގެ އާ ކެރެކްޓާސްތައް ދައްކާލާއިރު އޭގެ ތެރޭގައި ގިނަ ބަޔަކު އިންތިޒާރުކުރާ އެމެރިކާ ޝެވޭޒް ދައްކާލަ އެވެ. އަދި މާވެލް "އިލުމިނާޓީ" އަށް އަލިއަޅުވާލާނެ ކަމުގެ ނިޝާންތަކެއް ވެސް ޓްރެއިލާއިން ފެނެ އެވެ.

އެތައް އަހަރެއް ވަންދެއް މަގުބޫލު ކަމެއް ހޯދާފައިވާ ޖުރެސިކް ޕާކް ފްރެންޗައިޒް އާ ގުޅުވައިގެން ނެރޭ ޖުރެސިކް ވޯލްޑްގެ ތިން ވަނަ ފިލްމު ވަރަށް ހާއްސަ ވާނެ އެވެ. ޓްރެއިލާއިން ވެސް ވަނީ މި ފިލްމު ހާއްސަ ވާނެ ކަން ހާމަކޮށްދީފަ އެވެ. އެގޮތުން 93ގައި ނެރުނު ޖުރެސިކް ޕާކުގެ ލީޑް ރޯލުން ފެނިފައިވާ އެކްޓަރުން ލޯރާ ޑާން އާއި ޖެފް ގޯލްޑްބްލަމް އަދި ސޭމް ނީލް ވެސް މި ފިލްމުން ފެންނާނެ ކަމަށް ޓްރެއިލާއިން ވަނީ އެނގިފަ އެވެ.

ޑީސީ އަށް ވެސް މިއީ ބޮޑު އަހަރަކަށް ވާނެ ކަން ވަނީ އަލަށް ނެރުނު ޓްރެއިލާއިން ހާމަވެފަ އެވެ. ޑީސީގެ ތަފާތު ސުޕަހީރޯ ފިލްމުތައް މި އަހަރު ނެރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އާ ބެޓްމޭން ފިލްމާއި އަކުއާމޭން ސީކުއެލްގެ އިތުރުން ބްލެކް އެޑަމް އަދި ފްލެޝް ހިމެނެ އެވެ.

ލޯޑް އޮފް ދަ ރިންގްސް އަކީ ހޮލީވުޑް އިން އުފެއްދި އެންމެ ވަރުގަދަ އެއް ފްރެންޗައިޒެވެ. ބޮޑު ސްކްރީން ފަތަހަ ކުރުމަށް ފަހު މިފަހަރު ލޯޑް އޮފް ދަ ރިންގްސް ތައްޔާރުވަނީ ކުޑަ ސްކްރީނަށް ގެނައުމަށެވެ. މިއީ މިހާތަނަށް އުފައްދާ އެންމެ އަގުބޮޑު ޓީވީ ސީރީޒެވެ. އެމެޒޯންގެ ޕްރައިމް ވީޑިއޯ އަށް އަންނަ މި ޝޯގެ ފުރަތަމަ ސީޒަން އަށް އެކަނި ވެސް 462 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.

ޝޯގެ ބަޖެޓު ބޮޑުކަން ޓީޒަރުން ވެސް ފެނެ އެވެ. ތަފާތު ތަންތަނުން ދައްކާ އެ ޝޯގެ އިފެކްޓްސްތަކާއި ކޮސްޓިއުމްތަކަށް ވެސް ބޮޑު ހަރަދެއް ކޮށްފައިވާ ކަން ޓީޒާއިން އެނގެ އެވެ. ޓީޒާއާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ހިޔާލު ތަފާތުވެފައިވެ އެވެ. ނަމަވެސް ވަކި ގޮތެއް ނިންމާނީ ޝޯ ނިކުތުމުން ކަމަށް ގިނަ މީހުން ބުނެ އެވެ.

މޫން ނައިޓް އަކީ މާވެލްގެ އުފެއްދުންތަކުގެ ތެރެއިން ޑިޒްނީ ޕްލަސް އަށް އެންމެ އަވަހަށް ނެރުމަށް ތައްޔާރުވެފައިވާ ޝޯ އެވެ. މޫން ނައިޓްއާ އެކު މާވެލް ސިނެމެޓިކް ޔުނިވާސް އަށް އާ ސުޕަހީރޯއެއް ތައާރަފު ވާނެ އެވެ. މޫން ނައިޓް އަކީ މާވެލްގެ އެހެން ސުޕަހީރޯ ކެރެކްޓަރުންތަކަށް ވުރެ ސީރިއަސް އަދި "ޑާކް" ކެރެކްޓަރަކަށް ވާނެ ކަމަށް މާވެލް އިން ބުނެ އެވެ. އެ ރޯލު ކުޅެނީ އޮސްކާ އައިޒާކެވެ.