މާދަމާ ޔޫކްރޭނަށް ހަމަލާ ދޭނެ ކަމަށް ބެލެވޭތީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރަނީ
މާދަމާ ޔޫކްރޭނަށް ހަމަލާ ދޭނެ ކަމަށް ބެލެވޭތީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރަނީ

މާދަމާ އަކީ ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާދީ އެ ގައުމަށް އަރައިގަންނާނެ ކަމަށް، ހުޅަނގުގެ ގައުމުތަކުން ލަފާކުރާ ދުވަސް ކަމަށްވާތީ، މާދަމާއަކީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހެއްގެ ގޮތުގައި ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ހަމަޖައްސަވައިފި އެވެ.

ޓީވީ މެދުވެރިކުރައްވައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ޒެލެންސްކީ އެދިވަޑައިގަތީ، މާދަމާ ޔޫކްރޭންގެ ހުރިހާ އިމާރާތްތަކުގައި ގައުމީ ދިދަތައް ނަގައި ގައުމީ ސަލާން ކިޔައި، ރައްޔިތުންގެ އެއްބައިވަންތަކަން ހާމަކޮށްދިނުމަށެވެ. ރަޝިޔާ ސިފައިން މާދަމާ ޔޫކްރޭނަށް ހަމަލާ ދޭން ފަށާނެ ކަމަށް ރައީސް ޒެލެންސްކީ ގަބޫލު ނުކުރައްވާ ކަމަށް ޔޫކްރޭން ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވެ އެވެ.

އެހެން ނަމަވެސް، ޔޫރަޕުގެ ގައުމުތަކުގެ ސަރުކާރުތަކާ ހަވާލާދީ ހުޅަނގުގެ ހަބަރު ފަތުރާ އިދާރާތަކުން ބުނާ ގޮތުގައި ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދޭން ފަށާނެ ކަމަށް ބެލެވޭ އެންމެ އަވަސް ތާރީޚަކީ މި މަހުގެ 16 ވަނަ ދުވަހެވެ.

"އެމީހުން އަހަރެމެން ގާތުގައި އެ ބުނަނީ ފެބްރުއަރީ 16 ވަނަ ދުވަހަކީ، އަހަރެމެންނަށް ހަމަލާ ދޭނެ ދުވަސް ކަމަށް. އަހަރެން ބޭނުންވަނީ އެ ދުވަހަކީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހަކަށް ހަދަން،" ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.

"އަސްކަރީ ހަރަކާތްތައް ފަށާނެ ވަކި ތާރީޚެއް ކަނޑައަޅައިގެން އެމީހުން އެ އުޅެނީ އަނެއްކާ ވެސް އަހަރެމެންގެ މެދުގައި ބިރުވެރިކަން އުފައްދަން. އެ ދުވަހުން އަހަރެމެންގެ ގެތަކުގައި ގައުމީ ދިދަތައް ނަގައި ރީނދުލާއި ނޫ ކުލައިގެ ބެނާތައް ދަމައިގެން، މުޅި ދުނިޔެއަށް އަހަރެމެންގެ އެއްބައިވަންތަކަން ދައްކައިދޭނަން."

ރަޝިޔާ އިން ޔޫކްރޭނަށް ނުރައްކާ ކުރިމަތިކުރާ ކަމަށް ގަބޫލު ކުރެއްވިޔަސް، ރައީސް ޒެލެންސްކީ މީގެ ކުރިން ވެސް ވިދާޅުވެފައި ވަނީ، ރަޝިޔާ އިން މި ވަގުތު އެފަދަ ހަމަލާއެއް ދީފާނެ ކަމަށް ހުޅަނގުގެ އެކުވެރި ގައުމުތަކުން ވާހަކަދައްކަނީ މާ ބޮޑުކޮށްލައިގެން ކަމަށެވެ. އޭގެ ސަބަބުން ޔޫކްރޭން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ޔޫކްރޭންގެ ހުރިހާ ސްޓޭޓްތަކާއި ހުރިހާ ރަށްތަކުގައި ވެސް، ހުރިހާ ގެތަކުގައި މާދަމާ ގައުމީ ދިދަ ނެގުމަށް، އިއްޔެ ވަނީ ރިއާސީ ގަރާރަކުން އަމުރުކޮށްފަ އެވެ. އޭގެ އިތުރުން މާދަމާގެ ހެނދުނު 10 ޖަހާއިރު ހުރިހާ ރައްޔިތުން ގައުމީ ސަލާން ކިޔުމަށް ވެސް އަންގަވާފައި އެވެ.

ރަޝިޔާ ސިފައިންގެ ކޮންމެ އުދުވާނަކުން ގައުމު ދިފާއުކުރުމަށް، ޔޫކްރޭންގެ ސިފައިންނާއި ވެރިން ތިބީ ތައްޔާރަށް ކަމަށް، އެ ގައުމުގެ ސިފައިންގެ އެންމެ އިސް ވެރިޔާ ވަނީ ވިދާޅުވެފަ އެވެ. ސިފައިންނަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ސިފައިންނާއި، އެ ގައުމުގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ލަޝްކަރުގެ ސިފައިންގެ މުސާރަ ބޮޑުކުރުމަށް ވެސް، ރައީސް ޒެލެންސްކީ އިއްޔެ ވަނީ ނިންމަވައިފަ އެވެ.