ފަނޑިޔާރުންނަށް ހަ މަހުގެ މެޓާނިޓީ ލީވް ލިބޭ ގޮތް ހަދަން ފާސް ކޮށްފި
ފަނޑިޔާރުންނަށް ހަ މަހުގެ މެޓާނިޓީ ލީވް ލިބޭ ގޮތް ހަދަން ފާސް ކޮށްފި

ވިހެއުމާ ގުޅިގެން ލިބޭ މެޓާނިޓީ ލީވް ފަނޑިޔާރުންނަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވި މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 57 މެމްބަރުންގެ އިއްތިފާގުންނެވެ.

ބިލު ހުށަހެޅުމުގެ ބޭނުމަކީ، ޝަހީމް ވިދާޅުވި ގޮތުގައި ވިހެއުމާ ގުޅިގެން ފަނޑިޔާރުންނަށް ލިބޭ ޗުއްޓީ އަކީ އެކަށީގެންވާ މުއްދަތަކަށް ދެވޭ ޗުއްޓީއެއް ކަމުގައި ކަނޑައެޅުމެވެ.

މެޓާނިޓީ ލީވްގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް އަންހެން ފަނޑިޔާރުންނަށް ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށާއި ފިރިހެން ފަނޑިޔާރުންނަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް އެ ބިލުގައިވެ އެވެ.

އެ މައްސަލާގައި ބަހުސް ކުރެއްވި ހުރިހާ މެންބަރުން ވެސް މެޓާނިޓީ ލީވް ދިނުމަށް އެއްބަސްވެ އެވެ.

ނަމަވެސް ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކާއި މައްސަލަތައް ނުބެލި އިންސާފު ލިބުން ލަސްވާ މައްސަލާގައި ގިނަ މެމްބަރުން ވަނީ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.